ޕްރިންސިޕަލުންގެ ޓެނުއަރޝިޕް ކަނޑައެޅުން، މުހިންމު ހެޔޮ ބަދަލެއް

މާލޭ ސިޓީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ޑރ.އައިޝަތު އަލީ ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން / 2018 މާލޭ ސިޓީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ޑރ.އައިޝަތު އަލީ ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން / 2018

ސަރުކާރުގެ ސްކޫލްތައް ހިންގުމުގެ ނިޒާމު ރަނގަޅު ކުރުމަކީ ކޮންމެ ސަރުކާރަކުންވެސް އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތެވެ. މިގޮތުން، ސްކޫލްތަކަށް ލިބޭ މާލީ އެހީތެރިކަން ބޮޑުކުރަން މަސައްކަތް ކުރުމާއި، ސަރުކާރު ސްކޫލްތަކަކީ އައު ހިޔާލުތަކާއި ޒަމާނީ އައު ވިސްނުންތަކުގެ މައްޗަށް ބިނާވެގެން ހިންގޭ ސްކޫލްތަކަށް ހެދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ޕްރިންސިޕަލުންގެ ޓެނުއަރޝިޕް އުސޫލެއް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އިއުލާން ކުރިއެވެ.

ޕްރިންސިޕަލުންގެ ޓެނުއަރޝިޕް ކަނޑައެޅުމަކީ އޭގެ ސަބަބުން ދަރިވަރުންނަށާއި ޕްރިންސިޕަލުންނަށްވެސް ހެޔޮ ފައިދާތަކެއް ވާނޭކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ދެކޭ ކަމަށް އެ މިނިސްޓްރީއިން ވަނީ ކުރިންވެސް އިއުލާން ކޮށްފައެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އެޑިއުކޭޝަން ސިސްޓަމްގައި ގާބިލު ތަޖުރިބާކާރު ޕްރިންސިޕަލުން ގިނަ ކަމެވެ. އަހަރަކަށްވުރެ އަހަރެއް ކުދިންގެ ނަތީޖާ ރަނގަޅު ވަނީ އެބޭފުޅުންގެވެސް ހިއްސާ އެކަމުގައި އޮވެގެންނެވެ. ހަމަ ޔަގީނުންވެސް ނުބަލަހައްޓާ ދަނޑަކުން ރަހަމީރު މޭވާތަކެއް އަބަދަކު ނުނިކުންނާނެއެވެ. އެހެންނަމަވެސް، ޕްރިންސިޕަލުންނަކީ އެއް ސްކޫލަކަށް ލޯބިޖެހި، ނެއްޓެން ނޭގިއްޖެ ބަޔަކަށް ވެއްޖެނަމަ އޭގެ ސަބަބުން ފައިދާ ކުރާނޭ ކުދިންގެ އަދަދު ހަމަ ޔަގީނުންވެސް މަދުވާނެއެވެ. މިކަން މިހެން އޮންނަތާވެސް ލައްކަ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އާދަޔާ ހިލާފަށް ޢިލްމާއި ތަޖުރިބާގެ ގޮތުން ކުރިއަރާފައިވާ ޕްރިންސިޕަލުންގެ ފައިދާ ކުރަނީ ދިހަ ފަނަރަ އަހަރު ވާއިރުވެސް ހަމަ އެންމެ ސްކޫލަކަށެވެ. އެބޭފުޅުންގެ ފައިދާ ގިނަ ސްކޫލްތަކަށް ކޮށް ހުރިހާ ސްކޫލްތަކުގެ ފެންވަރު މަތިނުވާންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އެކަން އެގޮތަށް ކުރުމަކީ ސަރުކާރުގެ މައްޗަށް ވާޖިބެކެވެ. ޕްރިންސިޕަލުންގެ މަސްއޫލިއްޔަތެކެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން އިއުލާން ކޮށްފައިވާ ގޮތުގައި، މި އުސޫލާ އެއްގޮތަށް، އެއް ސްކޫލެއްގައި އެންމެ ގިނަވެގެން ހުރެވޭނީ 4 އަހަރުގެ 2 ޓާރމްއަށެވެ. ޓެނުއަރ ފަށާނީ މިނިސްޓްރީއިން ލިޔުމުން އެކަން ކަނޑައަޅާ ހަވާލުކުރާ ތާރީޚުން ފެށިގެންނެވެ. ފުރަތަމަ 4 އަހަރުގެ ޓެނުއަރ ނިމުމުން އިތުރު 4 އަހަރަށް އެ ސްކޫލެއްގައި ހުންނަން ބޭނުންނަމަ އެކަމަށް އެދި ހުށަހެޅޭނެއެވެ. ބަދަލުވާން ބޭނުންވާނަމަ އެ ފުރުސަތައްވެސް އެދެވޭނެއެވެ. ގިނަ ވެގެން އެއް ސްކޫލެއްގައި ހުރެވޭނީ ވިދިވިދިގެން 8 އަހަރަށެވެ. އުސޫލު މިހާރު އާންމު ކުރުމާއެކު އެއަށް އަމަލުކުރަން ފެށިފައިވާއިރު، ޓެނުއަރޝިޕް ހަމަޖައްސާނީ މިނިސްޓްރީއިން ހަދަންޖެހޭ ގަވާއިދުތައް ހަދައި ތާވަލެއް އެކުލަވާލުމުންނެވެ. އެހެންކަމުން މިހާރު ތިބި ޕްރިންސިޕަލުން މަގާމުގައި ދެމިތިބޭނެއެވެ.

އުސޫލު އާންމު ވުމާއެކު ޕްރިންސިޕަލުންގެ ޝަކުވާއަކަށްވީ މީގެ ސަބަބުން ޕްރިންސިޕަލުންގެ ހައްގަށް އުނިކަމެއް އަންނާނޭކަމަށެވެ. ގަދަކަމުން ބޭނުންނުވާ ސްކޫލަތަކަށް ބަދަލުވާން މަޖުބޫރު ކުރެވޭނޭކަމަށެވެ. ދެން އެންމެ ރަނގަޅު ގޮތަކީ ތައުލީމީ ދާއިރާއާ ދުރަށް ދިޔުން ކަމަށެވެ. މިކަމާ ގުޅިގެން ޕްރިންސިޕަލުންގެ ހައްގަށް އުނިކަމެއް ނާންނާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ކަށަވަރުކޮށްދެއެވެ. ސްކޫލްތައް ބަދަލު ކުރާނީ ޕްރިންސިޕަލުން ޝައުގުވެރިވެލައްވާ ސްކޫލްތަކުގެ ތެރެއިން ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބޭފުޅުން އެދާއިރާގައި އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައެވެ. ތައުލީމީ ޒުވާން ޖީލެއް ބިނާ ކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެންނެވެ. އެހެންނަމަވެސް، އެ ބޭފުޅުންނަށްވެސް އެ މަސައްކަތުން ކޮންމެވެސް ފައިދާއެއް ވާންވާނޭކަމަށް ހުރިހާ ރައްޔިތުންވެސް ގަބޫލުކުރަންވާނެއެވެ. އެ ގޮތުން، މި ގެނެވުނު ބަދަލުތަކާއެކު މިހާރު ތަޖުރިބާ ކޮށްލަން ނުލިބޭ އައު ކަންތައްތަކެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. ތަފާތު މާހައުލެއްގައި ނަތީޖާ ނެރުމަކީ ޗެލެންޖަކަށް ހައްދަވައިގެން އަމިއްލަ ނަފްސުގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ރަށަށް / އަތޮޅަށް ހިދުމަތް ކޮށްލަން ފުރުސަތު ނުލިބި ތިބި އެތައް ޕްރިންސިޕަލުންނަކަށް އެ ފުރުސަތު ފަހިވާނެއެވެ.

ތައުލީމީ ޒުވާން ޖީލެއް ބިނާ ކުރެވޭނީ ހަމައެކަނި ރަނގަޅު ޓީޗަރުންނާއި، ފެންވަރު ރަނގަޅު ކްލާސްރޫމްތައް ބިނާކޮށްގެން އެކަންޏެއްނޫނެވެ. ހިންގުންތެރި ޕްރިންސިޕަލުންނަކީ ފުރިހަމަ ސްކޫލެއްގެ މުލެވެ. އެ ބޭފުޅުންގެ ފައިދާ ގިނަ ސްކޫލްތަކަށް ވުމަކީ އެ ބޭފުޅުންނާއި ދަރިވަރުންނަށްވެސް އެންމެ ފައިދާ ހުރި ގޮތެވެ. އެއީ ދެބަސް ނުވެވޭނޭ ހަގީގަތެކެވެ.

ކިޔުންތެރިންގެ ހިޔާލު