ލޭހަދިޔާކުރުން: ކޮންފަދަ ބޮޑު ޞަދަގާތެއްތޯ

އައިމިނަތު ޔުމްނާ
ލޭ ހަދިޔާކުރުން ލޭ ހަދިޔާކުރުން

ލޭ ހަދިޔާކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އެއް ސަދަގާތެވެ. ރާއްޖޭގައި ތެލަސީމިއާ ބަލީގެ ކުދިން ވަރަށްގިނައެވެ. އެކުދިންނަކީ ގަވާއިދުން ލޭ ބޭނުންވާ ކުދިންނެވެ. ހަމައެހެންމެ ތަފާތު އެހެން ޞިއްޙީ މައްސަލަތަކާހެދި ކުއްލިއަކަށް ލޭ ބޭނުންވާ މީހުންގެ އަދަދުވެސް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ތެލެސީމިއާ ބައްޔަކީ މިއަދު ރާއްޖޭއަށް ކުރިމަތިވެފައިވާ ސިއްޙީ އެންމެބޮޑުއެއްމައްސަލަ އެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ 18 އިންސައްތަ މީހުންނަކީ ތެލަސީމިއާ ވާރުތަކުރާ ގޮތް ހުންނަ މީހުން ނުވަތަ ކެރިއަރުން ކަމަށް ހިސާބުތަކުންދައްކައެވެ.

މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތަވާ ބަލިތަކުގެ ތެރެއިން ތެލެސީމިއާ ބައްޔަކީ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމަށްވާ، ހީމަގުލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުން ނުވަތަ އެ މާއްދާ ލޭ ގައި މަދުވުމުގެ ސަބަބުން ކުއްޖާގެ ގައިގާ ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތެކެވެ.

ތެލަސީމިއާ ކުއްޖަކަށް ބޭނުންވާ ފަރުވާއަކީ ދަތި އުދަނގޫ ފަރުވާތަކެކެވެ. އެގޮތުން ބަލިކުއްޖާގެ ގަޔަށް މަދުވެގެން މަހަކު އެއްފަހަރު ލޭ އަޅަންޖެހެއެވެ. އެކަމަށް ބޭނުންވާ ލޭ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ފަހަރު އާދެއެވެ. ހާއްސަކޮށް މިދުވަސްވަރު ކޮވިޑް-19 އާއި ގުޅިގެން ގިނަކުދިންނަށް ލޭހޯދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ތެލެސީމިއާ ސެންޓަރުން ހާމަކޮށްފައެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ފުރާނަ ސަލާމަތް ކުރުމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ވަނީ ދެވިފައެވެ. ފުރާނަ ސަލާމަތް ކުރުމަކީ ދީނީގޮތުން ވާޖިބެކެވެ. ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި، މީހަކު މަރައިގެން ނުވަތަ ބިމުގައި ފަސާދަ އުފައްދައިގެން، ޝަރީޢަތުން ކުރައްވާ ޙުކުމެއްގެ މަތިން، އެމީހާ މެރުން ފިޔަވައި، އެހެން ގޮތަކަށް މީހަކު މަރައިފި މީހާއީ، މުޅި އިންސާނިއްޔަތުގެ އެންމެން މަރައިފި މީހެއްފަދައެވެ. އަދި ހަމަ މިއާޔަތުގައި ބަޔާންވެގެންވަނީ އެންމެ ނަފްސެއްވެސް، އެންމެ ފުރާނައެއްވެސް ސަލާމަތްކޮށްދީފި މީހާ، މުޅި އިންސާނިއްޔަތުގެ އެންމެންގެ ފުރާނަ، ހުރިހާ އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދިން މީހަކުފަދަ ކަމެއް ކަމަށެވެ.

ލޭހަދިޔާކޮށް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ  ހަމައެކަނި އަޅުގަނޑުމެންގެ އިޖްތިމާޢީ ވާޖިބެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ދީނީ ވާޖިބެއްވެސްމެއެވެ.

ޞިއްޙަތު ސަލާމަތުން ހުރެ ލޭ ހަދިޔާ ކުރުމަށް ބައެއް މީހުން ފަސްޖެހެނީ އެކަމުގެ ސަބަބުން ހަށިގަނޑަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. މިފަދަ ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. ލޭ ހަދިޔާކުރުމާ ބެހޭގޮތުން އެކިފާރާތްތަކުން ކުރި ދިރާސާ ތަކާއި ހޯދުނު ހޯދުންތަކުން އެނގި ހާމަވެގެން ގޮސްފައިވަނީ ލޭ ހަދިޔާކުރުމުން ބޭނުންޖެހިފައިވާ މިހާއާއި އެގޮތަށް ލޭހަދިޔާ ކުރާ މީހާއަށްވެސް ޞިއްޙީ ތަފާތު ފައިދާ ތަކެއްވާކަމެވެ. ލޭ ހަދިޔާ ކުރުމުން ކެންސަރާއި ހިތުގެ ބަލިތައް އަދި ލޭނާރު ތަކަށް ޖެހޭ ތަފާތު ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭކަން ހޯދުންތަކުން ޔަޤީން ކޮށްދީފައިވެއެވެ.

ކޮންމެ ދުވަހަކީ ވެސް، ކޮންމެވެސް މީހަކަށް ލޭ ބޭނުންވާ ދުވަހެކެވެ. ތިމާގެ ގައިގައި ހުންނަނީ ވަރަށް ގިނަ ލެ އެކޭ، ނުވަތަ ވަރަށް މަދު ލެ އެކޭ ބުނެ މަޑުކޮށްގެން ތިބޭ ތިބުމަކީ ވަރަށް ބޮޑު ކުށްހީ އެކެވެ. ކޮންމެމީހެއްގެ ލެ އަކީ ވެސް ކޮންމެވެސް މީހަކަށް ބޭނުންވާ ލެ އެއް ކަމަށް ދެކިގެން މަސައްކަތް ކުރަން ޖެހެ އެވެ.

އެހެންކަމުން ސިއްހަތު ސަލާމަތުން ހުރިނަމަ ޖެހިލުންނުވެ ލެއަށްބޭނުންވެފައިވާ ފަރާތެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ތިމާގެ ލެއިން ސަދަޤާތް ކުރައްވާށެވެ.ކިޔުންތެރިންގެ ހިޔާލު