ކޮވިޑް-19 ފަދަ ވައިރަސް ތަކުން ސަލާމަތްވުމަށް މިކަންތައްތަކަށް ސަމާލްކަން ދެއްވާ

އައިމިނަތު ޔުމްނާ
ކެއްސާ ކިނބިހިއަޅާނަމަ ޓިޝޫ ބޭނުންކުރައްވާ ކެއްސާ ކިނބިހިއަޅާނަމަ ޓިޝޫ ބޭނުންކުރައްވާ

ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އަކީ އިންސާނުންނަށް އަދި ޖަނަވާރުންނަށް ވެސް ވައިރަސްގެ އަސަރު ކުރާ “ޒޫނޮޓިކް” ވައިރަސްއެކެވެ.

މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ ، އެތައްބައެއްގެ ފުރާނަ ނަގާލާ މި ނުރައްކާތެރި ހަމަލާދެނީ އިންސާނާގެ ނޭވާލާ ނިޒާމަށެވެ. މިވައިރަހުންވެސް ފެނިގެންދަނީ އާދައިގެ ރޯގާއަކުން ފެންނަ ފަދަ އަލާމާތްތަކެކެވެ.

1960 ވަނަ އަހަރުގައިވެސް މިވައިރަސް ފެނުނުކަމުގެ ހެކި މީގެ ކުރިން ފެނިފައިވާއިރު ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިވައިރަސް މިވަނީ ޗައިނާގެ ވުހާން އިން އަލުން ފެނިފައެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމާއަތް ޑަބްލިއުއެޗްއޯއިން ވެސް ދަނީ މިވައިރަސްއަށް ފަރުވާއެއް ނެތުމުން ފަރުވާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. 

އިންސާނުންގެ ގައިން ރޯގާގެ އަލާމާތް ފެނުމުން އެއީ ކޮރޯނާވައިރަސްކަން ދެނެގަނެވެނީ ލެބޯޓަރީ ޓެސްޓު ހަދައިގެންނެވެ. 

ކޮރޯނާވައިރަސް ޖެހުމުން އެކިމީހުންގެ ހަށިގަނޑުން އެކި އަލާމާތް ވަނީ ފެނިފައެވެ. އެގޮތުން މިބަލީގެ އެންމެ އާންމު އަލާމާތްތަކަކީ ނޭފަތުން ފެން ފޭބުން، ކިނބިހިއެޅުން، ކެއްސުން، ހުންއައުން، ނޭވާލާން އުނދަގޫވުން، ކަރުގައި ރިއްސުން،ވަރުބަލިވުން ފަދަ އަލާމާތްތަކެވެ.

މިވަގުތު ސައިންސްވެރިންނަށް މިވައިރަސްއަށް ބޭހެއް ނުވަތަ ވެކްސިންއެއް ހޯދިފައި ނުވާތީ އެންމެ ރަނގަޅުގޮތަކީ މިފަދަ ވައިރަސް ތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމެވެ.

ޑޮކްޓަރުން ލަފާދެނީ ރޯގާގެ އަލާމާތް ފެނިއްޖެނަމަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމެވެ. އޭގެތެރޭގައި ވިޓަމިން ސީ ގިނައިން އެކުލެވޭ ބުއިންތަށް ހިމެނުމުން ހަށިގަނޑުގެ ދިފާއީބާރު ގަދަކޮށްދެއެވެ. 

އެހެންކަމުން އޮރެންޖު ، ސްޓްރޯބެރީ، ލިނބޯ، ބެރީ ،ކުރުނބާ ފަދަ އެއްޗެހީގެ ޖޫސް ބޭނުންކުރެވިދާނެއެވެ. 

ކެއުމަށް ކެރެޓް، ޒުކީނީ، ޓޮމާޓޯ، ކިއުކަމްބަރ އެކުލެވޭ ތާޒާ ސެލެޑް ބޭނުންކުރެވިދާނެއެވެ.ތެލުލާފަ ހުންނަ ކާނާ އަދި ހަވާދުފަދަ ބާވަތްތައް ރޯގާ ޖެހިގެން އުޅޭއިރު ދުރުވާން ޖެހެއެވެ. 

ދަޅުގައި ބަންދުކޮށްފައި ހުންނަ ކާތަކެއްޗާއި ލުއިކާނާ އަދި ޕެކެޓްކޮށްފަ ހުންނަ ކާނާތަކުންވެސް ދުރުވާންޖެހެއެވެ. މިފަދަ ތަކެތިން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކޮށްލައެވެ. 

ވައިރަސްއިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ރައްކާތެރި ފިޔަވަޅަކީ ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމެވެ. ސައިބޯނި ލައިގެން އަތް ނުދޮވެވޭ ހާލަތެއްގައި ސެނެޓައިޒަރ ވެސް އަތުގައި ބޭނުންކުރެވިދާނެއެވެ.އަދި ލޮލާ އަނގަޔާ ނޭފަތް ފަދަ ތަންތަނުގައި އަތްލުން މަދުކުރަން ޖެހެއެވެ.

ކޮރޯނާ ވައިރަސްއަކީ ފަސޭހައިން ގައިންގަޔަށް އަރާ ވައިރަސް އެއްކަމުން ވައިރަސް ޖެހިފައިވާ މީހުންނަށް ދުރުހެލިވާން ޖެހެއެވެ. އަދި ރޯގާގެ އަލާމާތްތައް ހުންނަނަމަ ބޭރުތެރެއަށް ނިކުންނަން ވާނީ މާސްކު ބޭނުންކޮށްގެންނެވެ.ނޭފަތް ފޮޅާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިކަމާއެކު ޑަސްބިންއަށްލާ ނައްތާލުން މުހިއްމެވެ. އަދި މަގުމައްޗަށް ކުޅުޖަހާ ނޭފަތް ނުފޮޅުމަށް ސަމާލްކަން ދޭންޖެހެއެވެ.އެހެން މީހުންގެ ކިބައިން މިފަދަ އަމަލު ފެންނަމަ އެމީހުނަށް އެގޮތަށް އަމަލުނުކުރުމަށް ނަސޭހަތްތެރިވާން ޖެހެއެވެ.

ދިރިއުޅޭތަންތަނާ އާންމު ތަންތަން މިފަދަ ރޯގާތަށް ފެތުރޭއިރު ސާފުތާހިރުކޮން ބޭއްވުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ހާއްސަކޮށް މާލެއަކީ ކުދި ކުދި ތަންތަން ކޮޅުގައި އެތައްބަޔަކު ދިރިއުޅެމުންއަންނަ ތަނަކަށް ވާއިރު ސާފުތާހިރުކަމަށް އިސްކަން ދޭންޖެހޭނެއެވެ. ގޭތެރެއާއި ފާހާނަ ފަދަ ތަންތަނުގައި އުފެދޭ ވައިރަސް އަދި ޖަރާސީމް ނައްތާލަން ބްލީޗް ކޮޅެއް ފެނަށް އަޅައިގެން ނުވަތަ ޑެޓޯލް ފަދަ އެއްޗަކުން ސާފުކުރެވިދާނެއެވެ.

ސިނގިރޭޓް ފަދަ ފުއްޕާމެއަށް ގެއްލުންދޭ އެއްޗެއްސާ ދުރުވާން ޖެހެއެވެ. އަދި މީހުންތެރޭގައި ސިނގިރޭޓް ބުއިން ހުއްޓުމަކީ ވެސް މުހިންމުކަމެކެވެ. ސިނގިރޭޓުގެ ދުމާ ސިނގިރޭޓްގައި އެކުލެވޭ ވިހަ މާއްދާތަކުން ފުއްޕާމެއަށް ގެއްލުން ދެއެވެ. ނަތީޖާއެއްގެ ގޮތުމް މިފަދަ ރޯގާ ތަށް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

އެއްގަމު މަހާއި އެހެނިހެން މަސް ބޭނުން ކުރާއިރު އެތަކެތި ރަނގަޅަށް ކައްކައިގެން ރޯފިލުވައިން ބޭނުންކުރުމަށް ސަމާލުވުމަކީ ވެސް މިފަދަ ނުރައްކާތެރި ވައިރަސްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ.

މިފަދަ ރޯގާ ބަލިމަޑުކަން ފެތުރޭއިރު ތިމާޔާ ތިމާ ވަށައިގެން އުޅޭހާ މީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ ބަލިފެތުރުން ކޮންޓްރޯލް ކޮށްދޭކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު