ކޮވިޑްގެ އަޑިގަނޑުން ޓޫރިޒަމް އުހަށް ގެންދިޔުމުގެ އުންމީދު!

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގެ ގޮނޑުދޮށްތަކަށް ބީއްސާލި ކޮރޯނާވައިރަސްގެ ބަލާއާފާތާއެކު އެންމެ ބޮޑު ލޮޅުމެއް އެރީ، ގައުމުގެ އިގްތިސާދު ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ ދާއިރާ އަށެވެ. މީގެ 40 ހަކަށް އަހަރު ތެރޭގައި ވެސް އެ ދާއިރާއަށް ނުކުރާ ވަރުގެ ބޮޑު ގެއްލުމެއްވެ، އެ ނޫން ގޮތްތައް ހޯދުމަށް ވެސް މިސްރާބު ޖަހަން ޖެހުނެވެ. 

ދައުލަތް މާލީ ގޮތުން އެންމެ ބޭނުން ޖެހުނު ވަގުތު، ރަނގަޅު އާމްދަނީއެއް ވަންނަ ހަމައެކަނި ދޮރު ބަންދުވީ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެތައް ސަތޭކަ އާއިލާއެއް ހާލުގައި ޖެހި، ވަޒީފާ ދޫކޮށްލަން ޖެހުނީއެވެ. އެއްވެސް އުންމީދެއް ނެތި "ސަނީ ސައިޑް އޮފް ލައިފް" އަށް އިރު އޮއްސިގެން ދިޔަ އެވެ. 

އިގްތިސާދީ މާހިރުން ލަފާ ކުރާ ގޮތުގައި އިގްތިސާދު ފަތުރުވެރިކަމަށް ބިނާވެފައި އޮންނަ ގައުމުތަކަށް މި އަހަރު މިހާތަނަށް އަދި ކުރިޔަށް އޮތަނުގައި ވެސް އޮތީ އުނދަގޫ ދުވަސްތަކެކެވެ. ސަބަބަކީ ކޮވިޑް-19 އަށް ވެކްސިންއެއް ހޯދަން މަދުވެގެން 18 މަސް ދުވަސް ނަގާނެ ކަމަށް ލަފާކޮށްފައި އޮތުމާއި، ވެކްސިނެއް ހޯދުމަށް ފަހު ވެސް މީހުންގެ ހިތު ތެރޭގައި އޭގެ ބިރުވެރިކަން ދެމި އޮންނާނެ ކަމަށް ބެލެވޭތީ އެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ މައި ނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ ވެއްޓުނު މި ވަޅުގަނޑުން އަރައިގަނެވިދާނެ ދުވަހަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. 

އެކަންކަމާމެދު ޓޫރިޒަމް މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމްގެ ވިސްނުން ހުރީ މުޅިން އެހެން ގޮތަކަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ޖިއޯގްރަފީ އޮތީ ކޮވިޑްއަށް ތައްޔާރަށެވެ. އަދި މިއީ ރަނގަޅު އަގެއް ގިނަ ޓޫރިސްޓުން ވެސް ގެނެވިދާނެ ދުވަސްވަރެކެވެ. މީގެ ސަބަބުން ދާދި އަވަހަށް އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް މި އުނދަގުލުން އަރައިގަނެވޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވަ އެވެ. 

"މިއީ ވަރަށް ދަތި ދަނޑިވަޅެއް. މި އަޑިވަޅުގަނޑުން އަރައިގަނެވެން އޮތީ ޓޫރިސްޓުން ގެނެސްގެން. އެކަންތައް ކުރުމުގައި މިހާރު ބޮޑެތި ކާމިޔާބީތަކެއް ލިބެމުން މިދަނީ. ފުރަތަމަ ހުޅުވާލާފަ އޮގަސްޓު މަހަށް އަމާޒު ކުރި އިރު އޭރު އަންދާޒާ ކުރި 6000 ޓޫރިސްޓުން އަންނާނެ ކަމަށް. އެކަމަކު މިހާރު 10،000 އަށް ވުރެ ގިނައިން ގެސްޓުން އައިސްފި،" ޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުސޫމް ވިދާޅުވި އެވެ. "އެހެން ނަމަވެސް އަދި އެއީ އަޑިގަނޑުން އަރައިގަނެވުނީކީ ނޫން. މި އަޑިގަނޑުން އަރައިގަތުމަށް ބޭނުންވަނީ ހަމަ ޓޫރިޒަމް ދާއިރާގެ މަސައްކަތް ކުރާ ހުރިހާ ތަނެއް ފައިދާގަ ހިންގަން ފަށަށް،" 

"ރާއްޖެއަކީ ކޮވިޑްގައި ނުޖެހި އުޅެވޭ، އެންމެ ރައްކާތެރި މަންޒިލް" 

ކޮރޯނާވައިރަސް ފެތުރިފައިވާ މި ދަނޑިވަޅާއި ފަތުރުވެރިކަމުގެ ދާއިރާ ނުގުލޭ އެއް ސަބަބަކީ ވައިރަސް ވައްދާ ގޭޓަކަށް ޓޫރިޒަމް ވެދާނެތީ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަށް ދިވެހިންގެ ފަރާތުން އެ ވައިރަސް އެރުން ނުވަތަ އެ ފަތުރުވެރިންގެ ފަރާތުން ރިސޯޓު މުއައްޒަފުންނަށް އަދި ރަށްރަށުގައި ދިރިއުޅޭ މީހުން ގަޔަށް ފެތުރިދާނެ ކަމުގެ ބިރެވެ.

އެހެން ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖެއަކީ މުޅި ދުނިޔެއިން ވެސް އެކަމަށް އެންމެ ތައްޔާރުވެފައި އޮތް ގައުމު ކަމަށް މައުސޫމް ވިދާޅުވި އެވެ. އެއީ ބޮޑު ކޮމިއުނިޓީ ސްޕްރެޑެއް އޮތީ މާލޭގައި އެކަނި ކަމަށްވެފައި، ފަތުރުވެރިން މާލެ ނައިސް މުޅި ދަތުރު ނިންމާލެވޭނެތީ އެވެ. އަދި ޓޫރިޒަމް ގައިޑްލައިންއަށް ގެންނަ އާ ބަދަލުތަކާއެކު ފަތުރުވެރިން ރާއްޖެ އަންނާނީ ވެސް ކޮވިޑް-19 ގެ ޕީސީއާރް ޓެސްޓު ހަދައިގެނެވެ. 

އޭގެ އިތުރުން ރާއްޖޭގެ މައި ގޭޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮތީ "ޓަޗްލެސް" ތަނެއް ގޮތުގައި ތަރައްގީކޮށްފައި ކަމަށާއި ފަތުރުވެރިންނަށް އެ މަރުހަލާ ވަރަށް ރައްކާތެރިވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ. އެއަށް ފަހު ރިސޯޓުތަކަށް ދާއިރު އެތަނުގައި ވެސް އޮންނާނީ ރައްކާތެރި މާހައުލެއް ކަމާއި ގެސްޓްހައުސްތައް ހުޅުވާއިރު، އެތަންތަން ވެސް އެންމެ ރައްކާތެރި ސްޓޭންޑަޑަށް ގެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ފަތުރުވެރިން ރާއްޖެއަށް ދަތުރު ނިންމާލާފަ އަނބުރާ ގައުމަށް ދާއިރު ހަމަ ކޮވިޑްގަ ނުޖެހި ދެވޭނެ. އެހެންވެ މިއަދު ދުނިޔެ ގަބޫލު ކުރަން ފަށައިފި ދިވެހި ރާއްޖެއަކީ މިއަދު ދުނިޔޭގެ ހުރިހާ މަންޒިލްތަކުގެ ތެރެއިން ވެސް އެންމެ ސަލާމަތްކަން ބޮޑު މަންޒިލް ކަން،" މައުސޫމް ވިދާޅުވި އެވެ. 

ކަން މިހެން އޮތްނަމަވެސް ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު މަދު ވަނީ އެ މީހުން މިހާރު ތިބި ގައުމުތަކުގައި ކޮވިޑް-19 ގަދައަށް ފެތުރިފައިވާތީ ކަމަށް މައުސޫމް ވިދާޅުވި އެވެ. އަދި ގިނަ ފްލައިޓުތައް ވެސް އެކަމާ ގުޅިގެން ދަތުރު ނުކުރެ އެވެ. ނަމަވެސް ފްލައިޓުތައް އަޅާ މިންވަރު އިތުރުވާ ވަރަކަށް ފަތުރުވެރިކަން ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށް މިނިސްޓާ މައުސޫމް ވިދާޅުވި އެވެ. 

އަގުތައް ބޮޑު ކުރިޔަސް ރިސްކު ކުޑަ! 

މައުސޫމް ވިދާޅުވި ގޮތައް ގިނަ ގައުމުތަކަށް ވެސް ކޮވިޑް-19 އާ ގުޅިގެން މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެހެންކަމުން ރާއްޖެ ފަދަ ލަގްޒަރީ ޑެސްޓިނޭޝަންތަކަށް ގިނަ މީހުން އައުމުގެ ފުރުސަތު ކުޑަ އެވެ. އެކަމާ ގުޅިގެން ބައެއް ރިސޯޓުތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކުރުމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ. 

އެހެން ނަމަވެސް މައުސޫމް ވިދާޅުވި ގޮތުގައި އަގުގެ މައްސަލައަކީ ކޮވިޑްގެ ދުވަސްވަރު ވެސް ޓޫރިޒަމް ދާއިރާއަށް އޮތް އުފާވެރި ހަބަރެކެވެ. ސަބަބަކީ މި ހާލަތުގައި ދަތުރުކޮށް، ރައްކާތެރި މަންޒިލްތަކަށް ދާން ބޭނުންވާ މީހުންނަކީ މާ ބޮޑަށް އަގުތަކަށް ބަލާނެ ބައެއް ނޫނެވެ. އެހެންކަމުން ރަނގަޅު އަގެއްގައި ހިފެހެއްޓިޔަސް ޑިމާންޑަށް ބަދަލު އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުން ވެސް ވިސްނާވަޑައިގަންނަވަންވީ އަގު ތިރިކުރުން އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫން އަގު ހިފަހައްޓާށޭ އަގު ހިފެހެއްތިޔަސް ޑިމާންޑަކަށް ބަދަލެއް ނާންނާނެ. މިހާރު އަންނަ ގަސްތު ކުރާ މީހުން އެ ބޭފުޅުން އެކަށީގެންވާ ރަނގަޅު އަގެއްގައި ލިބެންޔާ އަންނާނެ. ވާދަވެރިކަމާއެކީގައި އަގު ހިފަހައްޓަންވީ،" މައުސޫމް ވިދާޅުވި އެވެ. 

ހިންގުން އަވަސްކޮށް، ޓޫރިޒަމް ހުރިހާ ސަރަހައްދަކަށް! 

މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އިން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާ ކުރުމަށް އާ ޕްރޮޑަކްޓުތަކެއް ގާއިމް ކުރުމަށެވެ. އެގޮތުން އެތައް އަހަރުތަކެއް ވަންދެން ނުހެދި ހުރި މަޝްރުއުތައް ތަރައްގީކޮށް، ވަޒީފާތައް އިތުރު ކުރުމަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށް މައުސޫމް ވިދާޅުވި އެވެ. 

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ވީހާވެސް ބޮޑަށް ދެފުށް ފެންނަ އަދި މައުލޫމާތުތައް ފަހިވެފައި އޮންނަ މިނިސްޓްރީއަކަށް ހެދުމަކީ މައުސޫމްގެ އަމާޒެކެވެ. އެގޮތުން އެ މިނިސްޓްރީގެ ހުރިހާ ތަފާސްހިސާބުތަކެއް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް މައުސޫމް ވިދާޅުވި އެވެ. އަދި އެކަން ކުރުމުގައި ސްމާޓްފޯންތައް ބޭނުން ކުރުމާއި ލާމަރިކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި ބޮޑު ބަދަލުގެ ފުރިހަމަ ބޭނުން ހިފާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"މާލޭގައި ތިބެގެން އިންޑަސްޓްރީ މިހާ ފުޅާވާއިރު މިނިސްޓްރީގައި މިއޮތް ސްޓާފް ޓީމަށް އެހީވާން އެހެން ބޭފުޅުންގެ ދައުރު މީގެތެރެއަށް ބޭނުންވެ. އެގޮތައް ކައުންސިލްތަކުން ވެސް މަސައްކަތް ކުރައްވަނީ. ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި ޒިންމާތަކެއް ދީފަ އެބަހުރި. ކައުންސިލްތަކަށް ބޭނުންވާ ތަމްރީނާއި ކަންކަން ފަހި ކުރީމަށް ޓުރިޒަމްއާ ގުޅިގެން ލިބެން ޖެހޭ ހިދުމަތްތައް ވަރަށް ބޮޑަށް އަވަހަށް ވެގެން ދާނެ،" މައުސޫމް ވިދާޅުވި އެވެ. 

"އޮންލައިންކޮށް ހިދުމަތް ލިބޭ ގޮތް ހެދިފައި ސީދާ ފިޒިކަލީ ބޭނުންވާ ހިދުމަތްތައް ކައުންސިލް މެދުވެރިކޮށް ކުރީމަ ހިދުމަތުގެ ސްޕީޑް އަވަސް ވެގެންދާނެ. އެހެންވީމަ އަވަސް ހިދުމަތެއް ފަސޭހަކަމާއެކު ލިބޭގޮތައް ޓުރިޒަމްގެ މަސައްކަތްތައް ބައްޓަންވެގެން ދާނެ ކަމަށް ރާވަނީ،" މައުސޫމް އިތުރަށް ވިދާޅުވި އެވެ. 

ރިސޯޓް މުއައްޒަފުންނަށް ބާރުވެރިކަން! 

ޓޫރިޒަމްގެ މާސްޓާޕްލޭން ބައްޓަން ވެގެންދާނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކާ އެއްގޮތައް ކަމަށް މައުސޫމް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޓޫރިޒަމްގެ ފައިދާ ލިބޭ ގޮތަށެވެ. އޭގެ ތެރެއިން ވެސް އިސްކަން ދޭ މައިގަނޑު ދެ ކަމެއް އެބައޮތް ކަމަށް މައުސޫމް ވިދާޅުވި އެވެ. އެއީ ޓޫރިޒަމް ވިޔަފާރީގެ ވެރިންނަށް ދިވެހިން ބަދަލުވުމާއި ދިވެހިންނަށް ބޮޑެތި މުސާރަ ލިބޭ އަދި ދިވެހިން ކުރާ ހިތްވާ ކަހަލަ ވަޒީފާތައް ހޯދައިދިނުމެވެ. 

"ބޭރު މީހުން ވެސް ގެންނަން ޖެހޭނެ. އެކަމަކު ބޭރު މީހުންނަށް ދަށް މުސާރަ ލިބޭ
ވަޒީފާތައް ހުންނާނެ. ދިވެހިން ނުލައިހަކު މުރާލި، ތޫނުފިލި، ކުޅަދާނަ، އަޒުމު
ވަރުގަދަ އެހާ ކްރިއޭޓިވް،" 

"އެހެންވެ ދިވެހިން މަތީ މަގާމްތަކަށްލައި، މަސް ނިންމާލާއިރު
އަތުގައި ބާކީ އޮންނަވަރުގެ އާމްދަނީއެއް ލިބޭ ވަޒީފާތަކަށް ދިވެހިން ގެންނާނީ،" މައުސޫމް ވިދާޅުވި އެވެ. 

މި ހުރިހާ މަސައްކަތެއް ކޮށް ނިމުމަށް ފަހު އަންނަ އަހަރަށް މަރުހަބާ ކިޔާއިރު ޓޫރިޒަމްއަށް އެކަށީގެންވާ ކުރިއެރުމެއް އައިސް، ހުރިހާ ދިވެހިންގެ މާޔޫސްކަން ފިލައިގެން ދިޔުމަކީ ކުރާ އުންމީދެއް ކަމަށް މައުސޫމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު