ޖާދުވީ ޅެންތަކުގެ ޝާއިރު- ޝާޢިރުއްޝަބާބް

އަހުމަދު ޝަބީން
އޮނަރަބަލް އުސްތާޛުލް މަރުޙޫމް އިބްރާހިމް ޝިހާބު އޮނަރަބަލް އުސްތާޛުލް މަރުޙޫމް އިބްރާހިމް ޝިހާބު
ލޮލަށް ފެންނަ މަންޒަރުތަކާއި، ހިތުގައި ހިނގާ ޝުއޫރުތަކާއި، ސިނކުޑީގައި އެނބުރޭ ޚިޔާލުތައް އެކިމީހުން ހާމަކުރަނީ އެކިގޮތަށެވެ. މި ގޮތުން ބަލާއިރު، އިޙްސާސްތަކާއި ޙިކުމަތްތައް، ފަލްސަފާތަކާއި ނަސޭހަތްތައް، އަނެކުންނާއި ހަމައަށް ވާސިލުކޮށްދޭ އެންމެ ކުޅަދާނަ އެއްބަޔަކީ ޅެންވެރިންކަމާމެދަކު ޝައްކެއްނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދުނު ކުޅަދާނަ ޅެންވެރިން ފަދަ އެތައް ޅެންވެރިންނެއް، މި ޤައުމުގައި ވެސް އުޅުއްވިކަމީ ވަންހަނާވެގެންވާ ކަމެއްނޫނެވެ.
ދިވެހި ޅެންވެރިކަމުގެ ގުލްޝަނުން ފަރިވެ ފޮޅުނު މާތަކުގެ ޢަބީރު، އެތައް މޭލެއްގެ ދުރަށް ފޯރާފައިވާކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަމެވެ. ދިވެހި ޅެންވެރިކަމުގެ އުދަރެހުން ވިދާ ބަބުޅައިލި ތަރިތަކުގެ އަލި ފަނޑުވެގެންނުދާކަމުގައި، އަޅުގަނޑު އެއްބަސްވަމެވެ. ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް ނަޒަރެއް ހިންގައިލުމުން..... އާދެ! ހިތަށް ލިބެނީ ފިނިކަމެވެ. ނަފުސަށް ލިބެނީ އާރޯކަމެވެ. ރޫޙަށް ލިބެނީ ތާޒާކަމެވެ.
އެ ގުލްޝަނުގެތެރެއަށް ވަނުމުން، އަޅުގަނޑުގެ ނަޒަރު ހުއްޓުނު، އަޅުގަނޑަށް ގަދަރު ކުރެވެނު، އަޅުގަނޑަށް އަސަރެއް ކުރުވި އެއް ބައިތަކީތޯއެވެ. އާދޭހެވެ. ހިޖުރީ ސަނަތުން ތޭރަސަތޭކަ ބަޔާޅީސްވަނަ އަހަރުގެ ރަޖަބުމަހުގެ އެއްވަނަ ދުވަހުގައި، ( 10 އޮކްޓޫބަރު 1922) ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކުޅަދާނަ ޝާއިރު އޮނަރަބަލް އަލްއުސްތާޛުލް މަރުޙޫމް އިބްރާހިމް ޝިހާބުގެ "އުންމީދުގެ އަލިކަން އެގެނައި ކުޑަކުޑަ ސިއްރުން، އުންމީދު އުފައްދައިފިޔެ މުޅިދޭހަށަ ރަމްޒުން" މި ބައިތެވެ. ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، އޮނަރަބަލް އިބްރާހިމް ޝިހާބަކީ، ދިވެހި ޅެންވެރިކަމުގެ ގުލްޒާރަށް އުންމީދުގެ އަލިކަން ގެނެސްދެއްވި ޝާއިރެކެވެ. 
މި ނަކަލުކުރި ބައިތުން ވެސް، އެ ކަން ހާމަވެއްޖެ ނޫންތޯއެވެ! ދިވެހި ޅެންވެރިކަމުގެ ގުލްޒާރަށް އުންމީދުގެ އަލިކަން ގެންނަވައިދެއްވައިފި ދޮގެއްތޯއެވެ! 
އިސްވެ މި ދެންނެވި ޅެމަކީ، ޢައްލާމާ އިޤްބާލް އުރުދޫބަހުން ހައްދަވައިފައިވާ ޅެމެއް، ދިވެހިބަހަށް ބަދަލުކޮށްލައިފައިވާ ބަދަލުކޮށްލެއްވުމެކެވެ. އާދޭހެވެ! ޢައްލާމާ އިޤްބާލްގެ ޅެމުގައިވާ ޚިޔާލާތުތަކަށް އެއްވެސް އުނިކަމެއް ގެންނެވުމެއްނެތި، ދިވެހިބަހަށް ބަދަލުކޮށްލެއްވުމުން ވެސް އެނގިގެންދަނީ، އެ މަނިކުފާނަކީ ކުޅަދާނަ ޝާއިރެއްކަމެވެ.    
އާދޭހެވެ ! ފުރިހަމައީ ހަމައެކަނި އެ ޅެމެއް، އެ ބައިތެއްނޫން އިނގޭތޯއެވެ. އަދި ކީއްތޯއެވެ. އެ މަނިކުފާނުގެ ކޮންމެޅެމަކީ ވެސް އެހާމެ ފަށުވި، އެހާމެ ޗާލު، އެހާމެ ފުރިހަމަ ޅެމެކެވެ. ކޮންމެ ބާވަތެއްގެ ޅެމެއް ވެސް، އެންމެ ފުރިހަމައޭ ދެންނެވުމަކީ، ދޮގަކަށްނުވާނެއެވެ. މި ގޮތުން ބަލާއިރު، ސިފަކުރެއްވުމުގެ ޅެންތަކާއި ޤައުމީ ޅެންތައް، އިސްޤީ ޅެންތަކާއި ފިކުރީ ޅެންތަކުގައި، ބަޔާންނުކުރެވޭފަދަ ޖާދުވީ އަސަރެއް ހުރިކަމާމެދަކު ވަހުމެއްނެތެވެ.

މި ގޮތުން ބަލާއިރު އެ މަނިކުފާނު، "އަލިރަސްގެފާނުގެ ޒިޔާރަތް" ސިފަކުރައްވައިފައިވަނީ ކިހިނެއްކަމަށްތޯއެވެ! އާދެ! 

"ހިތުން ޝުކުރާއި ތަޢުރީފު އަދާނުވެވޭ ވަރެއްނޫނޭ

މިތަން ފެނުމުން އަލުން ޤައުމީ އަސަރުނުކުރާ ވަރެއްނޫނޭ

ވިލާރަތްލާ މަނާޒިރު ކޮންމެ ދުވަހަކު ފަށްފަށުން ދައްކާ
ވިލާތުގެ ފުށެތިކާލުންނަށް ހިތެއް ހެޔޮވާ ވަރެއްނޫނޭ

އެކަނިވެރިކަން ޒިޔާރަތަކުން އެދައްކާ ރަމްޒަކުން ފެނިފާ
އެކަނިވެރިކަން އެހާރު ލިބުނު ހިތުން ފޮހެވޭ ވަރެއްނޫނޭ

މިޤައުމާހުރެ މިދީނާހުރެ ޝަހީދުވި މާތް ޢަލީ ރަދުނަށް
މިއުންމަތް އެކުއެކީގައިވެސް ވެދުން ނުކުރާވަރެއްނޫނޭ

ހަވީރީ މަންޒަރުން ހިތްތާޒަގީ ކުރަމުން ޝުކުރުކޮށްލަން
ސިރީ އެރަދުންގެ އަރިހަށްގޮސް ނުލާހުރެވޭ ވަރެއްނޫނޭ"

ވާހްވާ! ވަރަށް ވެސް ފުރިހަމަ، އެހެންނޫންތޯއެވެ! އަދި
ހަމަ އެހެންމެ "ސުވަރުގެ" މި މައިގަނޑު މައުޟޫޢުގެދަށުން، އެ މަނިކުފާނު ހައްދަވައިފައިވާ ޅެމަކީ، ސުވަރުގޭގެ ނިޢުމަތްތައް ނުހަނު ފުރިހަމައަށް ބަޔާންކޮށްދެއްވައިފައިވާ ޅެމެކެވެ. އަގުހުރި ދަރުސެއްމެއެވެ. އާދެ! "ޙަޔާތުގެ ފިކުރު ނެތްތަނެކޭ މަރެއްގެ ޚިޔާލު ނެތްތަނެކޭ،  ގަޔާވެވިގެން ތިބޭ މަތިވެރި ޙަޔާތެއްވާ އެއީ ތަނެކޭ" ވިދާޅުވަމުން ފަށްޓަވައިފައިވާ މި ޅެމުން ވެސް ހާމަކޮށްދެނީ، އެ މަނިކުފާނަކީ ސިފަކުރެއްވުމުގައި ދެވަނައެއްނެތްފަދަ ބޭފުޅެއްކަމެވެ. 
އެއްވެސް ޝައްކެއްނެތެވެ. އެ މަނިކުފާނަކީ "ސަލާމަތް ނަފުސުކޮށްދޭހައި ޅެމުން ޙިކްމަތް އޮހޮރުވާ" ލެއްވި ޝާއިރެކެވެ. "ވިލާ ރަތްލާ އުދަރެސް އެ ދައްކާ ފަރިކަމާ ނަލަކަން" ޅެމުގެ ޒަރީޢާއިން ސިފަކޮށްދެއްވި ޝާއިރެކެވެ. "ދޭހުގައި ހިނގަމުން މި ދާހައި ހާދިސާތައް ވިސްނަވައިގެން"  އެތައް ދަރުސްތަކެއް ދެއްވެވި ޝާއިރެކެވެ. "ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ" ކުރިއަށްވަޑައިގެންނެވި، މިނިވަން ޚިޔާލުތަކެއްގެވެރި ޝާއިރެކެވެ. "ތާރީޚު ފަޚުރުވެރިވާ، ޝާހީ އެ ރީތި ގޮތް" ޅެންތަކުން ދައްކައިދެއްވި ޝާއިރެކެވެ. "ކުރުނުކުރާށޭ ޤައުމީ ހިންމަތް، ދުރުނުމެވާނޭ އޭރުން ނިޢުމަތް" ތައް ހުންނާނެކަން ހަނދާންކޮށްދެއްވެވި ޝާއިރެއްމެއެވެ. އާދޭހެވެ. އެ މަނިކުފާނަކީ، ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ "ޝާޢިރުއްޝަބާބް" އެވެ. 
އާހް! "ޤުދުރަތުގެ ސުންނަތީ އަބަދަށް ދުނިޔެ ދައްކުވާ" ސުންނަތެވެ. މި ގޮތުން، އޮނަވިހި ސަތޭކަ އަށާހިވަނަ އަހަރުގެ ޖަނަވަރީމަހުގެ ސާދަވަނަ ދުވަހުގެރޭ ބާރަގަޑި ފަނަރަވީ ހިނދުކޮޅަކީ ވެސް، ޤުދުރަތުގެ ޤާނޫނެއް ތަންފީޒުވެގެންދިޔަ ހިނދުކޮޅެކެވެ. ހިތާމަވެރި ހިނދުކޮޅެއްމެއެވެ. އާދެ! ފަޟީލަތުއްޝައިޚު ޙުސެއިން ޞަލާޙުއްދީނާއި މެދުގަނޑުވަރު ތުއްތުގޮމާގެ ލޮލުގެ ފިނިކަންކަމުގައިވި ދަރިކަލުން، ހަމަ އެހެންމެދިވެހި އަފްރާދުންގެ ހިތްތަކުގެ ފިނިކަމެއްކަމުގައިވި އޮނަރަބަލް އުސްތާޛު އިބްރާހިމް ޝިހާބު އަވަހާރަވި ހިނދުކޮޅެވެ. 
އެ މަނިކުފާނު އަވަހާރަވީ އަވަށްޓެރި ސުރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައެވެ. ފަސްދާނުލެވިފައިވަނީ ފަނަރަވަނަ ދުވަހުގައި ސުރީލަންކާގެ ކުއްޕިއަވައްތޭ ގަބުރުސްތާނުގައެވެ. އެ މަނިކުފާނުގެ ލޮބުވެތި ބައްޕާފުޅުގެ މަޤުބަރާކައިރީގައެވެ. ޔާ ﷲ! އެ ދެބަފައިކަލުންނަށް، "ޤަލަމް އެދުނަސް ނުލިޔެވޭހާ ޝުޢޫރަށްވެސް ނުގެނެވޭހާ" އަރާމާއި އުފާހުރި ސުވަރުގެ ދެއްވާފާނދޭވެ! އާމީން!

ކިޔުންތެރިންގެ ހިޔާލު