ޓީ ޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އުނައިޝް ފަރުވާއަށް ފުރަނީ! ބޭނުންވަނީ އެހީއެއް

ޢަލީ ޔާމީން

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މާލޭ ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރަކާއި، ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އެންމެ ބޮޑަށް ފިހުނު އއ. އުކުޅަސް/ ޑޭޒީމާގެ އަހުމަދު އުނައިޝް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

އުމުރުން 25 އަހަރުގެ އުނައިޝްގެ ބޭބެ، ނައުފަލް މޫސާ "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ބުނީ، އާސަންދައާއި އެންސްޕާގެ އެހީގައި މާދަމާގެ ވަގުތެއްގައި އޭނާގެ ކޮއްކޮ އިންޑިއާއަށް ގެންދިޔުމަށް ހަމެޖެހިފައިވާ ކަމަށާއި، ކޮއްކޮ ގެންދިޔުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ކަމަށެވެ. އަލިފާނުގެ ހާދިސާގައި ފިހުނު އުނައިޝްއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގެވެ. އަދި އޭނާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެއެވެ.

އުނައިޝްގެ ބޭބެ ނައުފަލްއަކީ، ފެތުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން އޭނާ އަކީ 2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ފެތުމުގެ ދާއިރާގައި ހިދުމަތްކޮށްދެމުން އަންނަ ކުޅަދާނަ ހިދުމަތްތެރިއެވެ. މާލޭގެ ހުރިހާ ސްކޫލަކަށް ނައުފަލްގެ ހިދުމަތް ލިބިފައިވާއިރު، އޭނާގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކުޅިވަރުގެ ރޮނގުން އޭނާއަށް ޤައުމީ އިނާމު ދީފައެވެ. ނައުފަލް އަކީ، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރެއްވެސް މެއެވެ.


ނައުފަލް ބުނި ގޮތުގައި އޭނާގެ ކޮއްކޮއަށް ކުރިމަތިވި މި ހިތާމަވެރި ހާދިސާގައި ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ވަނީ ލިބިފައެވެ. ހާއްސަކޮށް، އޭނާ ފަތަން ދަސްކޮށްދޭ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، އެހީތެރިކަން ނައުފަލް ފާހަގަކުރިއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި، އޭނާގެ އުފަންރަށް، އއ. އުކުޅަހުގެ ރައްޔިތުންނާއި، ރަށުގެ ކައުންސިލުގެ ފަރާތުން ލިބުނު އެހީތެރިކަން ނައުފަލް ފާހަގަކުރިއެވެ.

ނައުފަލް ބުނީ، ކޮއްކޮގެ ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރިޔަސް، އިންޑިއާގައި ހުރުމާއި، ކެއުމުގެ ކަންކަން ބަލަހައްޓަން ޖެހެނީ އަމިއްލައަށް ކަމަށެވެ. އަދި ކޮއްކޮގެ ހާލަތަށް ބަލައި އިންޑިއާގައި މަޑު ކުރަން ޖެހޭނެ ސީދާ މުއްދަތެއް ނޭނގޭތީ، ހުރުމާއި، ކެއުމަށް ބޮޑު ހަރަދެއް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނައުފަލްގެ އެދުމަކީ، އޭނާގެ ކޮއްކޮއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ފަރާތްތަކުން އެކަން ކޮށްދިނުމެވެ. އަދި މިފަދަ ހިތްދަތި ހާލަތެއްގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ޝުކުރުވެރިކަމާއެކު ނައުފަލް ފާހަގަކުރިއެވެ.

އުނައިޝްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނައުފަލްގެ މޯބައިލް ނަންބަރ، 7776063 އާއި ގުޅައިގެން ކުރިއަށް ގެންދެވުން އޭނާ އެދެއެވެ.

ބީއެމްއެލް އެކައުންޓް ނަންބަރު:

7701149454101 (ނައުފަލް މޫސާ)

ކިޔުންތެރިންގެ ހިޔާލު