ތިޔަހީކުރެއްވި ވަރަށްވުރެ ވެސް، މި ޖަޒީރާތައް ފުރިހަމައެވެ (ފުރަތަމަބައި)

އަހުމަދު ޝަބީން
ގަސްރުކުން މަލަފެވޭ ރީތިމީ
ގައިމު ހިތްހަމަޖެހޭ ޖައްވުމީ
ހޫނުއަވިދޭ ރާއްޖެމީ 
އޯ ވަޒަނެ މީ ލޯބި ވިހުރުވޭ ދިދަ ރަމްޒޭމީ
ފޫހިނެތް ރަށްތަކޭމީ
މާތްވި އިސްލާމް ރާއްޖެމީ
އޯ ވަޒަނެމީ ލޯބި       

އާދޭހެވެ. މި ކުދިކުދި ޖަޒީރާތަކަކީ، މުޅި ދުނިޔެއިން ވެސް، ޚާއްސަގޮތެއްގައި ފާހަގަކޮށްލެވޭތަނެކެވެ. އަމިއްލަވަންތަކަމެއް ލިބިގެންވާ ތަނެކެވެ. އިސްވެ ދިޔަ ބައިތުތަކުން ވެސް، އެކަން އެހެރަ ހާމަކޮށްދެނީއެވެ. 
މި ލިޔުމުގައި ތިޔަބޭފުޅުންގެ ކުރިމަތިފުޅަށް، މި ހުށަހަޅައިލަނީ ޤައުމުދެކެ ލޯބިވާ ދަރިއެއްގެ ގަލަމުން ބަޔާންކޮށްދެއްވައިފައިވާ ޙަޤީޤަތްތަކެކެވެ. އިޚުލާސްތެރި ހިތްޕުޅަކުން، ޤައުމާމެދު ފާޅުކުރައްވައިފައިވާ ހިތްގައިމު ޝުޢޫރުތަކެކެވެ. އާދޭހެވެ. މި ހުށަހަޅައިލަނީ "ތިޔަ ހީކުރެއްވިހެނެއް ނޫން"، މި މައިގަނޑު މައުޟޫޢުގެދަށުން، ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ "ޑޭޒީމާ" އާމިނަތު ފާއިޒާ ހައްދަވައިފައިވާ ޗާލު ޅެމުގެ ޝަރަޙައެވެ. މި ޅެމަކީ އޮނަވިހި ސަތޭކަ ސަޔާހިވަނަ އަހަރުގެ މާޗްމަހުގެ އެކާވިސްވަނަ ދުވަހު އޭނާ ހައްދަވައިފައިވާ ޅެމެކެވެ. މި ލިޔުމުގައި ހިމަނައިލާނީ، އެ ޅެމުގެ ފުރަތަމަ ދެބައިތުގެ ޝަރަޙައެވެ.

 "އަހިލަންކައަށްވިއަސް ބަހަކާ އަކުރަކާވެޔޭ        މަހިލަންކަނޫނަސް ގޮތަކާ އަދި ފޮތެއްވެޔޭ"
( ޖުމްލަ މާނަ: ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން، އަހިލަންކައަށް (ދިވެހިރާއްޖެ) ވެސް، ޚާއްސަ އަކުރުތަކަކާއި ބަހެއް ލިބިގެންވެއެވެ. ހަމަ އެހެންމެ ރިވެތި ގޮތްތަކާއި ފޮތެއް ވެސް ލިބިގެންވެއެވެ.)
އެއްވެސް ޝައްކެއްނެތެވެ. މި ޤައުމަކީ،
 ކިތަންމެ ކުޑަކުޑަ ޤައުމަކަށްވިޔަސް، ޚާއްސަ ގޮތްތަކެއް ލިބިފައިވާ ޤައުމެކެވެ. މި ގޮތުން ބަލާއިރު، އަމިއްލަ އަކުރުތަކެއް (ތާނަ އަކުރު) ލިބިފައިވެއެވެ. މި އަކުރުތަކަކީ، އޭޝިޔާގެ ބައްރުގައި ހިމެނޭ އެންމެ ސައިންޓިފިކް އަކުރުތަކެވެ. އަދި ކިއެއްތަ! އަޅުގަނޑުމެން ބަސްމޮށެ މި އުޅެނީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ބަހުންނެވެ. އާދޭހެވެ. އަޅުގަނޑުމެންގެ ފަޚުރެއްކަމަށްވާ ދިވެހިބަހުންނެވެ. ހަމަ އެހެންމެ މި ޤައުމަކީ، މަހިލަންކައަށް (ބޭރު ޤައުމުތައް) ދޫކުރާނެވަރުގެ ޤައުމެއްނޫނެވެ. އަޅުގަނޑުމެންނަކީ ވެސް، ފޮތެއް(ކީރިތި ޤުރުއާން ) ލިބިގެންވާ ސާފު ސީދާ ގޮތްތަކުގެމަތީގައި ތިބިބައެކެވެ. މި ބައިތުގައި ޝާއިރާ އެ ވިދާޅުވެފައިވާ "މަހިލަންކަނޫނަސް" މިއިން އެ އަންގަވައިދެއްވަނީ، ދިވެހިރާއްޖެއަކީ ވެސް، އެހެނިހެން ޤައުމުތަކާ އެއްސަފެއްގައި ފައިތިލަ ސާބިތުކޮށްލެވޭނެ ޤައުމެއްކަމެވެ. މި ޤައުމަކީ ވެސް، ފުރިހަމަކަމެއް ލިބިގެންވާ ޤައުމެއްކަމެވެ. 

"އެތަކެއް ޒަމާން ކުރީއްސުރެ ވާރުތަވަމުން އައިސް،              
މިތަނަށް ޘަޤާފަތެއް ލިބިފާ ކަށަވަރުންވެޔޭ"

(ޖުމްލަ މާނަ: މީގެ އެތަކެއް ޒަމާނުގެ ކުރިން ވެސް، ދިވެހިރާއްޖެއަކީ ވާރުތަވަމުންއައި ސަޤާފަތެއްލިބިފައިވާ ތަނެއްކަން ކަށަވަރެވެ.)

އާދޭހެވެ. ޤަދީމީ ޒަމާނުއްސުރެ ދިވެހިންނަކީ، ޚާއްސަ ސަޤާފަތެއްލިބިފައިވާ ބައެކެވެ. އަޅުގަނޑުމެންގެ ކާބަފައިންވަނީ، އެ ސަޤާފަތް އަޅުގަނޑުމެންނާއި ހަމައަށް ވާރުތަކޮށްދެއްވައިފައެވެ. މި ގޮތުން ބަލާއިރު، އިހުގެ ދިވެހީންނަކީ، އެބައިމީހުންގެ ޚިޔާލާއި ފިކުރުގެ ބޭނުންކޮށްގެން، މި ބިމުން ލިބެންހުރި ތަކެތިން ގެދޮރު ބިނާކޮށްއުޅުނު ބައެކެވެ. އަމިއްލައަށް އުފައްދާ ތަކެތި ބޭނުންކޮށްއުޅުނު ބައެކެވެ. ސިއްޚީ ރޮނގަށް ބެލިޔަސް، މުނިފޫހިފިލުވުމުގެ ރޮނގަށް ބެލިޔަސް، ދަތުރުފަތުރުކުރުމުގެ ރޮނގަށް ބެލިޔަސް އަމިއްލަވަންތަކަމެއް ލިބިފައިވެއެވެ. ހަމަ އެހެންމެ، ހެދުން އެޅުމުގައި ވެސް، ދިވެހީންނަށް ޚާއްސަގޮތްތަކެއް ލިބިފައިވެއެވެ. ދިވެހީން ބޭނުންކޮށް އުޅުނު ފައިސާއަށްބެލިޔަސް، އެކަން ހާމަވެގެންދެއެވެ. މިނޫނަސް މިފަދަ މިފަދަ ކިތަންމެ ކަމެއްމެއެވެ. މިހިރަ މިހިރަ ކަންތައްތަކުން ވެސް އެނގި ހާމަވަނީ، މި ދިވެހިރާއްޖެއަކީ ޚާއްސަކަމެއްލިބިފައިވާ ޤައުމެއްކަމެވެ.
(ނުނިމޭ) 
ކިޔުންތެރިންގެ ހިޔާލު