ކައިވެނި ރޫޅެނީ ކީއްވެ؟

ފާތިމަތު ފަޔާޟާ

ކޮންމެ ދެމީހަކު ވެސް ކައިވެނި ކުރާނީ އުމުރު ދުވަހު އެކުގައި އުޅުމަށް ނިއަތްގަނެ އެކަމަށް ވައުދު ވެގެންނެވެ. ކައިވެންޏައްފަހު ވަކިވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި މިވަނީ ކުރެވޭ ކައިވެންޏަށް ވުރެ ވަރި ގިނަވެފައެވެ. ރާއްޖޭގައި ވަރި ގިނަ ވާން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.

އެގޮތުން މިބަލާލަނީ ވަރި ގިނަވުމަށް ދިމާވާ މައިގަނޑު ސަބަބުތަކަށެވެ.

 އިޙްތިރާމް ނުކުރުން

އުފާވެރި ކައިވެނި، އުފާވެރިކަން މަތީގައި ކުރިއަށް ދިއުމަށް ހުރަސް އެޅޭނެ އެއް ސަބަބަކަށް ވާނީ ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުމެވެ. ދެމީހުން ވެސް ބުނަން ބޭނުން އެއްޗެއް ބުނެ، ކުރަން ބޭނުން ކަމެއް ކުރާނަމަ އެއީ ގޯހެކެވެ. އަދި ކޮންމެ މީހަކު ވެސް އަނެކާއަށް ކުރާ އިހްތިރާމް އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނަށް ވެސް ކުރަން ވާނެއެވެ. ނޫންނަމަ ދެމީހުންގެ ގުޅުން ދާނީ ދުވަހުން ދުވަހަށް ހީނަރުވަމުންނެވެ.

 ޒުވާބުކުރުން

ކޮންމެ ދެމީހެއްގެ ދެމެދުގައި ވެސް ދެބަސްވުން އުފެދޭނެއެވެ. ކަންކަމާއި ޚިޔާލުތަފާތު ވާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގައި ޒުވާބުކޮށް އަޑުގަދަކުރުން އެއީ ހަޤީޤީ މައްސަލައަށް އޮތް ހައްލެއް ނޫނެވެ. ހައްލު ގެނެވޭނީ މަޑުމައިތިރިކަމާއި އެކު މަޝްވަރާ ކޮށްގެންނެވެ. އެކަން ކުރުމަށްޓަކައި ކޮންމެ މީހަކު ވެސް ކެތްތެރިކަން އިސްކުރުން ކޮންމެހެން މަޖުބޫރެވެ.

ކުށްވެރިކުރުން

ކަމެއް ދިމާވާއިރަށް އަބަދު ވެސް އަނެކާ ކުށްވެރި ކުރާނަމަ އެއީ ގޯހެކެވެ. ދެމީހުން އެކުގައި އުޅޭއިރު ދެމީހުން ވެސް ޒިންމާ ނަގަން ޖެހޭ ކަންކަން ހުންނާނެއެވެ. ނުވަތަ ހަމައެކަނި އަނބިމީހާ ނުވަތަ ހަމައެކަނި ފިރިމީހާ ޒިންމާ ނަގަން ޖެހޭ ކަންކަން ވެސް ހުންނާނެއެވެ. ނަމަވެސް ގޯހެއް ހެދޭއިރަށް ކޮންމެ ފަހަރަކު އެކަމުގެ ޒިންމާ އަނބިމީހާގެ ބޮލުގައި އަޅުވާނަމަ ތިދަތުރު ކުރެވެނީ އަދި ގޯސް މަގަކުންނެވެ.

މަޝްވަރާ ނުކުރެވުން

ކައިވެންޏާއި އެކު ދެމީހުން ދިރިއުޅުމުގެ ދަތުރު އެފެށީ އެކީގައެވެ. އެހެންކަމުން ކޮންމެ ކަމެއްގައި ދެމަފިރިން މަޝްވަރާ ކުރަން ޖެހެއެވެ. ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން އެކަކު އަނެކަކުގެ ޚިޔާލު ހޯދަން ޖެހޭނެއެވެ. ދެމީހުން ކަންކަމާއި މެދު މަޝްވަރާ ނުކުރާނަމަ ދެމީހުންގެ ދެމެދުގައި ނުފެންނަ ފާރެއް ރޭނިގެން ދާނެއެވެ. ނަތީޖާއަކަށް ވެގެން ދަނީ އެކުގައި ދިރިއުޅުނު ނަމަވެސް ދެމީހުންގެ ދެމެދުގައި ދުރުކަމެއް އުފެދިގެން ދިއުމެވެ.

އެހެންކަމުން ކައިވެނި ރޫޅުމާއި ހަމައަށް ދިއުމުގެ ކުރިން ކޮންމެ ދެމަފިރިއަކުވެސް މިކަންކަމާއި މެދު ވިސްނާލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު