ޗުއްޓީ ނިމުމަށްފަހު ސުކޫލަށް ދާން ބޮޑު ކަމަކަށް ވަނީތަ؟

ޝަރޫނާ އަބްދުﷲ

ޗުއްޓީ ނިންމާލާފައި އަލުން ސުކޫލަށް ދާން ފެށުމަކީ ގިނަ ކުދިންނަށް ވަރަށް އުނދަގޫ ކަމެކެވެ. އަދި ބައެއް ބެލެނިވެރިންނަށްވެސް މިކަމާއި ހެދި އުނދަގޫ ތަކެއް ފެންމަތިވެއެވެ.

ކިތަންމެ ކުޑަ ދުވަސް ކޮޅަކަށްވެސް ކިޔެވުމާއި ދުރަށް ޖެހިލައި މަޖާ ކުރުމާއި ކުޅިވަރަށް ވަގުތު ހުސްކޮށްފިނަމަ ދެން އަލުން ކިޔެވުމާއި ގާތް ވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ކިޔެވުމަކީ އުފުލަން ޖެހޭ ބުރައަކަށް ވެދެއެވެ. އެހެންކަމުން އެގޮތަށް ކަންތައް ވުމުގެ ކުރިން ވަކި އުސޫލުތަކަކާއި ގަވާއިދު ތަކެއް ކަނޑައެޅުން މުހިންމެވެ.

އެންމެ ފުރަތަމަ ކަމަކީ ޗުއްޓީ ތެރޭގައިވެސް ފޮތް ކިޔުމާއި ދުރުނުވެވޭތޯ ބެލުމެވެ. މަދުވެގެން ދުވާލަކު ދެ އިރު ފޮތެއް ކިޔާލާ އެއްޗެއް ލިޔެލާ ހެދިދާނެއެވެ. އޭރުން ކިޔެވުން ފެށެން ވާއިރަށް ފޮތް ކިޔުމާއި ދުރުނުވެ ހުރެވޭނެއެވެ. ުކުދިން ފޮތްކިޔާ ލިޔެ އުޅޭތޯ ބެލުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމުން ބެލެނިވެރިން އެކަމަށް އިތުރު ސަމާލު ކަމެއް ދެވޭތޯ ބަލަން ވާނެއެވެ.

ދެން އޮތް ކަމަކީ ކިޔަވަން ސުކޫލަށް ދިއުމަކީ މާ ބޮޑު ކަމަކަށް ނަހަދާ ވޭތޯ ބެލުމެވެ. އަބަދުވެސް ތިމާގެ ވިސްނުން ޕޮޒިޓިވް ކޮށް ބަހައްޓާށެވެ. މިސާލަކަށް، ސުކޫލަށް ދިއުމުން ތިމާއަށް ނޭނގޭ އައު ކަމެއް ނުވަތަ ފިލާވަޅެއް ދަސްވާނެކަން ހަނދާނުގައި ބެހެއްޓުން ރަނގަޅުވާނެއެވެ.

މާ ބޮޑަށް ކަންނެއްވެ އެއްގޮތަކަށްވެސް ޗުއްޓީ އިން އަރައިނުގަނެވިގެން އުޅެން ޖެހޭ ނަމަ ތިމާއަށްވުރެ ވިސްނޭ ބޮޑު މީހަކާ އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާށެވެ. އެމީހުންނަކީ މި ފަދަ ކަންކަން ދިމާވެފައި ތިބޭނެ ބައެއް ކަމުން މިކަމާއި ގުޅޭގޮތުން ލަފާ ދޭންވެސް އެމީހުންނަށް އެނގޭނެއެވެ.

ތިމާ އަމިއްލައަށް ވިސްނައިގެން ނޫނީ ކިޔެވުމަކީ ކާމިޔާބު ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ހުރިހާ ކުދިންވެސް އައު ހިތްވަރަކާއިއެކު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި ކުރިއަށް ދާން އަޒުމު ކަނޑައަޅާށެވެ. 

ކިޔުންތެރިންގެ ހިޔާލު