ހޯރައިގެ ދާއިމީ ވަޒަން ނުރައްކަލެއްގެ ތެރޭގައި

ޢަލީ ޔާމީން
ގއ. ހިތާދޫ : ފޮޓޯ- ކޮލަމާފުށީ ކައުންސިލް

ގއ އަތޮޅަށް ފުރިހަމަކަމެއް ގެނެސްދޭ ހިތާދޫއަކީ ޅޮސް ގަސްތައް ގިނަ ރަށެކެވެ. ރީތި މަލަމަށްޗަކާއި އެކު އުމުރު ދިގު ޅޮސް ގަސްތަކުން ފުރިފައި އޮތް ރަށެކެވެ. ހިތާދޫ އަކީ މަސްއައިން ހޯދުމަށް މަސްވެރިންނަށް އާރުކާޓީކޮށްދޭ ހޯރައިގެ ވަޒަންވެރި ރަށެވެ. ދުވާލުގެ ވަގުތުގައި މަސް ކަނޑުތަކުގައި ކާއެއްޗެހި ހޯދަން އުޅެފައި ވަރުބަލިވެގެން އެސޮރުމެން ގޮސް މަޑު ކުރަނީ ހިތާދޫގެ ބިޔަ ޅޮސް ގަސްތަކުގަ އެވެ. އެ ޅޮސް ގަސްތަކުގައި އެސޮރުމެން ހާލި ހަދައި ބިސް އަޅައި އުޅެއެވެ.

ދިގު ފިޔަގަނޑަކާއެކު އުޑުގެ ވިލާތަކާ ހަމައަށް އުދުހި އުޅޭ ހޯރަ ތިރިކުރަނީ ރާޢްޖޭގެ ދެ ރަށަކަށެވެ. އެއީ ގއ. ހިތާދޫގެ އިތުރުން ބ. އޮޅުގިރިއެވެ.


ގއ އަތޮޅުގެ ޒީނަތްތެރިކަން އެންމެ ބޮޑަށް ރަމްޒުކޮށްދޭ ހިތާދޫ މިއަދު މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ރަށުގެ އެކި ސަރަހައްދުތައް ގިރުމުގެ ސަބަބުން ރަށުގެ ހިކިފަސް ބިން މިވަނީ ކުޑަވެފައެވެ. ތެދަށް ދެމިލާފައި ހުރި ހިތްގައިމު ޅޮސް ގަސްތައް ދަނީ މުލުން ލުހެވި ވެށްޓެމުންނެވެ. ރަށުގެ އުތުރު ފަރާތުން ބޮޑުބައެއް ގިރާލައި، މޫދަށް ގިނަ ގަސްތަކެއް ވެއްޓި އޮޔާދާ މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިއާގައި އާންމުވެފައިވާއިރު މިއީ ހެވިފައި މަންޒަރު ބަލަން ތިބެވޭ ވަރަށް ވުރެއް ނުރައްކާތެރި ކަމެކެވެ. ނެތިގެން އެދަނީ މީގެ 18 އަހަރު ކުރިން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ހޯރައިގެ ވަޒަނެވެ. ނެތެމުން އެދަނީ ރާއްޖޭގެ މަދު ސަރަހައްދަކުން ނޫނީ ނުފެންނަ ޅޮސްގަހުގެ އާބާދީއެވެ.


ގއ. ހިތާދޫގެ ގިރަމުންދާ ސަރަހައްދަށް ބޮޑު ޅޯސް ގަހެއް ވެއްޓިފައި– ފޮޓޯ/ ހުވަދޫ ޑޮޓްކޮމް


މީގެ 11 ވަރަކަށް އަހަރު ކުރިން ހިތާދޫގެ މަލަމަށްޗަށް ރީތި ނަލަ ޅޮސް ގަސްތަކާއި އެރަށުގެ މަތިން އުދުހެމުން ދާ ހޯރަތަކުގެ ސަބަބުން ފުރިހަމަކަން ގެނެސްދިން ނަމަވެސް މިއަދު މިވަނީ އެ މަންޒަރު ބަދަލުވެފައެވެ. މިހާރު ހިތާދޫއަށް މަދުން ނޫނީ ހޯރައެއް ޖައްސާ މަންޒަރެއް ނުފެއެވެ. ރަށުގައި ހުރި ޅޮސް ގަސްތަކުގެ އަދަދު އިނގިލިން ގުޅާލެވޭހާ މަދެވެ. މިއީ ނުރައްކަލުގެ ފެހި ސިގްނަލެކެވެ. 


ގއ. ހިތާދޫގެ އުތުރު ފަރާތު ބޮޑު ބައެއް ގިރާލައި، ޅޮސް ގައްތައް މޫދަށް ވެއްޓިފައި– ފޮޓޯ/ ހުވަދޫ ޑޮޓްކޮމް

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ހިތާދޫއަކީ ސަރުކާރުން މީގެ އަހަރުތަކެއް ކުރީން ހިމާޔަތްކޮށްފައިވާ ރަށެކެވެ. އެރަށުގެ ބެލެނިވެރިކަން ވަނީ 10 ވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި އޮތް ކޮލަމާފުށްޓާއި ހަވާލުކޮށްފައެވެ. 

ހިތާދޫގެ އެކި ސަރަހައްދުތައް ގިރަމުން އަންނަ އިރު އެކަމާއި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭ އިން ދިނީ ފިނި ޖަވާބެކެވެ. އެރަށް އެގޮތުގައި ބޭއްވުން ނޫން އިތުރު ގޮތެއް އީޕީއޭއަކަށް ނުފެނުނެވެ.

"އަޅުގަނޑުމެން ތިކަމުގަައި ކުރާނެ ކަމެއް ނެތް. އެ ރަށް އޭގެ ޒާތުގައި އޮތް ގޮތައް ބޭއްވިއްޔާ ކަންނޭނގެ އެންމެ ރަނގަޅުވާނީ. ޤުދުރަތީ ގޮތުން ވާ ކަންތައްތައް އެއީ." އީޕީއޭގެ އިސް ފަރާތަކުން "ޖަޒީރާ"އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.


ހިތާދޫ އަކީ ވަކި އުސޫލެއްގެ ދަށުން އަރައި ފޭބޭ ރަށަކަށް ވާއިރު، އެރަށަކީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރީންގެ މެދުގައިވެސް މަޤުބޫލު މަންޒިލެކެވެ. ރަށްގިރުމުގެ އިތުރުން ހޯރައިގެ އާބާދީ އެރަށުން އާދަޔާހިލާފަށް މަދުވެފައިވަނީ އިންސާނީ ބައެއްް އަމަލުތަކުގެ ސަބަބުން ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އެގޮތުން ހޯރަ ހިފައިގެން ގެންގުޅުމާއި، ހޯރަ ބިސް އަޅާ، ޅޮސް ގަސްތަކަށް ގެއްލުން ދިނުން ފަދަ ބައެއް ކަންތައްތައް ވަނީ މީގެ ކުރީން ފެންމަތިވެފައެވެ.

ހިތާދޫ މިއަދު މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިތާދޫއަށް މިއަދު ކުރިމަތިވަމުން އެދާ މައްސަލައަށް އެދެވޭ ހައްލެއް ނުހޯދިއްޖެ ނަމަ އަންނާން އޮތް ޖީލަށް ހިތާދޫއެއް ނޯންނާނެއެވެ. އަދި ހިތާދޫގައި ހެދިފައިވާ ބިޔަ ޅޮސް ގަސްތަކާއި އެ ގަސްތަކުގެ ވަަޒަންވެރީން ކަމުގައިވާ ހޯރައިގެ ވަސްވެސް ނުދުވާނެއެވެ. އެހެންކަމުން ހިތާދޫގެ އާދޭސް އަޑު އަހަން އެބަޖެއެވެ. ހޯރަތަކުގެ އާދޭސް އަޑު އަހަން އެބަޖެއެވެ. ޅޮސް ގަސްތަކުގެ އާދޭސް އަޑު އަހަން ޖެހެއެވެ. އެހުރިހާ އެއްޗެއްވެސް އެދި ގޮވަނީ ހަމަ އެންމެ އާދޭހަކަށެވެ. އާދެ، ސަލާމަތާއި ރައްކާތެރިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު