އަބުރު ކަތިލެވުނު އިސް ގާޒީ ހައިލަމްއަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ލައިވްކޮށް ޝަރީއަތް ހިންގި ފަނޑިޔާރު!

ހަމްދޫން ރަޝީދު

ވައިބަރ އޮޅިއަކަށް ދޫވެގެންދިޔަ ތަސްވީރަކާހުރެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑް ކުރެވިފައެވެ. މަސައްކަތާ ދުރުކުރެވި އެކަހެރިކުރެވިފައެވެ. އެބޭފުޅާއަށް ކުރެވުނު ކުށަކީ ނޮވެމްބަރ 3 ގެ ހާދިސާއާ ގުޅޭ ތަސްވީރެއް ވައިބަރ އޮޅިއަކަށް ދޫކޮށްލެވުމެވެ. އެ ތަސްވީރުން ފެނިގެންދަނީ 3 ނޮވެމްބަރ 1988 ވަނަ އަހަރުގެ ޢުދުވާނީ ހަމަލާގެ ފަހަތުގައި ތިބި ދިވެހިންނާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ. ކުރެވުނު ކުށަށް މާފަށް އެދުނު ނަމަވެސް 24 ގަޑިއިރު ނުވަނީސް އެބޭފުޅާއަށްވަނީ އަދަބުދީފައެވެ. ސިޔާސީ ވެރިންގެ ނުފޫޒުންނެވެ. އެހެންނަމަވެސް މިވީތަނަށް ރާއްޖޭގައި ޝަރީޢަތެއް ޓީވީން ލައިވްކޮށްގެން ކުރިޔަށް ގެންގޮސްފައިވަނީ ގާޒީ ހައިލަމްކަމާމެދު ސުވާލު އުފެދޭނޭ ޖާގައެއްނެތެވެ.

ގާޒީ ހައިލަމްއަށް އޮޅުމެއްގެ ތެރެއިން ދޫވެގެންދިޔަ އެ ތަސްވީރުގެ ސަބަބުން އެބޭފުޅާގެ އަބުރު ވެއްޔާ މޮޑެވި، އެކަން ސިޔާސީވެރިން ސިޔާސީ ހަތިޔާރަކަށް މިވަނީ ހަދާފައެވެ. އާންމު އުޞޫލުގެ މަތިންނެވެ. އެބޭފުޅާގެ ބޮލުގައި އެތަކެއް އިލްޒާމްތަކެއްދަނީ އަޅުވަމުންނެވެ. ވަކި ކޮޅަކަށް ބުރަވެ ހުންނަ ބޭފުޅެއްކަމަށްވެސް ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ލައިވްކޮށް ކުރިޔަށްދިޔަ ޝަރީއަތް ދިވެހިން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އެ ޝަރީއަތުންވެސް ގާޒީ ހައިލަމްގެ ހިކުމަތްތެރިކަމާއި އިންސާފުވެރިކަން ވަނީ ހާމައަށް ދައްކުވައިދީފައެވެ. ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތަށް ހަމަހަމަކަމާއެކު ބަސް ބުނުމުގެ ފުރުޞަތުވަނީ ދެއްވާފައެވެ. ރައީސް ޔާމީންގެ ވަކީލުގެ ވާހަކަ ދެއްކުން ޚުތުބާއަކާ ފާޑުވާތީ އެވާހަކަވެސް އެއްވެސް ޖެހިލުމެއްނެތި ހާމަކުރިކަން މި ޝަރީއަތް ބެލި އެންމެނަށް އެއޮތީ ފެންނާށެވެ.

މި ދެންނެވި ޝަރީޢަތަކީ އެތައް ދިވެހިންނެއް ބަލަން ބޭނުންވެފައިވާ ޝަރީއަތަކަށް ވީހިނދު، އަދި ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް އެ ޝަރީޢަތުގެ ވާހަކަ ލިޔެވިގެންދާނޭ ޝަރީއަތަކަށްވީ ހިނދު އެންމެނަށް ފެންނާނެހެން ކުރިޔަށް ގެންދިޔައިރު ގާޒީ ހައިލަމްގެ ޤާބިލިއްޔަތުވަނީ ދައްކުވައިދެއްވާފައެވެ. އަދި އެ ޝަރީޢަތް ލައިވްކޮށް ކުރިޔަށް ގެންދިޔުމަށް ނިންމެވި ނިންމެވުމަކީ ގާޒީ ހައިލަމް އަމިއްލަފުޅަށް ނިންމެވި ނިންމެމުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ޝަރީއަތްތައް ލައިވް ކޮށް ކުރިޔަށް ގެންދިޔުމަށް ދަޢުވާއާއި ގުޅުންހުރި ފަރާތްތަކުން އެދުނު ނަމަވެސް އެކަން ބައްލަވާ ފަނޑިޔާރުން މިވީތަނަށް އެ ފުރުޞަތު ދީފައެއް ނުވެއެވެ. އޭގެ ތެރެއިންވެސް ރާއްޖެ ދުށް އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޝަރީޢަތް ލައިވްކުރަން އެދުނު ނަމަވެސް އެ ފުރުޞަތު ފަނޑިޔާރުވަނީ ނުދީފައެވެ.

ގާޒީ އަހުމަދު ހައިލަމްގެ ފަރާތުން ސިޔާސީ އެއްވެސް ހުކުމެއް މިވީހާތަނަށް ފެންނާކަށް ނެތެވެ. ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި، ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި، އަލީ ހަމީދާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ދަޢުވާއާއި ގުޅިގެން އެ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރެވުނެވެ. އެއީ ޓެރަރިޒަމްގެ ޤާނޫނުގެ އަސާސީގެ 26 ވަނަ މާއްދާގައި ބުނާ ގޮތުން ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ ފަދަ ހާލަތެއް އެމީހާގެ ވުޖޫދުގައިވާނަމަ ތަހުގީގު މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރަންވާނޭކަމަށް ޤާނޫނު އަސާސީ ބުނާއިރު ކުރިން މިދެންނެވި ފަރާތްތައް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއްކަން އެންމެނަށް އެނގޭނެއެވެ. އެފަރާތްތައް ބަންދަށް ލެވުނީ ދަޢުލަތާއި ފުލުހުން އެދިގެންކަމަށްވެފައި އަދި ބަންދުން ދޫކުރެވުނީ ފުލުހުންނާއި ޕީޖީން އެދިގެންކަމަށްވާއިރު އެކަންވެސް ސިޔާސީކޮށް އެކަން ކުރެވުނީ ވެރިކަން ބަދަލުވާން އުޅޭތީއޭ ނުވަތަ އިބުރާހިމް މުހައްމަދު ޞާލިހު އިންތިހާބު ކާމިޔާބު ކުރުމުން ކޮޅު ބަދަލު ކުރީއޭ ކިޔައިގެން ކިތަންމެ ވާހަކައެއް ދައްކާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރިނަމަވެސް ހަގީގަތް އެއޮތީ ފެންނާށެވެ. އަދި ޝަރީޢަތް ކުރުމާބެހޭ ޖިނާޢީ އިޖުރާޢަތު ޤަވާޢިދުގެ 14 ވަނަ މާއްދާ ބުނާ ގޮތުން ބަންދުގައި ހުންނަ ފަރާތަށްވެސް ބަންދު ރިވިއު ކުރަން އެދެވޭއިރު، އަދި ބަންދު ކުރި ފަރާތުން ބަންދު ކުރި ޙާލަތު މިހާރު ނެތޭ ދޫކޮށްލިއަސް އިޢުތިރާޒެއް ނެތޭ ބުނުމުން ބަންދު ކޮށްފައިވާ ފަރާތުން ބަންދުން ދޫކޮށްލުމަށް އެދިއްޖެ ހާލަތެއްގައި ކޯޓަށް ކުރެވޭނޭ ކަމަކީ ފަހެ ކޮބައިހެއްޔެވެ؟ އަދި ބަންދު ކުރެވުނު މީހުންގެ ތެރޭގައި އެމް.ޑީ.ޕީއަށް ނިސްބަތްވާ އެއްވެސް ފަރާތެއް ނެތްއިރު ގާޒީ ހައިލަމް ސިޔާސީ ހުކުމެއް ކުރިއޭ އެމްޑީޕީއަށާއި ސިޔާސީ މީހުންނަށް ބުނެވިދާނެ ހެއްޔެވެ؟

އަބުރު ކަތިލެވިފައިވާ އިސް ގާޒީ ހައިލަމްގެ ޝަރީއަތްތަކުން ދެން ފާހަގަކޮށް ނުލާ ދޫކޮށް ނުލެވޭނޭ ކަމަކީ ކޮންމެ ޝަރީއަތެއްވެސް، އެއީ ސިޔާސީ ވިޔަސް އަދި އެހެންކަމެއްގައި ވީ ނަމަވެސް، އަވަސް އަރުވާނުލާ ހަމަޖެހިގެން ޝަރީއަތް ހިންގެވިކަމެވެ. މީގެ ކުރިން ސިޔާސީ މީހުންގެ ޝަރީއަތްތައް 'ފަޓާސް' ބަރިއެއްހެން ނިންމާލިތަންވެސް ދެކެފީމެވެ. ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެން ބަރިބަރިއަށް ހުކުމްތައް ނެރުނުތަންވެސް އަހަރުމެން ދެކެފީމުއެވެ. ނަމަވެސް ގާޒީ ހައިލަމްވަނީ މިކަމުގައިވެސް މިސާލު ދައްކުވައިދީފައެވެ. ދެފަރާތަށްވެސް ވާހަކަ ދައްކާނޭ ފުރުޞަތުވަނީ ދެއްވާފައެވެ. ހެކި ހުށަހަޅާނޭ ވަގުތުވަނީ ދެއްވާފައެވެ. މައްސަލަ ބަލަމުން ގޮސްފައިވަނީ ފޮރުވުމެއްނެތި ހާމަކަން ބޮޑު ގޮތެއްގައެވެ. މިހާތަނަށްވެސް ގާޒީ ހައިލަމް ފެނިގެން ގޮސްފައިވަނީ "ހީރޯ" އެއް ފަދައިންނެވެ.

ވައިބަރ އޮޅިއަށް ދޫވެގެންދިޔަ ތަސްވީރުގެ މައްސަލާގައި ގާޒީ ހައިލަމްވަނީ މައާފަށްވެސް އެދިވަޑައިގެންފައެވެ. ކުރެވުނު ކުށް ޤަބޫލުކޮށްފައެވެ. އެބުނާ ސްކްރީންސޮޓެއް ލީކު ކޮށްލި އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމްވެސް އެކަންވަނީ ޤަބޫލުކޮށްފައެވެ. ނަމަވެސް ޖޭއެސްސީއަށް އެކަން ޤަބޫލު ނުކުރެވުނީ ބޭނުންވާ ގޮތަށް ހުކުމެއް ނެރޭނޭކަމުގެ ޔަގީންކަން ނުދިނުމުން ހެއްޔެވެ؟ އިންސާނަކަށް ކުށެއް ކުރެވިދާނެކަން ޤަބޫލު ނުކުރަނީބާވައެވެ.

ގާޒީ ހައިލަމްވަނީ މިދެންނެވި ކަންކަމުގެ ތަފްޞީލް ހިމަނުއްވާ ބަޔާނެއްވެސް ނެރުއްވާފައެވެ. މި ބަޔާނުގައި ޖޭއެސްސީއިން ތުހުމަތުކުރާ ފައިސާގެ މުޢާމަލާތާ ބެހޭގޮތުންނާއި ވައިބަރ އޮޅިއަށް ދޫވި ތަސްވީރާ ބެހޭ ގޮތުންވަނީ ހާމަ ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ އަލްހާން ފަހުމީއާ ދެމެދު ހިނގި ފައިސާގެ މުޢާމަލާތާއި ގުޅިގެން ފުލުހުން މީގެ ކުރިން ސުވާލުކުރުމުން އެކަން ހިނގާދިޔަ ގޮތް ކިޔައިދިނުމުން އެ މުޢާމަލާތުގައި ޖިނާޢީ އެއްވެސް ކުށެއް ނުހިމެނޭތީ އެކަން ނުބަލަން ނިންމާފައިވާކަމަށް ހައިލަމްގެ ބަޔާނުގައިވެއެވެ. އަދި މަޖިލީހުގެ މެމްބަރަކަށް ވުމުގެ ކުރިންވެސް ހައިލަމްއާއި އަލްހާނަކީ ގާތް ދެ ރަހްމަތްތެރިންކަމަށްވާތީ މިއަދާ ޖެހެންދެންވެސް އަލްހާންއާއި ގުޅުންހުރި އެއްވެސް މައްސަލައެއް ހައިލަމްއަށް ނުބެލޭނެކަމަށާއި އަދި ބަލާފައި ނުވެސް ވާނެކަމަށް ހައިލަމްގެ ބަޔާނުގައިވެއެވެ. އެހެންކަމަށްވާނަމަ މި މައްސަލަ މިހާރު ނެގުމުގެ މާނައެއް ނުވިސްނެއެވެ. މިއީ ޖުޑިޝަރީއަށް އަތްބޭނުން ނޫން ދެން ކޮންކަމެއްތޯ ސުވާލު އުފެދެއެވެ.

މި ދެންނެވި ކަންކަން މިހެން ހުރިކަމުގައިވީ ނަމަވެސް، ސިޔާސީވަކި ކުލައެއް ޖެއްސުމުގެ މަޤުޞަދުގައި ގާޒީ ހައިލަމްގެ އަބުރުމިވަނީ ކަތިލާފައެވެ. ސުވާލު އުފެދެނީ މި ހިސާބުންނެވެ. ގާޒީއަށް އެކިއެކި ތުހުމަތުކޮށް އެކަހެރިކުރި ޖުޑިޝަލް ސަވިސް ކޮމިޝަނުގައި ތިބީ ހައްތަހާވެސް ސިޔާސީ ކުލަތަކުން ޖަރީވެފައިވާ ބޭފުޅުންނެވެ. ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ސިޔާސީ ކުލައެއްގެ ކޯޓު ތުރު ނުކުރައްވާ ފަނޑިޔާރަކު ނެތެވެ. ފަނޑިޔާރުގެ މިނިވަން ކުރާނަމޭ ބުނެ ނަނާ ހުވަފެން ދައްކައިގެން މިފަހުން ވެރިކަމަށް އައިސް މިތިބަ ބޭފުޅުން މިހާރު މިކުރައްވަނީ އަދި މާ ހުތުރުކަންބޮޑު ކަމެއް ނޫންތޯއެވެ؟ ފަނޑިޔާރުގެ އިސްލާހުކުރާނަމޭ ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު ތިމަންމެން ބޭނުންވާފަދަ ގޮތަކަށް ޝަރީޢަތް ނުނިމިދާނެހެން ހީވާން ފެށީމާ، މަތިން އުދުހިލާ ވާލެއް ބުނެލާ ބަހަކަށް، ކުރަހާލެވިފައިވާ ތަސްވީރަކަށް ބިނާކޮށް ގައުމުގެ އެންމެނާ ގުޅުންހުރި މައްސަލައެއް ނިންމަންވެފައި ވަނިކޮށް އެ މައްސަލަ ބަލާ ގާޒީއަށް އަދަބު ދިނުމަކީ ތިޔަ ވިދާޅުވާ އިންސާފުތޯ ސުވާލު ކޮށްލަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު
ދފސަަދ
ބަލަ ޝަރީއަތެއް ލައިވްކުރުމަކީ އެއީ ފަނޑިޔާރުގެ މޮޅުކަމެއްނޫން މޮޅުކަމަކީ ތިމާގެ ޒިންމާ މަތިން އަބަދު ހަނދާންކޮށް ސާބިތުކަމާއެކު ކުރިއަށް ވަޑައިގަތުން