ދިވެހިންގެ ބޭންކް، ދިވެހިންގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގަނީ!

ބީއެމްއެލް މެއިން ބްރާންޗް ބީއެމްއެލް މެއިން ބްރާންޗް

ބޭންކް އޮފް މޯލްޑިވްސް އޭ ބުނީމާ ނޭނގޭ ހަމަ އެންމެ ދިވެއްސެއްވެސް ނުހުންނާނެއެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗެއް ހުންނަ އެހެން ބޭންކެއް ދިވެހިރާއްޖެއަކު ނެތެވެ. 20 އަތޮޅުގައި 38 ބްރާންޗެވެ. 116 އޭޓީއެމްއެވެ. 55 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެވެ. 277 އޭޖެންޓުންނެވެ. 'އަހަރަމެންގެ ބޭންކް' އޭ ބުނެލެވޭ ވަރަށް ފައްކާ ކުރުމަށް ލައްކަ ކަމެއް ކުރެވިއްޖެތާއެވެ. މަތި އޮމާންކޮށް އޮފުދާރުކަން ދެއްކުމަށް 2019 ވަނަ އަހަރުވެސް 140 ސީއެސްއާރ ޕްރޮޖެކްޓްވެސް ކުރިއަށް ގެންގޮސްފިއެވެ. އެހެންނަމަވެސް، ހިލަ ކަރުދާސްލާ ވަރުނީސްކޮށް މަތިއޮމާން ކުރިއަސް، ބިތުފަންގި ނެގީމާ ފެންނަ މަންޒަރު ހާދަހަވާ ހަޑިއެވެ.

"އަހަރަމެންނަށް ކުރަނީ ދުއްޕާން"

ބީއެމްއެލްގެ ސަބަބުން ވާ އުނދަގޫތަކުގެ ވާހަކަ ރައްޔިތުން ނުދައްކާ ދުވަހެއް މަދެވެ. ކޮފީ ޓޭބަލް ދޮށުގައި ތިބެ މި ވާހަކަ ދައްކާފައި، ބިލު ދައްކަން ދާންވާއިރަށް ގޮތް ނޭނގޭ ގޮތަށް ފައިސާ ކެނޑޭ ވާހަކަ އާންމެވެ. ނުހޯދާ ހިދުމަތްތަކަށް، ނުގަންނަ ތަކެއްޗަށް، އެކައުންޓްތަކުން ފައިސާ ކަނޑަނީއެވެ. ބައެއް ފަހަރުފަހަރު ދެ ފަހަރަށް ވެސް ކަނޑާލަނީއެވެ. ކިޔަވަން ރާއްޖެއިން ބޭރުގައި ތިބޭ ކުދިންގެ ހަރަދުބަރަދު ބަލަހައްޓާ ފައިސާކޮޅުވެސް ދޮވެލަނީއެވެ. ނުވިތާކަށް ޝަކުވާ ކުރީމާ ޖަވާބުވެސް ދެނީކީއެއް ނޫނެވެ. "ޑިސްޕިއުޓް ފޯމެއް" ހުށަހަޅައިގެން ފައިސާ ލިބުނު ކިޔަވާ ކުއްޖެއް ނެތެވެ. މިހާރު އެ ކުދިންނަށް ރާއްޖެއިން ބޭރުން ފައިސާ ނެގުމަށްވެސް ދަތި ކުރަން ފަށައިފިއެވެ. މަހަކު 750 ޑޮލަރުން ކިޔަވާ ކުއްޖެއްގެ ހަރަދު ބެލެހެއްޓޭނީ ކިރިޔާ ނޫންތޯއެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ޑޮލަރު ލިބޭ މަގު އަދި މާ ބޮޑަށް މިހާރު ހިފަހައްޓައިފިއެވެ. މަހަކު އެންމެ 250 ޑޮލަރެވެ. ބޭރުގެ އީ-ވޮލެޓް ތަކުން ފައިސާ ބީއެމްއެލް އަށް ޖަމާކުރާނަމަ ޑޮލަރު ނުވެސްދެނީއެވެ. މިއީ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ދައްކާނޭ ހަމަ އެއްވެސް ހަމައެއް ނެތެވެ. ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، ގިނަ އާރޓިސްޓުންގެ އީ-ވޮލެޓްތަކުން ބޭންކަށް ފައިސާ ޖަމާވާއިރު، އެ ލިބޭ ޑޮލަރު ބަދަލުގައި ރުފިޔާ ދެނީ ކޮން އުސޫލަކުންތޯއެވެ.

ރައްޔިތުން ގޮވަނީ ވަގުންނޭ

ވަގުންނަށް ވަގުންނޭ ކިޔާ ގޮވުމަކީ ދިވެހީންގެ ކަށީގައި ހަރުލާފައި ހުންނަކަމެކެވެ. 'އަހަރަމެންގެ ބޭންކް'އަށް ވަގަށް ގޮވާ އެންމެ މައިގަނޑު ސަބަބަކީ ލޯނުތަކަށް ވުން ވަރަށް އެކަށީގެންވެއެވެ. އޭގެތެރެއިން ދެތިން ލޯނަކަށް ބަލައިނުލާ ކުރިއަށް ދިޔުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެކެވެ.

1. ކިޔަވާ ލޯނު: މިހާރު ދިވެހީން އެންމެ ގިނަ އަދަދަކަށް ކިޔަވަން ދަނީ މެލޭޝިއާއަށެވެ. އަގުހެޔޮ، އެންމެ ފެންވަރު ރަނގަޅު ތައުލީމު އެންމެ ކައިރިން ލިބެން އޮތީ މެލޭޝިއާއިން ކަމަށް ވުމުންނެވެ. މެލޭޝިއާއިން ރަނގަޅު ފެންވަރެއްގެ ޔުނިވާރސިޓީ އަކުން ކިޔަވަން 500،000 އާއި 700،000 އާ ދެމެދުގެ އަދަދަކަށް ފައިސާ ހަރަދުވާނެއެވެ. އެހެންނަމަވެސް، ބީއެމްއެލްގެ މަތި އޮމާން ކުރުމުގެ ގޮތުން ހޭދުވާނީ 400،000 ރުފިޔާކަމަށް ބަލައި ހިސާބު ޖަހާނަމެވެ. މަދު އަދަދެއް ވީމާ އިންޓްރެސްޓް ކުޑަ ވާނެތާއެވެ. 400،000 ރުފިޔާގެ ކިޔަވާ ލޯނެއް 10 އަހަރު ތެރޭ ދައްކާނަމަ މަހަކު 5،510 ރުފިޔާ ދައްކަން ޖެހެއެވެ. އެއީ މުސާރައިގެ ކިހާ އިންސައްތައަކަށް ވާނެތޯ ނިންމާނީ ރައްޔިތުންނެވެ. އެނގޭހާވެސް އެއްޗަކީ 10 އަހަރު ތެރޭ ޖުމްލަ 661،200 ރުފިޔާ ދައްކަން ޖެހޭ ކަމެވެ. އަދި ލޯނު ލިބެނީވެސް 600،000 ރުފިޔާގެ ސެކިއުރިޓީ އެއް އޮވެގެންކަމެވެ. ވައްކަންތޯ ނޫންތޯ މިފަހަރު ނިންމާނީ ރައްޔިތުންނެވެ.

2. 'އެފޯޑަބަލް' ހައުސިންގ ލޯނު: ބޯހާސްކަމެއް ނެތް ބޯހިޔާވަހިކަމަކީ އަސާސީ ހައްގެކެވެ. 1،000،000 ރުފިޔާއަށް ބޯހާސްކަންފިލާނޭ ވަރުގެ ބޯހިޔާވަހިކަމެއް ނުލިބުން އެކަށީގެންވެއެވެ. އެހެންނަމަވެސް، ކުޑަ އަދަދަކުން އަނެއްކާވެސް ހިސާބު ޖަހާނަމެވެ. މިފަހަރު 20 އަހަރުގެ ތެރޭގައި ދައްކަން ޖެހުނީ މަހަކު 6،600 ރުފިޔާގެ ރޭޓުން ޖުމްލަ 1،584،000 ރުފިޔާއެވެ. 584،000 ރުފިޔާ އިތުރުވީއެވެ. ވައްކަންތޯ ނޫންތޯ އަނެއްކާ ވެސް ނިންމާނީ ރައްޔިތުންނެވެ.

އިންތިހާ ދަރަޖައަށް ބޭންކަށް ފައިދާ

"އަހަރަމެންގެ ބޭންކް" ކަމުގައިވާނަމަ މަސައްކަތް ކުރަންވާނީ ބޭންކަށް ލިބޭ ފައިދާއަށް ވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށެވެ. ބުއްދި ގަބޫލުކުރަނީ އެ އުސޫލެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރުވެސް ހިންގުމުގެ ފައިދާ ގޮތުގައި 1.7 ބިލިއަން ރުފިޔާ ބީއެމްއެލްއަށް ލިބުނެވެ. 1.7 ބިލިއަން ރުފިޔާ އަކީ ކިޔާ ވަރެއްތޯ ތަސައްވަރު ކޮށްލައްވަން ބޭނުންފުޅު ނަމަ، މިހާރު ސުނާމީ ބިނާ އެހުންނަ ސަރަހައްދަށް ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަލައިލާށެވެ. 1.7 ބިލިއަން ރުފިޔާ، 100 ރުފިޔާގެ ނޫޓުން މަތިމައްޗަށް ޖަހަން ފަށައިފި ނަމަ، ދަރުމަވަންތަ ހޮސްޕިޓަލަށްވުރެ 1،000 ގުނަ އުސްވާނެއެވެ. ހަތަރުލައްކައެއްހާ މީހުންގެ އާބާދީއެށް އޮންނަ މި ކުޑަ ގައުމުން އެވަރުގެ އަދަދެއް ނެރުނީ ކިހިނަކުން ހެއްޔެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމިއްލަ ފައިދާ އިތުރު ކުރުމުގެ އުސޫލު ނިންމައި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަން އެބަޖެހެއެވެ. އެކަން އެގޮތަށް ކުރެވޭނީ ޒިންމާދާރު ކުރުވަން ތިބި މުއައްސަސާތަކުން ޒިންމާ އަދާ ކޮށްގެންނެވެ. މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން އެދުމަކީ ރަނގަޅު ފާލެކެވެ. ހުޅުވާލެވިގެން އެ ކޮމިޓީ ގެންދިއުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންގެ ހައްގުގައެވެ. ގިނަ އިމާރާތްތައް ހުރުމަކުން، ރައްޔިތުންގެ މައްޗަށް މި ފެންވަރުގައި ބާރުފޯރުވެވިގެން ނުވާނޭކަން މިފަހަރު ވިސްނައިދެވެން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު