އާ ފިޔަވަޅު ކަމަކުނުދިޔަ، އެކަމަކު ވިސްނާލާ!

ކޮވިޑް-19ގެ ކޭސްތައް މާލޭގައި ފެންނަމުންދާއިރު އިތުރުވަމުންދާއިރު އެކަން ކޮންޓްރޯލް ކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅާމެދު އާންމުން ހިތްހަމަނުޖެހިއްޖެއެވެ. އެޗްޕީއޭއިން ވަނީ ރޭގަނޑު 8:00 ން ފެށިގެން ފަތިހު 5:00އާ ހަމައަށް މާލޭގެ މަގުތަކުގައި އަމިއްލަ ވެހިކަލް ދުއްވުން މަނާކޮށްފައެވެ. 

މި ނިންމުން މިހެން އައިއިރު މިހާރު މަގުތަކަށް ބަލާއިރު ރޭގަނޑު 8:00 އާއި 10:00އާ ދެމެދު ގިނަ އަދަދެއްގެ މީހުން މަގުތަކުގައި އުޅެއެވެ. ގިނަ މަގުތައް އޮންނަނީ ތޮއްޖެހިފައެވެ. ޓްރެފިކް ބޮޑުވެފައެވެ. ހަމަ އެގޮތަށް ކެފޭ ރެސްޓޯރެންޓްތައް ވެސް އެ ގަޑީ އޮންނަނީ ފުރިފައެވެ. 

މިހާރު އޮންނަ އުސޫލުން ރޭގަނޑު 10:00 ގައި ކާފިއު ހިންގަން ފަށައެވެ. 9:30 އަށް ފިހާރަތައް ބަންދުކުރަން ޖެހެއެވެ. އަލަށް އެޅި ފިޔަވަޅާއެކު 8:00 އަށް ފިހާރަތަކާއި ކެފޭތަކުގެ ޑެލިވަރީ ވެސް ނިންމުމަށް ވަނީ އަންގާފައެވެ. އަދި އެފަދަ ތަންތަނުގައި ޑިއުޓީގައި އުޅޭ މީހުންނަށް ވެސް 8:00 އަށްފަހު ވެހިކަލްގައި ގެއަށް ނުދެވޭނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓްގެ ބޭނުން ހިފޭނެއެވެ. 

އެޗްޕީއޭ އަދި ފުލުހުންގެ އިލްތިމާސްއަކީ ވެސް ވީއެންމެ އަވަހަކަށް މަސައްކަތްތައް ނިންމައި ގެއަށް ވަނުމެވެ. ނަމަވެސް މިކަމާމެދު އާންމުން ދެކޭ ގޮތް ތަފާތެވެ. ގިނަ ބަޔަކަށް މިކަން ވެފައިވަނީ ތަކުލީފެއްގެ ގޮތުގައެވެ. އަދި އަނެއް ބަޔަކަށް މިކަން ޖޯކަކަށް ވެސްވިއެވެ. 

އާންމުންގެ މީހަކު ބުނެފައިވާ ގޮތުގައި މި ފިޔަވަޅު ފެންނާނެ ނަތީޖާއެއް އޭނާއަށް ނުވިސްނެއެވެ. އެހެން މީހަކު ބުނި ގޮތުގައި މިހާރު ސިފަ ވަނީ ވެހިކަލް ދުއްވުމަކީ ކޮވިޑް-19 ޖެހުމަށް ފުރުސަތު ބޮޑުވާ ކަމެއް ހެނެވެ. އަނެއް ބައެއްގެ ކަންބޮޑުވުމަކީ މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ގެއްލުންވާނެތީއެވެ. އެހެން މީހުން ކަންބޮޑުވެފައި ތިބީ ޑިއުޓީ ނިންމާފައި ގެއަށް ދާނެ ގޮތަކާމެދުއެވެ. 

އާ ފިޔަވަޅުން ނުކުންނާނެ ނަތިޖާއަށް ބަލާއިރު ރޭގަނޑުގެ ވަގުތުގައި މަގުތަކުގައި އުޅޭ މީހުން މަދުވުން ހިމެނެއެވެ. ވެހިކަލް ނުދުއްވޭނަމަ ބޭރަށް ނުކުންނަ މީހުންނާއި ކޮފީތަކަށް ދާ މީހުން ވަރަށް ބޮޑަށް މަދުވާނެއެވެ. ބޭރަށް ނުކުންނަ މީހުން މަދުވާ ކޮންމެ ފަހަރަކީ ވެސް ކޮވިޑް-19އަށް އެޅޭ ހުރަހެކެވެ. 

މި ފިޔަވަޅަކީ ފުލް ލޮކްޑައުންއަކަށް ނުވަތަ ކާފިއު އިތުރު ނުކުރުމުގެ ގޮތުން ގެނައި ފިޔަވަޅެކެވެ. ފިޔަވަޅުގެ ސަބަބުން ދަތިތަކާ ކުރިމަތިވެދާނެއެވެ. ނަމަވެސް މިހާރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ 8:00 އަށް އޮފީސް ފަދަ ތަންތަން ވެސް ބަންދު ކުރުމަށެވެ. ފިހާރަތަކާއި ކެފޭތައް ވެސް އެ ގަޑިއަށް ބަންދު ކުރެވިދާނެއެވެ. 8:00 އެއީ ގެއަށް ވަންނަ ގަޑި ކަމަށް ބެލުމަކީ އެންމެ ރަނގަޅު ގޮތެވެ. 

ދެން އޮތީ ނޫސްވެރިން ފަދަ މަސައްކަތްތައް ކުރާ މީހުންނެވެ. އެމީހުންނަށް 8:00 އަށް ގެއަށް ނުވަދެވޭނެއެވެ. ނަމަވެސް އެ ފަރާތްތަކަށް ހާއްސަ ހުއްދައެއް ވަނީ ދީފައެވެ. ވެހިކަލް ދުއްވާނަމަ ހުއްޓިވި ނަމަވެސް އެ ފަރާތްތަކުން މަސައްކަތުން ސީދާ ގެއަށް ދާނަމަ އެމީހުންނަށް ހުރަހެއް ނެތެވެ. މީޑިއާ ފާސްގެ ބޭނުން ހިފޭނެއެވެ. 

ކޮވިޑް-19އާ ގުޅިގެން އަޅާ ކޮންމެ ފިޔަވަޅެއް ވެސް ވެގެން ދާނީ އޭގައި ދަތިތަކެއް ހުންނާނެ ފިޔަވަޅަކަށެވެ. ނަމަވެސް މި ހާލަތުގައި ބަލި އިތުރަށް ފެތުރިގެންފިނަމަ އެއީ އަދި މާބޮޑު ދައްތަކެވެ. ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާއިރު މަރުވާ މީހުން ވެސް އިތުރުވެއެވެ. މިއީ ވިސްނަން ޖެހޭ ކަމެކެވެ. ފަރުދީ ޒިންމާ މުހިންމެވެ. 

ކިޔުންތެރިންގެ ހިޔާލު