އިންގިލާބީ ބަދަލު: ސިއްހީ ހިދުމަތަށް މާލެ އަތޮޅުން ކުޅުދުއްފުއްޓަށް

ޒަމާނުންސުރެ ރާއްޖޭ ބައްޓަންވެފައި އޮތީ ކިރިޔާ ކަމެއް ޖެހުނަސް މާލެއަށް އަންނަން ޖެހޭ ގޮތަށެވެ. ހަގީގީ ޖަޒީރާވަންތަކަން ގެއްލި މަރުކަޒީކޮށްގެންނެވެ. ނަމަވެސް މުޅި ދުނިޔެ ހިލުވާލައި ބޮޑެތި ބަދަލުތަކެއް ގެނައި ކޮވިޑް-19 މިކަމުގައި ވެސް މި ވަނީ ބަދަލު ގެނެސްފައެވެ. 

މާލެ ލޮކްޑައުންގައި އޮންނަތާ މިހާރު ވަނީ ފަސް މަސް ވެފައެވެ. މާލެއަށް އައިސްފިނަމަ ރަށަށް ދާން އުނދަގޫވެއެވެ. ހޯމް ކަރަންޓީނަށް ދާން މަޖުބޫރުވެއެވެ. އެގޮތަށް ވެސް ދާން ކިޔުގައި ޖެހިގެން އެތައް ދުވަހެއް ނަގައެވެ. އެހެންކަމުން މާލެއަށް އައުމަކީ މިހާރު މާ ފަސޭހައެއް "އޮޕްޝަނެއް" ނޫނެވެ. އެހެންވެ މާލެ ނޫން ގޮތެއް މިއޮތީ ހޯދަންޖެހިފައެވެ. 

އެކަމުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުންދަނީ ކުޅުދުއްފުށީ ސިޓީއަށެވެ. ކުޅުދުއްފުށީ ސިޓީއަކީ 12،000 ގެ އާބާދީއެއް ދިރިއުޅުމެއް ދަނީ ކާރުބާރުބޮޑު ސިޓީއެކެވެ. މިހާތަނަށް ކޮވިޑްގެ ބިރުވެރިކަމެއް ނެތް އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަރަށް ކުރިޔާލާ އެޅިއެވެ. 

ކުޅުދުއްފުށީ ސިޓީވެފައި އޮންނަނީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންގެ ވެސް ކުޑަ މާލެއަށެވެ. އެމީހުން ސިއްހީ ހިދުމަތަށް ދަތުރު ކުރަނީ ކުޅުދުއްފުއްޓަށެވެ. ވިޔަފާރި ކުރުމާއި ތައުލީމަށް ވެސް ކުޅުދުއްފުއްޓަށް ދަތުރު ކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ހއ، ހދ. އަދި ށގެ އިތުރުން މިހާރު ނ.ގެ ލޯންޗުތަކާއި ފެރީތައް ވެސް ވަނީ ކުޅުދުއްފުއްޓަށް މިސްރާބު ޖަހާފައެވެ. 

އެންމެ ބޮޑު ބަދަލަކީ ކ. އަތޮޅާއި ޅ. އަތޮޅުން ވެސް ސިއްހީ ހިދުމަތަށް މީހުން ކުޅުދުއްފުއްޓަށް ދާން ފެށުމެވެ. މާލެ އަތޮޅު ކާށިދޫއިން މިހާރު ކުޅުދުއްފުއްޓަށް ލޯންޗު ޝެޑިއުލް ދަތުރު ކުރެއެވެ. އާންމުކޮށް މި ދަތުރުތަކުގައި މީހުން ދަނީ ސިއްހީ ހިދުމަތް ހޯދުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ. ޅ. އަތޮޅު ހިންނަވަރާއި ނައިފަރާ ވެސް ލޯންޗުން މިހާރު ވަނީ ކުޅުދުއްފުއްޓާ ގުޅާލާފައެވެ. 

މި ލޯންޗު ވިޔުގާއަކީ ބޮޑު ބަދަލެއްގެ ފެށުމެވެ. މާލެ ނޫން އެހެން ގޮތެއް ބަޔަކު އަމިއްލައަށް ހޯދަމުންދިޔުމަށް އެޅި ބިންގަލެވެ. 

މާލޭ ލޮކްޑައުންއާއެކު ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ މުހިންމު ކުރިއެރުންތަކެއް ވެސް ހޯދާފައެވެ. އެގޮތުން އަންހެނެއްގެ އޯވަރީގައި އުފެދިފައި ހުރި ބޮޑު ސިސްޓެއް ނަގައި އެމީހާއަށް ވަނީ ފަރުވާދީފަ އެވެ. މިއީ އެ ހޮސްޕިޓަލްގައި ކުރި އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ. މި އޮޕަރޭޝަން އެ ހޮސްޕިޓަލްގައި ކުރީ ލޮކްޑައުންއާ ގުޅިގެން ބަލިމީހާ މާލެ ފޮނުވެން ނެތުމުންނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ދުވަސްނުފުރާ ވިހެއި 28 ހަފުތާގެ ކުއްޖަކަށް ވެސް ފަރުވާދީ ސަލާމަތްކޮށްފައިވެ އެވެ. މީގެކުރިން އެފަދަ ހާލަތްތަކުގައި ވެސް ފަރުވާއަށް ފޮނުވަމުންދިޔައީ މާލެއަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން މިހާރު ކޮވިޑް ޓެސްޓް ވެސް ކުރެވެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ބޮޑުކޮށް ތަރައްގީ ކުރުމުގެ މަސައްކަތެއް މިހާރު ވެސް އެމްޓީސީސީއިން ދަނީ ކުރަމުންނެވެ. އޭގެއިތުރުން މި ސަރުކާރުން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހެދުމަށް ވެސް ނިންމާފައެވެ. އެކަމުގެ މަސައްކަތްތައް ވެސް ވަނީ ފަށާފައެވެ. ސިއްހީ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލް ކުރިއަރައިގެން ދިޔުމަކީ މާލޭގެ މަރުކަޒީކަން ގެއްލި، ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.  

ކިޔުންތެރިންގެ ހިޔާލު