ގާޒީއަކު ބިމަށް ތިރިކުރި ކުރެހުން!

ހަމްދޫން ރަޝީދު
ފޮޓޯ: އޮށްވަޅު ފޭސްބުކް ޕޭޖް ފޮޓޯ: އޮށްވަޅު ފޭސްބުކް ޕޭޖް

ކުރެހުމަކީ މިހާރު ބީރައްޓެހި ކުރެހުމެއް ނޫނެވެ. އެންމެން ދަންނަ ކުރެހުމެކެވެ. ގާޒީއަކަށް ކުރެވުނު ކުށަކީ އެ ކުރެހުން ވައިބަރ އޮޅިއެއްގައި ހިއްސާ ކުރެވުމެވެ. މާފަށް އެދުނެވެ. ނަމަވެސް އައީ ސަސްޕެންސަނެވެ. މި ދައްކަނީ ދެ ދުވަހެއްކުރިން 3 ނޮވެމްބަރު ފާހަގަކުރުމަށް ފޭސްބުކް ޕޭޖަކުން އާންމުކުރި ކުރެހުމެއްގެ ވާހަކައެވެ. "އޮށްވަޅު" ކިޔާ ޕޭޖަކުން އެދުވަހު މީސްމީޑިއާއަށް ދޫކޮށްލި މި ފޮޓޯއިން ފެނިގެންދަނީ 1988 ވަނަ އަހަރު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގެ އަޑީގައި ތިބި ޚާއިނުންނާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިހާރުގެ ރައީސްގެ އަތުގައި ބިޑި އަޅުވައި ކަރުގައި ހިލިހިލާ ޖަހައިގެން އެ ހާދިސާގައި އެންމެ ބޮޑު ޤުރުބާނީއެއްވި އަދި ދިވެހިން އެ ބަޠަލެއްގެ މަތީން ދުވަހެއްގެ ކޮޅުންވެސް ހަނދާން ނުނެތޭނެ ޝަހީދު ހުސައިން އާދަމް ބަޑި ހިއްޕަވައިގެން ހުންނެވި މަންޒަރެވެ. ސާދާ ކުރެހުމެއްނަމަވެސް މި ކުރެހުމުގެ ހުރި ބާރުގަދަކަން މިއަދު މިވަނީ ފެނިގެން ގޮހެވެ.

އެ ދުވަހު ދިވެހީންނާއި މި ޤައުމު ސަލާމަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށް ބިމަށް ލޭ އޮހޮރުވާލި އެކަކަކީ ހަމަ ގައިމުވެސް ޝަހީދު ހުސައިން އާދަމެވެ. މިފަހަރު މި ދިވެހި ގައުމާއި އިސްލާމީ ވަހުދަތު ސަލާމަތް މި ކޮށްދިނީވެސް ހަމަ އެ ހުސައިން އާދަމެވެ. ހަމަ 3 ނޮވެމްބަރެއްގައެވެ. ކޮންފަދަ ބަޠަލެއް ތޯއެވެ؟ ގާޒީއެއްގެ އަތްޕުޅުން ވައިބަރ އޮޅިއަކަށް ދޫވި ފޮޓޯއަކުންނެވެ. އެ ފޮޓޯގެ ސަބަބުން އެ ގާޒީވަނީ ސަސްޕެންޑް ކުރެވިފައެވެ. އިއްޔެއަށް ތާވަލުކުރެވުނު ކުރީގެ ރައީސް އަބުދު ﷲ ޔާމީނުގެ ޝަރީޢަތްވަނީ ކެންސަލު ކުރެވިފައެވެ. ސިޔާސީ ވަކި ފިކުރެއްގައި ބަނދެވިފައިވާ އިސް ގާޒީއެއްގެ ހުކުމަކުން މި ޤައުމު ސަލާމަތްވުމުގެ މެދުވެރިއަކަށް މިވީ ކުރެހުމެކެވެ.

މިބުނާ ކުރެހުން ކުރެހި މީހެއް އަސްލު ނުވެސް އެނގެއެވެ. ނަމަވެސް އެ މީހަކަށް ޝުކުރު ހައްޤެވެ. ސަރުކާރުން ކަންކަމުގައި ގެންގުޅޭ ހަލުވިމިން މި ކުރެހުމުން ޘާބިތު ކޮށްދީފިއެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަކްގެ ނަމުގައި ހިންގި ޖަމިއްޔާއަކުން ނެރުނު ލާދީނީ ރިޕޯޓަކާ ގުޅިގެން އެބައިމީހުންނާމެދު ފިޔަވަޅު އެޅުން ލަސްވެ ރާއްޖޭގެ ގިނަ ކައުންސިލްތަކުންނާއި ސިޔާސީ އެތައް ބަޔަކު ބަޔާން ނެރެ، އަދި އެތައް ދިވެހިންނެއް މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް ބައެއް މީހުންނަށް އަދަބު ލިބި، ދީނީ ޢިލްމުވެރިންގެ އަޑުގަދަވެ އެ އަޑު ނުމެ އަހާ މަހެއްހާ ދުވަސްވެފައި ވަނިކޮށް މި ކުރެހުމެއް އާންމުވެ ގާޒީ އަށް "ނޭނގި" ވައިބަރ އޮޅިއަށް މި ފޮޓޯ ދޫވިތާ 24 ގަޑިއިރު ނުވަނީސް ގާޒީ ސަސްޕެންޑު ކުރުމުން މި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލާގައި އަދަބެއް ނުދީ މި ކުރެހުމާ ގުޅިގެން އަދަބު އަވަސްވީ ކީއްވެތޯ ދަނީ ސުވާލު ކުރަމުންނެވެ.

މިއީ ދިވެހި ތާރީޚުގައިވެސް ލިޔެވިގެންދާނެ ތަސްވީރެއްކަން ޔަޤީނެވެ. ކުރެހި ތަސްވީރެއްގެ ސަބަބުން މުޅި ދަޢުލަތް އެކަމަށް ވިސްނަން ޖެހިއްޖެއެވެ. ޝަރީއަތަކާމެދު ބަހުސެއް އުފެދި އިސް ގާޒީއަށް ފިޔަވަޅު އަޅައިފިއެވެ. ގާޒީއަށް ކުރެވުނު އެންމެ ކުށަކުންނެވެ. އިހުތިޔާރުގައި ވިޔަސް އަދި ބޭއިހްތިޔާރުގައި ނަމަވެސް އެ އިއްޒަތާ ގަދަރު، ފޭރިގެން ފިއޭ މިއަދު ބުނެ ހިއްސާ ކުރެވުނު ތަސްވީރަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު