މި ބަހުސް: އެމްޑީޕީގައި އިސް ވާނީ ކޮން ބޭފުޅެއް؟

އެމްޑީޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގައި އޮވެއެވެ؛ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސްއެވެ."

ގަވައިދުގައި މިހެން ލިޔެފައި އޮތްކަން ހަނދާނަށް ގެނެސްދީ މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ވާހަކަފުޅު ދައްކަވާފައިވެއެވެ. 

"އަޅުގަނޑަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އިނގޭތޯ. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެކަން އޮތް ގޮތް. އަޅުގަނޑު ވެރިކަމުގައި ހުއްޓަސް، އަޅުގަނޑު ޖެހޭނެ ޕާޓީއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން،" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ދުވަސްވަރު ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. 

ރައީސް ސޯލިހުގެ މި ވާހަކަފުޅާއި އަސާސީ ގަވައިދާ ފުށުއަރާ ވާހަކައެއް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މި ވަނީ ވިދާޅުވެފައެވެ. ގާނޫނީ ވަކީލް ހަސަން ލަތީފް އެ ޕާޓީގެ ފިޔަވަޅު ކޮމިޓީގެ ނައިބު މުގައްރިރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައެވެ.

އެމްޑީޕީގެ އިސް ލީޑަރާމެދު މީހުންގެ މެދުގައި މިހާރު ބަހުސް ފެށިފައިމިވަނީ މިހެންވެއެވެ. އެމްޑީޕީގެ ތެރެއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އައި ހިސާބުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑަށް ވަނީ އުފެދިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ފައްޔާޒުގެ ދިފާއުގައި ތިއްބެވި މެންބަރުންނާއި ފައްޔާޒު، މަގާމުން ދުރުކުރަން ރައީސް ނަޝީދާ ބައިއަތު ހިއްޕަވައިގެން ތިއްބެވި މެންބަރުންނެވެ. 

ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދު އިސްވެ ހުންނަވާ ކުރައްވާ ކަމެކެވެ. އެއީ ޕާޓީ، ހިޔާނާތުގެ ހަޑިން ސަލާމަތް ކުރުމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މިކަމުގައި ދުވަސްވީ އެކުވެރިޔާއާ ހިޔާލު ތަފާތުވެފައެވެ. ރައީސް ގަބޫލު ކުރައްވާ ގޮތުގައި ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތެވެ. އަދި ފައްޔާޒު ސަލާމަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

މިއާއެކު، ފައްޔާޒު މަގާމުން ދުރުކުރުން ވެގެން ގޮސްފައިވަނީ ދެ ރައީސުންގެ ރޭހަކަށެވެ. ޕާޓީގައި ކޮންޓްރޯލް ބޮޑީ ކޮން ބޭފުޅެއްތޯ އާއި ޕާޓީގެ އެންމެ ނުފޫޒުގަދަ ބޭފުޅަކީ ކޮބައިކަން އެނގިގެންދާނީ މި މައްސަލަގަނޑުގައި ކަން ހިނގައިގެންދާ ގޮތަކުންނެވެ. 

ޕާޓީގެ އިސް ލީޑަރާމެދު މިހާރު އުފެދިފައިވާ ސުވާލު ވެސް މިހެން ފެންމަތިވެފައިމިވާއިރު، އާންމު ގޮތެއްގައި ޕާޓީގެ އެންމެ އިސް ބޭފުޅަކަށް ވާނީ އެ ޕާޓީއެއްގެ ރައީސްއެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަން ކުރެއްވިއިރު ވެސް އެމްޑީޕީގެ ރައީސްގެ ގޮތުގައި އެހެން ބޭފުޅުން ތިއްބެވިއެވެ. އޭރު މި ބަހުސް ހޫނެއް ނުވެއެވެ. 

ރައީސް ނަޝީދު ވެރިކަން ކުރެއްވިއިރު އެމްޑީޕީގައި ރައީސުން ތިއްބެވި ނަމަވެސް ޕާޓީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ބަލަމުން ދިޔައީ ރައީސް ނަޝީދަށެވެ. އެއީ އެމްޑީޕީގެ ގަވައިދުގައި އެގޮތަށް ލިޔެފައި އޮތުމުންނެވެ. 

އެނގިފައިވާ ގޮތުގައި އއ. އުކުޅަހުގައި ރައީސް ސޯލިހަށް ރިޔާސީ ކެންޑިޑޭޓް ދިނުމަށްފަހު ގަވައިދުގެ މި ބަޔަށް ބަދަލު ގެންނަން މަސައްކަތް ކުރިއެވެ. އެއީ ރައީސް ނަޝީދު އެގޮތަށް ބޭނުންފުޅުވާތީއެވެ. ނަމަވެސް ގަވައިދަށް އޭރު އެއްވެސް ބަދަލެއް ގެންނަން އެއްބަސްވެވިފައެއް ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު