މިވަގުތަށް ސަރުކާރުން ރައްޔިތުންގެ ސަލާމަތަށް ކޮށްދެވޭނެ އެންމެ މުހިންމު ކަމަކީ ބޯޑަރ ކްލޯސް ކުރުން- ޖިހާދު

ޙަދީޖާ އަލީ
ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ދުވަހެއް ދުވަހަކަށް ހަރުދަނާކުރަމުން ގޮސް، ރާއްޖެއިން ބޭރުން އަންނަ ޓޫރިސްޓުން ފިޔަވާ ހުރިހާ ފަރާތްތައް، ސަރުކާރުން ކަނޑައަޅާތަނެއްގައި ކަރަންޓީނު ކުރެވޭނެކަން ހާމަކޮށް ސަރުކާރުގެ އެންގުން އާންމުކުރީ، 21 މަރޗް 2020 ވަނަ ދުވަހުގެ ފަތިހު 04:00 ގައެވެ. އެދުވަހުގެ 11:55 ގައި ޖެއްސި ބެންކޮކް އެއަރވޭސް އިން މާލެ ވަޑައިގެންނެވި، ޔާމިން ސަރުކާރުގެ އެންމެ ފަހުގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު ސީދާ އެއަރޕޯޓުން ގެންދެވުނީ، މަލަހިނި ކުޑަބަނޑޮހުގައި ސަރުކާރުން ޤާއިމް ކުރައްވާފައިވާ ކަރަންޓީނު ފެސިލިޓީއަށެވެ. ތިރީގައި އެވަނީ މި ކަރަންޓީންގެ އިންތިޒާމާއި ގުޅޭގޮތުން "ޖަޒީރާ" އަށް ޖިހާދު ދެއްވާފައވާ ޚާއްސަ އިންޓަރވިއު އެކެވެ.

1. މަނިކުފާނު މާލެ ވަޑައިނެންވި އިރު އެނގިލައްވާފަތޯ އޮތީ ކަރަންޓީނަށް ގެންދެވޭނެކަން؟ އަދި އެއަރޕޯޓްގައި ކަންތައް ވެގެން ދިޔައީ ކިހިނެތްތޯ؟

ސަރުކާރުގެ ސަރކިއުލަރ ނެރެފަ އޮތޯ ފަތިހު. ހޭލައިގެން އަޅުގަނޑުވެސް ދިޔައީ އެއަރޕޯޓަށް. އެހެންވެ އަޅުގަނޑަށް މިކަމުގެ ފުރިހަމަ މަޢުލޫމާތު ނުލިބޭތީ މި ކަމަށް ތައްޔާރުވެގެން ނޫން އެކޮޅުން ފުރީ. ދެން އެއަރޕޯޓްގައި ދެތިން ގަޑިއިރު ވި. އިމިގރޭޝަން ކްލިއަރ ވުމަށްފަހު 3-2 ގަޑިއިރު މަޑު ކުރުވި. ބެލެވޭ ގޮތުގައި އެއީ އެގަޑީގައި ޖެއްސި އިތުރު ދެ ފްލައިޓެއްގެ މީހުން ނިކުންނަންދެން. އެއީ އެއް ޓްރާންސްފަރއެއް ގައި ރިސޯޓަށް ގެންދިއުމަށް. އިތުރު އެއްވެސް މައްސަލައެއް ނުޖެހޭ.

2. ކަރަންޓީނު ފެސިލިޓީގައި ހުރުމާއި ކެއުން ހަމަޖެހިފައި އޮތީ ކިހިނެތް؟

ބީޗް ފްރަންޓް ރޫމެއްގެ މި ހުންނަނީ، 4 އިރުގެ ކެއުންލިބޭ. ހުރިހާ ވަގުތެއްގައި ސައި ކޮފީ ހެދޭނެ އިންތިޒާމް ކޮޓަރީގައި ހަމަޖެހިފައި ހުރޭ. ޞިއްޙީ މައްސަލައެއްގެ ސަބަބުން ވަކިގޮތަކަށް ކެއުން ބަހަންޓަންޖެހޭ ފަރާތްތަކަށް އެގޮތަށް އެކަން ހަމަ ޖެހޭނެކަން އަންގާފަ އޮތީ. އިންޓަރނެޓް ލިބޭ. ޓީވީ ހުރޭ ނަމަވެސް ރާއްޖޭގެ ޗެނަލްތަކުގެ ތެރެއިން ފެންނަނީ ހަމަ އެކަނި ޕީ.އެސް.އެމް. ކޮޓަރިން ބޭރަށް ނިކުމެގެން ނުދެވޭކަން. އަނެއްހެން ވަރަށް ހިތް ހަމަޖެހޭ.


3. މަނިކުފާނަކީ ކުރީ ސަރުކާރުގެ އިސްބޭފުޅަކަށް ވީމާ އަހާލާނަން، ސަރުކާރުގެ އިސްވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ގުޅުއްވާ ހާލު ބެއްލެވިތޯ؟ ދެން މިކަމުގައި އުޅުއްވާ ބޭފުޅުންގެ އެހީތެރިކަން ލިބެނީ ކިހާ ވަރަކަށްތޯ؟

އާދެ. އަޅުގަނޑު އައި ރޭ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު އަޅުގަނޑަށް ގުޅުއްވާ ކަންތައް ހުރި ނެތްގޮތް އޮޅުން ފިލުވި، އަދި އޭގެ ފަހުން ވެސް އެއް ފަހަރު ގުޅުއްވި. ރިސޯޓްގެ މެނޭޖެމަންޓުން ވަރަށް ބޮޑަށް އެހީތެރިކަންދޭ. އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ ގުޅުމަށް ހަނދާންކޮށްދޭ. ދެން އުޅޭނީ އެމް.އެން.ޑީ.އެފް ކުދިން. އެކުދިން ހެން ހީވަނީ ކާ އެއްޗެހިވެސް ގެނެސްދެނީ. ހުރިހާ ކުދިންވެސް ވަރަށް ރަގަޅު.

އިތުރު އެއްޗެއް ބޭނުން ވެގެން މާލެއިން ގެންނަން ވެއްޖެނަމަ އެކަން ހިނގަނީ ކިހިނެތްތޯ؟

މާލެއިން ހަވާލުކޮށްލީމަ ވަރަށް ފަސޭހައިން ލިބޭ، އެއީ މާލެ އާ ކައިރިވެސް ވީމަ. ދެފަހަރަކު މަތިން މާލެއިން އެއްޗެހި ގެނެސްފިން. ދުރު ރަށްރަށުގައި ތިބި މީހުންނަށް ފަހަރެއްގައި ދަތިވެދާނެ.

4. މަނިކުފާނުގެ ނަޒަރުގައި ސަރުކާރުން މިކަމާއި ގުޅޭގޮތުން އުފައްދާފައިވާ ކޮމިޓީތަކާއި މުޢައްސަސާތަކުން ކަންތައް ކުރައްވަމުންދާ ގޮތާއި މެދު ދެކެލައްވަނީ ކިހިނެއްތޯ؟

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ފުރަދަންވަރުވެސް ކޮމިޓީތައް ބާއްވާ ކޮވިޑް-19 އާއި ގުޅޭ ޓާސްކް ފޯސްގެ ބޭފުޅުންނާއި ބައްދަލުކުރައްވަމުން ގެންދަވާ މަންޒަރާއި ޚަބަރު މީސް މީޑިޔާއިން އަޅުގަނޑަށްވެސް ފެނޭ. އަދި އެ ޚަބަރުތައް ކިޔަންވެސް ކިޔަން. އަޅުގަނޑު ދަންނަވާނީ ސަރުކާރަކުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެޅޭނެ އެންމެ މުހިންމު އަދި ހަރުދަނާ ފިޔަވޅުތައް އަޅަމުން ގެންދާކަމަށް އަޅުގަނޑު ގަބޫލު ކުރަން. މީޑިޔާ ބޭފުޅުންނަށްވެސް ވަރަށް ރަގަޅަށް އެނގިލައްވާނެ، ކޮވިޑް-19 އާއި ގުޅޭ މައުލޫމާތުތައް އެއްވެސް ފޮރުވުމެއް ނެތި މަދުވެގެން ރެއަކާއި ދުވާލު ދެފަހަރު އެދަނީ ނޫސް ކޮންފަރެންސް މެދުވެރިކޮށް ހާމަކޮށްދެމުން. މިއީ ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކެއް ކަން އަޅުގަނޑު ގަބޫލު ކުރަން.

5. މި ދަނޑިވަޅުގައި ސަރުކާރުގެ އިސްވެރިންނަށް ދޭނެ މެސެޖެއް އެބައޮތްތޯ؟ އަދި ރައްޔިތުންނަށް ބުނެލަން އޮތް ވާހަކަ އަކީ ކޮބައިތޯ؟

އާދެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކޮށްލަން ބޭނުން. ސަރުކާރަށް ދަންނާލަން ބޭނުންވަނީ ސަރުކާރުގެ ވަޞީލަތްތައް ހުރި ވަރަކުން، ކަންކަން ކޮށްދެއްވަމުން ތި ގެންދަވަނީ ވަރަށް ރަގަޅަށޭ. ނަމަވެސް ވީ އެންމެ އަވަހަކަށް ބޯޑަރު އެއްކޮށް ކްލޯސްކޮށް މި ހާލަތު އެއްކޮށް ބަދަލު ވުމުން ނުނީ ނުހުޅުވުމަކީ ވަރަށް މުހިންމު ކަމެކޭ. ކިތަންމެ މަދު ފްލައިޓެއް އަޔަސް ބޯޑަރު ހަމަ ކްލޯސް ކުރަންވީ މިހާރު. ރައްކާތެރިކަމުގެ ގޮތުން ސަރުކާރަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ އެއީ.

ދެން ރައްޔިތުންނަށް ބުނެލަން ބޭނުންވަނީ، އެޗް. ޕީ. އޭ އާއި ސަރުކާރުގެ އެންގުންތަކަށް ފުރިހަމައަށް ބޯލަނބާ ގޭގައި މަޑުކޮށްގެން ތިބޭށޭ. މިއީ އަޅުގަނޑުމެން މި ހީކުރާވަރަށް ވުރެ މާ ބޮޑަށް ނުރައްކާ އަދި މާ ފަސޭހައި ފެތުރޭ ވައިރަހެކޭ. އެންމެން އެކުގައި މަސައްކަތްކޮށްގެން މިކަމުން އަޅުގަނޑުމެނަށް އަރައިގަނެވޭނޭ.

6. ރާއްޖެއިން ބޭރުގައި ވަޒަންވެރިވެގެން އުޅޭ އާއިލާތަކުން މި ޙާލަތުގައި އެނބުރި ރާއްޖެ އައުމާއި މެދު ޖިހާދު ދެކެލައްވަނީ ކިހިނެތްތޯ؟

ރާއްޖޭން ބޭރުގައި ދިރިއުޅޭ ގިނަ އާއިލާ ތަކަކީ ކުޑަކުދިން ގޮވައިގެން އުޅޭ މައިން. ފިރިހެނުން ތިބެނީ ގިނަ ފަހަރު ރާއްޖޭގެ ވަޒީފާ ތަކުގައި. އެހެންކަމުން ގައުމު ތަކުގައި ގާއިމްކުރަމުންދާ ކާފިއު އާއި އެހެނިހެން ބަންދުތަކުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަން އަޅުގަނޑަށްވެސް އެނގޭ. މިވަގުތު އެ އާއިލާތަކުން ރާއްޖެ އައުމަކީ އެންމެ ރަގަޅު ކަމެއް އަދި ހާލަތު މާބޮޑަށް ގޯސް ނުވަނީސް އެމީހުންގެނައުމަކީވެސް ކުރަންޖެހޭ ކަމެއް.

7. މި ޙާލަތާއި ގުޅިގެން އިތުރަށް ފާހަގަ ކޮށްލަން ބޭނުންވާ ކަމެއް އެބައޮތްތޯ؟

އާދެ. ކުރިއަށް އޮތީ ރޯދަމަސް. އަޅުގަނޑުމެންނަކީ މަސް ނޫން ހުރިހާ އެއްޗެސް ބޭރުން ގެނެސްގެން އުޅޭ ބައެއް. އިންޑީޔާ އެއޮތީ 3 ހަފްތާ އަށް ބަންދުކޮށްފައި. އާންމު ޙާލަތުގައިވެސް ރޯދަމަހަށް ތަކެތި ލިބުން ދަތިވެ ތަކެތީގެ އަގު ބޮޑުވޭ. އެހެންކަމުން އެސް.ޓީ.އޯ އިން ސާފުކޮށްލަންބޭނުންވޭ ކޮބައިތޯ ރޯދަމަހަށް ތަކެތި އެތެރެ ކުރުމަށް އޮތް ޕްލޭނަކީ. އެކަން ރައްޔިތުންނަށް ސާފުވުމަކީ ވަރަށް މުހިންމު ކަމެއް. ސަރުކާރުން ކޮންމެވެސް ރަގަޅު އިންތިޒާމެއް ހަމަޖައްސާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ނަމަވެސް، އެކަން ރައްޔިތުންނަށް ސާފުވުމަކީ މިވަގުތަށް ރައްޔިތުންގެ ހާސްކަން ކުޑަވާނޭ ކަމެއް ވީމާ މިކަން ފާހަގަ ކޮށްލަން ބޭނުންވީ.

"ޖަޒީރާ" އަށް މަޢުލޫމާތު ދެއްވުމަށް ދެއްވި ވަގުތަށް މި ފުރުސަތުގައި ޝުކުރު އަދާކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު