"އެޅިހައި ބަތަކަށް ރިހަ" ދިވެހިންގެ އެންމެ ބޮޑު ބަލިފައި

ޙުސެއިން ޝާހް

ސިޔާސީ އޮއެވަރުގެ ގަދަ ކަނޑެއްގައި ދިވެހީން ޖެހިފައި ވާއިރު ވިސްނާލަން ޖެހޭ ކަމަކީ، ކޮންމެ ކަމެއްގައިވެސް ވަކި ހައްދަކާއި ހުދޫދެއް އޮންނަން ޖެހޭކަމެވެ. މަތިވެރިވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި, ދީނާއި ހިލާފު ކަމެއް ނުކުރަން މިއީ ހަމައެކަނި ފޮތެއްގެ ބަނޑޭރިފުށުގައި އޮންނަން ޖެހޭ ލިޔުމަކަށް ވެގެން ނުވާނެއެވެ. ދިވެހި ރާއްޖޭގެ ފެހި ގާނޫނު އަސާސީގައި އިސްލާމްދީނުގެ ހުކުމްތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އޮތްއިރު ފެންނަމުންދާ ހަގީގަތަކީ މިއާއި ދިމާ އިދިކޮޅަށް ދިވެހީންގެ ތެރެއިން މަދުބަޔަކު ނަމަވެސް ތެދުވެގެން އުޅޭތަނެވެ. މާތް ﷲ އާއި އަހަރުމެންގެ މާތް ނަބިއްޔާ محمد ﷺ ފުރައްސާރަ ކުރަމުން ބަޔަކު ހޯއްގޮވާއިރު ސަރުކާރުން މިކަމަށް އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާކަން ފާހަގަ ކުރުމަކީ ނެތް ކަމެއް ނޫނެވެ.

އެތައް ފޮނި އުންމީދުތަކެއްކޮށް 5 އަހަރުގެ މުއްދަތަކަށް ހޮވާ ސަރުކާރަކީ ނުކުޅެދޭ ސަރުކާރަކަށް ވެއްޖެނަމަ އެކަމުގެ ހިތި ކުރިމަގު ޖީލަށް ކުރާނެކަމާއިމެދު ޝައްކެއްނެތެވެ. ދީނުގެ ކަންކަމަށް ފުރައްސާރަ ކުރަމުން ދާއިރު މިކަމަށް ހަރުކަށި އަދަބު ނުދެވުމަކީ ގައުމުގެ މަސްލަހަތު ގެއްލިދާނެ ނުރައްކާތެރި ކަމެކެވެ. ދީނަށް ފުރައްސާރަ ކުރަމުން ދުވާ ބައިގަނޑަށް ހިތްވަރެއް ކަމުގައި އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ނުދެވުން ވެގެން ދާނެއެވެ. މިނިވަންކަމަށް ވަކާލާތުކޮށް ވާހަކަ ދައްކާ ލާދީނިއްޔަތުގެ މަތީގައި ތިބެ ދިވެހީންގެ ސިކުނޑިތަކާ ކުޅެމުންދަނީ ހީނުކުރާ މިންވަރަކަށެވެ.

މިނިވަންކަމަކީ ހިތު ހުރި ކޮންމެ ގޮތަކަށް އުޅުންކަމުގައި އެމީހުން ދެކޭފަދައެވެ. މިނިވަންކަމަކީ ﷲ ގެ ހައްދުން ބޭރުވުމެއް ނޫނެކެވެ. ހަގީގީ މިނިވަންކަމަކީ ﷲ ގެ ޝަރީއަތަށް ރުހުމާއި އެކު އަމަލުން އެކަން ދެއްކުމެވެ.

ސަރުކާރުގެ އެންމެ މަތިވެރި އަމާޒަކަށް ވާންޖެހޭ ކަމަކީ ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުން ކަމުގައި ވާއިރު، ދީނަށް ފުރައްސާރަކުރާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ. ނޫންނަމަ ޕޯޑިއަމް ތަކުގައި "ގައުމުގެ ސުލްހަ މަސަލަސްކަން" ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްގެ ގޮތުގައި ބޭނުން ކުރާ ލަފުޒަކަށް ވެގެން ނުވާނެއެވެ. ތިމާގެ ޕާޓީ މީހާ ވީތީ އެޅިހައި ބަތަށް ރިހަވެގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު