ދަރިން ތަރުބިއްޔަތު ކުރެވޭނީ އެކުދިން "ދޮންފުތު" ކުރުން ހުއްޓާލައިގެން

ޙާމިދު ރަޝީދު
Flowers

ދޮންފުތު ކުރުމޭ ބުނަނީ ދަރިން ނުވަތަ ތިމާ ބަލަދު އަރާ ކުއްޖަކު ކިތަންމެ ގޯސްކަމެއް ކުރިނަމަވެސް އެ ކުއްޖެއް ދިފާޢުކުރުމަށެވެ. އަދި ނުވިތާކަށް އެ ޚަބަރެއް ގެނައި މީހަކަށް ނުވަތަ ބަޔަކަށް ކުދި ވާވަރަށް އެއްޗެހި ގޮވާ ހަދައެވެ. ތިމާގެ ދަރި އެހެން ނޫޅޭނޭ ބުނެ ދަރިން ދިފާޢުކޮށް ހެދުމަށް ދަރިން ދޮންފުތު ކުރުމޭ ކިޔާ އުޅެއެވެ.

ސުކޫލު ބޮޑު ބަންދު ނިމި ދިރާސީ އައު އަހަރަކާއި ކުރިމަތިލިއިރު މިކަމަކީ ވިސްނާލަން ޖެހޭ މުހިންމު ކަމެކެވެ. ފޮތްތަކުގައި ސެލޯފިންލައި ރީތިވާނޭހެން ފޮތްތައް ޖަރީކޮށް، ބޭނުންވާ ހުރިހާ އެއްޗެއް ގަނެ ދަރިފުޅު ސުކޫލަށް ފޮނުވުމަށް ތައްޔާރުވަމުން ދާއިރު ކުޑަ ވަގުތުކޮޅެއް މިކަމަށް ވިސްނާލަމާ ހެއްޔެވެ؟

މިދިޔަ އަހަރު ދަރިފުޅޭ ކިޔައިގެން ކިތައް ކަންތައް ތިބާގެ ކަންފަތާ ހިސާބަށް އައި ހެއްޔެވެ؟ ފިލާވަޅު ނުނިންމައިގެން ކިތައް މުދައްރިސުން އެކަމުގެ ޝަކުވާ ކުރި ހެއްޔެވެ؟ ކުއްޖެއްގެ އެއްޗަކަށް ގެއްލުން ދީގެން ކިތައް ކުދިންގެ ނުވަތަ ބެލެނިވެރިންގެ ނުރުހުމުގެ ބަސްތައް އިވުން ހެއްޔެވެ؟ ރަށުގައި ވިޔާނުދާ ޢަމަލެއް ހިންގި ކަމުގެ ކިތައް ތުހުމަތު ލިބުން ހެއްޔެވެ؟ ސުކޫލުގެ ޤަވާއިދުތަކަށް ބޯނުލަނބައިގެން ކިތައް ފަހަރު ސުކޫލުގެ އިސްވެރިންގެ ކައިރިއަށް ހާޒިރުވާން ޖެހުނު ހެއްޔެވެ؟

މި ދެންނެވި އެއްވެސް ކަމެއްގައި ދަރިފުޅު ޝާމިލް ވެފައިވާނަމަ، މި ދަނޑިވަޅަކީ އެންމެ މުނާސަބު ވަގުތެވެ. އެއިން ޚަބަރެއް ލިބި ދަރިފުޅު އިސްލާހު ކުރުމުގެ ބަދަލުގައި އެކަން ތިމާއާއި ހިސާބަށް ގެނެސްދިން މީހާ ކުށްވެރިކޮށް ޒުވާބު ކުރެވިފައިވާނަމަ އެކަން އެ ކުރެވުނީ ގޯސްކޮށެވެ. ދަރިފުޅު ގާތުން ވީގޮތް ބަލައިނުލާ އެ މީހާ ދެއްކި ހުރިހާ ވާހަކައެއް ޤަބޫލުކޮށް ދަރިފުޅަށް އަދަބު ދެވިފައިވާ އެކަން އެ ކުރެވުނީވެސް ގޯސް ކޮށެވެ. އަދި އެމީހާ ކުރިމަތީ ދަރިފުޅު ބަހައްޓައިގެން ނުވަތަ ސުކޫލު އިދާރާއަށް ހާޒިރު ކުރުމުން ޓީޗަރުން ނުވަތަ އިސްވެރިންގެ ކުރިމަތީގައި ދަރިފުޅު ބަހައްޓައިގެން ދަރިފުޅު ދިފާޢުކޮށް ވާހަކަ ދެއްކިފައިވާނަމަ އެކަން ކުރެވިފައި އެވަނީ އަދި މާ ގޯސްކޮށެވެ. އެހެން އެކަންކަން ކުރެވިފައިވާނަމަ، ތިމާއަށް އެ ހުރެވުނީ ތިމާގެ ދަރިފުޅު ދޮންފުތު ކުރެވިފައެވެ. އެއީ ލޯބި ވުމެއް ނޫނެވެ. އެއީ ލޯބިވުން ކަމަށް ހީކޮށް ދަރިން ހަލާކުގެ ތެރެއަށް ވައްޓައިލުމެވެ.

ފާއިތުވި ވަގުތެއް އަނބުރާ ނުލިބޭނެއެވެ. ނަމަވެސް މާޒީން އިބުރަތް ހާސިލްކޮށް މުސްތަގުބަލު އުޖާލާ ކުރުމަށް މަަސައްކަތް ކުރުމަކީ ބުއްދިވެރިންގެ ގޮތެވެ.

ތިމާގެ ދަރިފުޅު ކުރާ ކަންކަން ކައިރިން ބަލާށެވެ. ދާ ތަންތަނާއި އެކު އުޅޭ ރައްޓެހިންނަކީ ކޮން ބައެއްކަން ބަލާށެވެ. ފިލާވަޅު ހަދާތޯ އަމިއްލަ އަށް ބަލާށެވެ. ފޮތްތައް ހަމައަށް ގެންދޭތޯ ބަލާށެވެ. ކުލާހުގައި އުޅެނީ ކިހިނެތްތޯ ޓީޗަރުން ކުރެ އަހާށެވެ. ގޯސްކޮށް ކަމެއް ކުރާކަން އެނގިއްޖެނަމަ، އެކަން އެހެން ނުކުރުމަށް ނަސޭހަތް ދޭށެވެ. މީހަކު ނުވަތަ ޓީޗަރަކު ދަރިފުޅުގެ ގޯސްކަމެއް ފާހަގަ ކޮށްފިނަމަ އެކަމެއް ވީގޮތް ރަނގަޅަށް ބަލާށެވެ. އެއަށްފަހު ނަސޭހަތްދޭށެވެ. އިސްލާހު ނުވެއްޖެނަމަ އެކަށީގެންވާ އަދަބު ދޭށެވެ. ޚަބަރު ގެނަ މީހާ ގެނައީ ގޯސް ޚަބަރެއްނަމަ އެމީހަކަށް އެކަން ވީ ގޮތް ކިޔައިދީ އޮޅުން ފިލުވާދޭށެވެ.

ލޮބުވެތި ބެލެނިވެރިންނޭވެއެވެ. ކުއްޖާގެ ހައިބަތު ދައްކުވައިދެނީ ފޮތުގައި ލައްވާލާ ވިދާ ކަރުދާހަކުން ނޫނެވެ. ކުލަ މަޖާ ކޮންމެވެސް މޮޅު ކެރެކްޓަރ އެއް ޖެހި ނަންކަރުދާހަކުން ނުމެ ނޫންމެއެވެ. ކުއްޖާގެ ހައިބަތު ފެންނަނީ ރިވެތި އަހުލާގުންނެވެ. އެ އަހުލާގު ދަރިންގެ ކިބައިން ފެންނާނީ މައިންބަފައިން ވެސް އެކަމަށް ވިސްނައިގެންނެވެ. ސުކޫލުގައި ކިތަންމެ ރަނގަޅު ފިލާ ވަޅެއް ނަގައިދިން ނަމަވެސް އެކަން ދަރިންގެ ކިބައިގައި އަށަ ގެންނުވޭނީ މައިންބަފައިން ވެސް އެކަމަށް މަސައްކަތް ކޮށްގެނެވެ. އެހެންކަމުން މި އަހަރަކީ މި ދެންނެވި ކަންކަމަށް ވިސްނާ އަހަރަކަށް ހަދަމާ ހެއްޔެވެ؟

Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު
ޕޭރެންޓް
ގުޑް އެޑްވައިސް
ޙިޔާލު
ވަރަށް ރަނގަޅު ޚަބަރެއް. މިކަމާ ވިސްނަނީ ކިތަށް ބެލެނި ވެރިންބާ؟