ކެޓަހޯލިކްސް ކަރުނައިން ފުރާލައިފި!!

ޙުސެއިން ޝާހް

ބުޅަލަކީ އިންސާނުންނާއި އެންމެ ގައިގޯޅިކަން ބޮޑު އެއް ޖަނަވާރެވެ. ދުނިޔޭގެ ނިސްބަތުން ބަލާލިކަމުގައި ވީނަމަވެސް އޮޅުކޮށްގެން ގޭގޭގައި އެންމެ ގިނަ ބަޔަކު ގެންގުޅޭ އެއް ޖަނަވާރަކީ ބުޅަލެވެ. ބުޅަލުގެ ދަރިފަސްކޮޅަށް ބަލާލާއިރު މީގެ ނަސްލު އެތައް ބަޔަކަށް ބެހިފައިވާކަން ފާހަގަ ކޮށްލެވެއެވެ. މީގެ އެތައް ނަސްލެއްގެ ބުޅާ މިރާއްޖޭގަ މިހާރު ގިނަ އަދަދަކަށްް ގެންގުޅެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ދީނީ ގޮތުން ބަލާލި ކަމުގައިވީ ނަމަވެސް ބުޅާ ގެންގުޅުމަކީ އެންމެ އެދެވޭ ކަމެކެވެ.

މިގޮތުން އިސްލާމްދީނުގައި ބުޅާ ވިއްކާ ވިޔަފާރި ކުރުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އެހެނީ ބުޅާ ވަނީ ހަދިޔާގެ ތެރެއިންނެވެ. މި ކުޑަކުޑަ ދިވެހި މުޖުތަމައުއަށް ބަލާލިކަމުގައި ވީނަމަަވެސް ބުޅާ ގެންގުޅުން މިވަނީ އެތައް ބައެއްގެ ހިތްހަމަ ޖެހުމާއި ގުޅިފައެވެ. ގޭގައި މާބޮޑު ޖާގައިގެ ތަނަވަސް ކަމެއް ނެތް ނަމަވެސް މިކަން ކުރަމުންދާ ދިވެހީންގެ އަދަދު ވަރަށް ގިނައެވެ. ހާއްސަ ގޮތެއްގައި މާލެ، ހުޅުމާލެ، ވިލިނގިލި މިގޮތުން ފާހަގަ ކޮށްލެވެއެވެ.

މިފަހަކަށް އައިސް މާލޭގައި މަދު ބަޔަކު ނަމަވެސް އެއްވެސް މަގުސަދެއް ނެތް ގޮތެއްގައި އިހާނެތި ކަމާއިއެކު ބުޅާ މަރަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ދިރޭތަކެއްޗަށް އިހާނެތިކޮށް ހިތުމާއި މެރުމުގެ ނުރައްކާތެރިކަން މިއުންމަތުގެ މާތް ނަބިއްޔާ މުހައްމަދު ސައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީސް ފުޅުތަކުން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ބުޅަލެއް ބަނދެ އެއަށް ކާން ނުދީ ބޭއްވި އަންހެނަކަށް ޢަޛާބު ދެވުނު ގޮތުގެ ވާހަކައަށް ކުޑަކޮށް އަލި އަޅުވާލާނަމެވެ. 

އެ އަންހެންމީހާ ބުޅާ ބަންދުކޮށްފައި އެއަށް ކާކަށް ނުދެއެވެ. އަދި އަމިއްލައަށް ކާތަކެތި ހޯދުމަށް ދުލެއްވެސް ނުކުރިއެވެ. އެއަންހެންމީހާގެ ފާފަތައް ﷲ ފުއްސަވައި ނުދެއްވިއެވެ.އަދި އެ އަންހެންމީހާވީ ނަރަކަވަންތަ ވެރީންގެ ތެރެއިންނެވެ. އިސްލާމް ދީނުގައި ދިރޭތަކެތި ހައްގަކައިނުލާ މެރުން ނުވަތަ އެތަކެއްޗަށް ގޯނާކުރުން ހަރުކަށި އިބާރާތުން ނަހީކުރައްވާފައި ވާއިރު މިތަކެއްޗަށް ހިތުހުރި ގޮތެއް ހަދަމުންދާކަމީ ލަދުވެތިވާންޖެހޭ ހިތާމަ ހުރި ކަމެކެވެ.

ބުޅަލަށް ދިވެހީންގެ މެދުގައި އޮތް ލޯބި ހާމަވެގެންދާ އެއްތަނަކީ މޯލްޑިވިއަން ކެޓަހޯލިކްސް ފޭސް ބުކް ޕޭޖެވެ. 24712 މީހުން ބަލާ މި ފޭސްބުކް ޕޭޖުގައި ބުޅަލާ ބެހޭ ތަފާތު އެކިއެކި ކަންކަމުގެ މައުލޫމާތުތައް ލިބެއެވެ. އެކަކު އަނެކަކަށް ހަދިޔާގެ ގޮތުގައި ބުޅާ ހޯދައި ދިނުން މިއީ ކޮންމެ ދުވަހެއްގައިވެސް މި ޕޭޖުގައި ހިނގާ މުއާމަލާތްތަކެކެވެ. އަނިޔާވެފައި އޮތް ކޮންމެ ޖަނަވާރަކަށް ކެތަހޮލިކްސްގެ ހިއްސާކުރާ މައުލޫމަތާއި އެކު އެހީތެރިވާކަން އުފަލާއި އެކު ފާހަގަ ކުރެވެއެވެ.

އަދި ހަމަ މިއާއި އެކު ފާހަގަ ކޮށްލެވޭ ކަމަކީ މަގުތަކުގައި އުޅޭ ބުޅަލަށް ކާންދިނުމަކީ ބުޅަލަށް ލޯބިކުރާ ފަރާތް ތަކުން ގަވައިދުން ކުރަމުންދާ ކަމެއްކަމެވެ. މިފަރާތް ތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވާ އެއްކަމަކީ ޖަނަވާރުންނަށް ހާއްސަކޮށްގެން ހިދުމަތް ލިބޭނެ ކުލިނިކެއް ގާއިމް ކުރެވިފައި ނެތުންކަން ފާހަގަ ކުރެވެއެވެ. އެތައްް ދުވަހަކަަށްފަހު ޖަނަވާރުންނަށް ހިދުމަތް ދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީ އިންވަނީ ޖަނަވާރުންނަށް ކުލިނިކެއް ނެތި ހިދުމަތް ދޭން ފަށާފައެވެ. ނަމަވެސް މިކަމަކީ އެންމެ އެދެވޭ ގޮތުގައި ދެވޭ ހިދުމަތެއް ނޫންކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެހެން ނަމަވެސް މިއަދު ކެޓަހޯލިކްސްގެ އެންމެ ބޮޑު ޝަކުވާއަކަށް މިފަހަކަށް އައިސް މިވީ ބުޅާ މެރުމުގެ ޝަކުވާއެވެ. މިފަދަ ކަންކަން ހުއްޓުވަން އެއްވެސް ސަރުކާރެއްގައި މާބޮޑު އަހައްމިއްޔަތުކަމެއް ދީފައި ނުވާކަމީ ހިތާމަހުރި ކަމެކެވެ. އެހެން ނަމަވެސް ސަރުކާރުތަކުން މޫސުމީ ދޫނި ހިފާ ފަރާތްތަކަށް ކަނޑަ އަޅާފައިވާ މިންގަނޑުން އަދަބު ދޭތަން ފެނެއެވެ. ވީއިރު ދިރޭތަކެތި ހިމާޔާތްކުރުމުގެ ގޮތުން ބުޅަލައް ގޯނާ ކުރުމާއި އެފަދަ ތަކެތި މަރާ ފަރާތް ތަކާއިމެދު ފިޔަވަޅު ނޭޅެނީތޯ ނުވަތަ އެފަދަ ހިތްވަރެއް ނެތީތޯ މިއީ އުފެދޭނެ ސުވާލެކެވެ!!

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ޖަނަވާރަށް އަނިޔާވެރި އަމަލު ކުރުން ކުށް ކަނޑަ އެޅުން 625 (ހ) މީހެއްގެ އިހުމާލުން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިކަމަށްވާނަމަ އެމީހަ އެކުރަނީ ކުށެކެވެ.

(1) އަނިޔާވެރިކަމާއި އެކު ޖަނަވާރަކާއި މެދު އަމަލުކުރުން؛ ނުވަތަ

(2) އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވަރަކަށް އަޅާނުލާ ދޫކޮށްލުން ހިމެނެއެވެ. މިކަން މިހެން އޮތްއިރު މިކަމަށް ފިޔަވަޅު ނޭޅި ލަސްވަނީ ކީއްވެތޯ މިއީ ހިތުގައި އުފެދޭ ބޮޑު ސުވާލެކެވެ. މިކަމަށް ވީ އެންމެ އަވަސް ގޮތެއްގައި ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭކަމަަށް ގަބޫލުކުރެވެއެވެ.

ގާނުނު އަސާސީ ގައި ބަޔާންްކޮށްފައިވާ ކޮންމެ ކަމަކީ އެއަށް އަމަލުކުރަން ޖެހޭ ކަންކަމެވެ. ގާނުނާއި ހިލާފުވުމަކީ އެކަމަކަށް ކަނޑައެޅިފައިވާ އަދަބު ކަށަވަރު ކޮށްދޭން ޖެހޭނެ ކަމެކެވެ. ވެލާ ކަހަނބު ހިމާޔަތް ކުރާ އުސޫލުން މިކަމަކީވެސް ކޮންމެހެން ކުރުން ލާޒިމުކަމެކެވެ. މިކަމަށް ފިޔަވަޅު ނޭޅޭ ނަމަ ގާނުނު އަސާސީ އިން ލިއްބައިދޭ ބާރުގައި ހަގީގަތުގައި އެއްވެސް ބުރަދަނެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު