ރަޖާނީ ޝްރެސްތާ: ރާއްޖޭގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީގެ ބޮޑު ބައެއް ފަޤީރުންނަށް!

ޢަލީ ޔާމީން
ރާޖަނީ ޝްރެސްތާ- ފޮޓޯ ފޭސްބުކް ރާޖަނީ ޝްރެސްތާ- ފޮޓޯ ފޭސްބުކް

އެކިއެކި ބޭނުންތަކުގައި ރާއްޖެ އަންނަ ބިދޭސީންގެ އަދަދު ދަނީ ދުވަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ބިދޭސީން އެތެރެވާ އެއް ޤައުމަކީ ބަންގްލަދޭޝްއެވެ. ބަންގްލަދޭޝް ނެގުމަށް ފަހު އިންޑިއާ އާއި، ނޭޕާލުން ރާއްޖެއަށް މަސައްކަތު އަންނަ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. ބޭރުގެ ޤައުމުތަކުން ރާއްޖެއަށް މަސައްކަތު އަންނަ ކޮންމެ މީހަކީވެސް ވަކި މަޤުސަދެއްގައި، އެތަކެއް ހުވަފެންތަކަކާއި އެކު ރާއްޖެއަށް އަންނާނެ މީހެކެވެ.

އެގޮތުން ނޭޕާލެ ވެރިރަށް ކަތަމަންދޫއަށް އުފަން އުމުރުން 26 އަހަރުގެ ރަޖާނީ ސްރެޝްތާ 2016 ވަނަ އަހަރު ރާއްޖެ އަކީ ވަރަށް ތަފާތު މަޤުސަދެއްގައެވެ. ލައިފް ސަޕޯޓު ކުންފުނީގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރާޖަނީ އަކީ އޭނާއަށް ލިބޭ މުސާރައިން ބޮޑު ބައެއް އަމިއްލަ ޤައުމުކަމަށްވާ ނޭޕާލްގެ ފަޤީރުންނާއި ނިކަމެތި ކުދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހޭދަކުރާ ފަރާތެކެވެ. ރާއްޖޭގައި މަސައްކަތްކުރާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރާޖަނީ އަކީ ލެބޯޓްރީ ޓެކްނީޝަނެއްގެ ގޮތުގައި ތަމްރީމްވެފައިވާ ފަރާތެކެވެ.


"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ރާޖަނީ ބުނީ ނޭޕާލުގައި ތިބޭ ނިކަމެތި ކުދިންނަށް އޭނާ އެހީތެރިކަން ފޯރުކޮށްދެނީ އަމިއްލަ ޖަމިއްޔާއެއް އުފައްދައިގެން ކަމަށެވެ.

ކުދިންނަށް އެހީވާން ނޭޕާލުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައިގެން މި މަސައްކަތް ކުރަނީ. ރާއްޖޭގެ ރައްޔިތުންނަށްވެސް ޖަމްއިއްޔާ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ، އަަހަރެންގެ ވަރަށް ބޮޑު އެދުމެއް އެއީ ކުޑަ ނަމަވެސް އެހީއެއް ފޯރުކޮށްދިނުމަކީ. މިއީ އިންސާނިއްޔަތުކަމަށްޓަކައި ކުރާ މަސައްކަތެއް

ނޭޕާލުގައި ތިބޭ ރާޖަނީގެ އެކުވެރިންގެ އެހީއާއި އެކު އޭނާ އިސްވެހުރެ ހިންގަމުން އަންނަ "ހޭންޑް އިން ހޭންޑް" ޖަމިއްޔާ މެދުވެރިކޮށް ރާޖަނީ ދަނީ ނޭޕާލުގެ ފަޤީރު 15 ކުއްޖެއްގެ ސްކޫލު ފީ ދައްކައިދެމުންނެވެ. އަދި ކޮންމެ އަހަރެއްގައި ލިބޭ ޗުއްޓީގައި އެނބުރި ޤައުމަށް ގޮސް އެފަދަ ނިކަމެތި ކުދިންނަށް އަމާޒުކޮށްގެން އެ ޖަމިއްޔާއިން މެޑިކަލް ކޭމްޕްތައް ހިންގައެވެ. މީގެ އިތުރުންވެސް އެ ޖަމިއްޔާއިން އެފަދަ ނިކަމެތި ކުދިންނަށް އެތަކެއް އެހީއެއް ފޯރުކޮށްދެއެވެ. އެގޮތުން ލާނެ އަންނައުނު ފަދަ ތަކެތި ހިމެނެއެވެ. ރާޖަނީ ބުނީ އެ ޖަމިއްޔާއަށް މިހާރުވެސް ބައެއް ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.


ބައެއް ފަރާތްތަކުން މިހާރުވެސް އަހަރެމެންގެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭ. އެގޮތުން ބޭނުންކޮށްފައި ހުންނަ އަންނައުނު ފަދަ ތަކެތި މިހާރުވެސް ކޮންމެވެސް ވަރަކަށް ލިބޭ. އަަހަރެމެން ބޭނުނުން އެކުދިންނަކީ އެހެން ކުދިންނާއި އެއްވެސް ތަފާތެއް ނެތް ކުދިންނަށް ހަދަން. އައު އަންނައުނު އެކުދިން ލައްވަން. އެކުދިން އުފަލުގައި އުޅެން. އަހަރެމެން ގަބޫލުކުރާ ގޮތުގައި އެ ހައްޤު އެކުދިންނަށްވެސް ލިބެންވާނެ

ރާޖަނީ އިސްވެހުރެ ހިންގާ "ހޭންޑް އިން ހޭންޑް" ޖަމިއްޔާއަށް ކޮންމެ މީހަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭ އިރު، ލިބޭ ކޮންމެ އެހީއެއް އުފަލާއި އެކު ބަލައިގަންނާނެ ކަމަށް ރާޖަނީ ބުނެއެވެ.

ކުޑައިރު މައިންބަފައިން މަރުވެފައިވާ ރާޖަނީ ބުނީ އޭނާއަށް ނިކަމެތި ކުދިންގެ އިހްސާސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.


އަހަރެންގެ އުމުރުން އެންމެ ފަސް އަހަރުގައި އަހަރެންގެ މަންމަ ވަނީ މަރުވެފައި. އަދި އުމުރުން 11 އަަހަރުގައި ބައްޕަ ވަނީ މަރުވެފައި އަހަރެން އުޅެ ބޮޑުވީ ޔަތީމު ހާލުގައި. އެހެންކަމުން އެފަދަ ކުދިންގެ އިހްސާސްތައް ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ. އަހަންނަށް އެނގޭ އަހަރެން ވާން ޖެހުނު ޤުރުބާނީ. އަހަރެން ތަހައްމަލު ކުރި ކަންކަން. އަހަރެން ބޭނުމެއް ނޫން ނިކަމެތި ކުދިންނަކީ އެއްވެސް މުސްތަޤުބަލެއް ނެތް އަޅާނުލެވި، ދޫކޮށްލެވިފައިވާ ބަޔަކަށް ހަދާކަށް. އަހަރެންގެ ބޭނުމަކީ އެކުދިންނަށް އަޅާލާ، އުޖާލާ މުސްތަޤުބަލެއް އެކުދިންނަށް ހޯދައިދީ، މާޔޫސްކަން އުފާވެރިކަމަށް ބަދަލުކޮށްދިނުން

ރާޖަނީގެ އަމާޒަކީ މުސްތަޤުބަލުގައި ނިކަމެތި ކުދިން ބަލަހައްޓާނެ ސެންޓަރެއް ނޭޕާލުގައި ޤާއިމްކޮށް ނިކަމެތި ކުދިންނަށް އެހީތެެރިކަން ފޯރުކޮށްދީ، އެކުދިންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު
ބޮޑުތަކުރުފާނު
ހެޔޮދުއާ