ކުރަންވީ އަނިޔާއެއް ނޫން، ވާންވީ ޝުކުރުވެރި!

ޢަލީ ޔާމީން
ފޮޓޯ: މޯލްޑިވްސް ބިޒްނެސް ރިވިއު ފޮޓޯ: މޯލްޑިވްސް ބިޒްނެސް ރިވިއު

ހަނދާނަށް އަންނަނީ، މީގެ ދެތިން ދުވަސްކުރިން މީސް މީޑިޔާގައި ތިލަވި ހަބަރެކެވެ. އެ ހަބަރުގައި ވަނީ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކަށް ކުނި ކޮތަޅަކުން މީހަކު ހަމަލާދިން ވާހަކައެވެ. ހަބަރު އެއްކޮށް ކިޔާ ނިންމާލި އިރު ލޮލުން ކަރުނަ ފާއްދާލިއެވެ. ވީ ދެރައިން ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތީ ބާއޭ ހިތައް އެރިއެވެ. ކުނި ކޮތަޅުން ވެމްކޯ މުވައްޒަފުގެ ގައިގައި ޖެހި މީހާގެ ބޮލަށް ކުނި ކޮތަޅު އަޅާލަފާނަމޭވެސް ހިތައް އެރިއެވެ. ނަމަވެސް އެއީވެސް ހައްލެއް ނޫންތާއެވެ!

ހަޤީޤަތުގައި ދައްކަން މިއުޅެނީ ވަރަށް މުހިންމު، އަދި އެހާމެ ސީރިއަސް ކަމެއްގެ ވާހަކައެވެ. ރާއްޖޭގެ އާބާދީގެ 12 އިންސައްތަ މީހުން މާލޭގައި ދިރިއުޅޭއިރު، އެ އެންމެންގެ ކުނިތައް ޝަކުވާއެއް ނެތި ސާފު އެކުރަނީ ހަމަ އެއްކަލަ ވެމްކޯ މުވައްޒަފުންނެވެ. ރޭގަނޑުގެ ވަގުތުގައި ކުނި ކޮޅެއް ނޯންނާނެހެން މުޅި މާލެ ޒީނަތްތެރިކޮށްލަނީ ހަމަ ވެމްކޯގެ ހީވާގި ކަނބަލުންނެވެ.

ބައެއް މީހުންނަށް ވެމްކޯގެ މުވައްޒަފުން އެކުރާ މަސައްކަތަކީ "ކަޑަ" އަދި ދަށުދަރަޖައިގެ މަސައްކަތެކޭ ހީވެދާނެއެވެ. އަދި އެމީހުންނަކީ ވަރަށް ދަށުދަރަޖައިގެ ބައެކޭވެސް ހިތައް އަރައިފާނެއެވެ. އެހެންނަމަވެސް  ހަޤީޤަތަށް ރުޖޫޢަވާއިރު ފެންނާން އޮތީ މުޅިން ތަފާތު މަންޒަރެކެވެ. ފިނި ކޮޓަރީގައި، ބޮޑު ގޮނޑީގައި ސައުދާގަރަކަށްވެގެން ނުއިނެއްކަމަކު ނިއްކުރިން ދައުތިކި ފޮހެލަމުން ވެމްކޯގެ މުވައްޒަފުން އެދަނީ ފަހަރަކު ގޭބިސީއަކުން ކުނި ނަގައި އެ ކުނިތައް އުކާލައި މާލެއަކީ، ހިތްފަސޭހަ އަދި ބަލާލަން ރީތި ތަނަކަށް ހަދަމުންނެވެ.

ފެހިކުލައިގެ ޔުނީފޯމުގައި، ކުނިކޮތަޅުތަކާއި އެކު ވެމްކޯގެ މުވައްޒަފުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅޭއިރު، އެ މުވައްޒަފުންނަށް ބައެއް ފަހަރު ފުރައްސާރައާއި، އަނިޔާ ތަހައްމަލު ކުރަން ޖެހެއެވެ. ނާތަހުޒީބު ބައެއްގެ ޝިކާރައަކަށް އެ މުވައްޒަފުންވެދެއެވެ. ބޭއަދަބީ ބަސްތަކުން އެ މުވައްޒަފުންނަށް މުޙާތަބު ކުރުމާއި، ހަރުކަށި ބަސްތައް އެމުވައްޒަފުންނަށް އަމާޒު ކުރެއެވެ. ޖަނަވާރަކާއި މެދުވެސް ކަންތައް ނުކުރާހާ އިހާނެތިކޮށް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ކަންތައް ކޮށްފައި އެބަހުއްޓެވެ. އެގޮތުން މީގެ ދެތިން ދުވަސް ކުރިން ވެމްކޯގެ މުވައްޒަފެއްގެ ބޮލަށް ކުނި ކޮތަޅު އެއްލާލި ހާދިސާއަށް ނަޒަރު ހިންގާލަމާތޯއެވެ.

ވެމްކޯގެ މުވައްޒަފެއް ކަމަށްވާ ޔޫނުސް އާދަމްގެ ބޮލަށް ކުނި ކޮތަޅު ޖަހާފައި އެވަނީ ރަޖިސްޓްރީނުކޮށް ހުރި ގޭބިސީއެއްގެ މީހަކު ކުނިކޮތަޅެއް އުކައި ދިނުމަށް އެދުމުން އެކަމަށް ޔޫނުސް އިންކާރު ކުރުމުންނެވެ. މިކަމުގައި ޔޫނުސްގެ ކުށެއް ނެތެވެ. ރަޖިސްޓްރީ ނުކުރުން އެއީ އެމީހާގެ މައްސަލައެކެވެ. މި ހާދިސާގައި އަނިޔާ ލިބުނު ޔޫނުސްއަކީ ވަޒީފާއަށް ވަފާތެރި މުވައްޒަފެކެވެ. ޔޫސުން އެ ދެއްކީ ނަމޫނާއެކެވެ. އެ ނަމޫނާ ވެމްކޯގެ މެނޭޖުމެންޓުން ވަނީ ބަލައިގަނެ ޔޫނުސްއަށް ހިތްވަރުދީފައެވެ. އަދި ވެމްކޯގެ މުވައްޒަފުންނަށް އަނިޔާކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ޔޫނުސް އެކަންޏެއް ނޫނެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިންވެސް މަސައްކަތުގައި އުޅުނު ވެމްކޯ މުވައްޒަފަކަށް މީހަކު ހަމަލާ ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ފެންމަތިވެފައި ވަނީ، މަގުމަތިން މީހަކު ވެމްކޯ މުވައްޒަފަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިޔާގައި އާންމުވުމާއި ގުޅިގެންނެވެ. އެ ވީޑިޔޯއިން ފެންނަ ގޮތުގައި ހޮޅިބުރި އެއްކަހަލަ އެއްޗަކުން ވެމްކޯގެ މުވައްޒަފަކަށް އެއްވެސް ރަހުމެއް ނެތި އަނިޔާކުރެއެވެ. އަދި ބޭއަދަބީ ބަސްތަކުން އެ މުވައްޒަފާ މުހާތަބުކޮށް، އިންޒާރުވެސް ދީފައިވެއެވެ. 

ލާއިންސާނީ އެތައް އަނިޔާއެއްގެ ޝިކާރައަކަށް ވެމްކޯގެ މުވައްޒަފުން ވަމުންދާއިރު، އެ މުވައްޒަފުން އެކުރާ ބުރަ މަސައްކަތަކީ ޝުކުރުވެރިކަމާއި އެކު އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ މަސައްކަތެކެވެ. އެއީ މަލާމާތްކޮށް، އެމީހުން ބޭޒާރުކުރުމަށް ވުރެ މަތިވެރި މަސައްކަތެކެވެ. "ހަލާލު ކޮންމެ މަސައްކަތަކީ ރީތި މަސައްކަތެކެވެ" އެއީ ގޭބިސީތަކުގެ ކުނިތައް އުކުންކަމުގައިވިޔަސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު
ދޮށިކޮއި ޢަލީގެ މުޙައްމަދު
ތިކަމަށް ޝުކުރުވެރި ވާންވާނީ ޝިފާ އަށެވެ މީގެކުރިން މާލޭގެ ގެއަކުން ކުނިކޮޅެއް ނަގައި ދީފަ ނުވާތީއެވެ