ރިޕޯޓް ނެރެން ފުރުސަތު ލިބި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޮޑިޓަރ ޖެނެރަލްގެ މަޤާމު ދެ ބޭފުޅަކު ފުރުއްވާފައިވެއެވެ. އެންމެ ފުރަތަމައަށް ހުންނެވި ބޭފުޅަކީ ނިޔާޒް އިބްރާހިމް އެވެ. ނިޔާޒާ މެދު ކަންތައް ވެގެންދިޔަ ގޮތަކީ މިއަދުވެސް ދިވެހި ރައްޔިތުންނަށް ސާފުވާނެހެން ފެންނާން ހުރި މައުލޫމާތުތަކެވެ. ސަރުކާރުގެ ހިޔާނާތާއި، ވައްކަމާއި، ކޮރަޕްޝަންގެ ވާހަކަތައް ފެންމަތި ކުރަން ފެށުމާއެކު، އޭރުގެ ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤާނޫނަށް ކުއްލި ބަދަލެއް ގެނެސް ނިޔާޒް މަޤާމުން ދުރުކޮށްލެއްވީ އެވެ. މައިގަނޑު އެއް މައްސަލައަކީ، މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގަމުންގެންދިޔަ ކޮރަޕްޝަންގެ ވާހަކަތައް ފެންމަތި ކުރުމެވެ. ވައްކަން ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވުމެވެ.

ވައްކަމާއި، ހިޔާނަތް ހިންގާކަން، ރައީސް ޔާމީންގެ ސަމާލުކަމަށް އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވާ ނިޔާޒް ގެންނެވި އެވެ. ރައީސް ޔާމީންގެ ޖަވާބަކަށް ވެވަޑައިގެންނެވީ ނިޔާޒް އުޅުއްވަނީ، ޒާތީ ވެވަޑައިގެންކަމަށެވެ. އެކަންކަމުގައި މައްސަލައެއް ނެތްކަމަށެވެ. އެކަންކަމަށް އަޅާލެއްވުމަށް ރައީސް ޔާމީން ބޭނުންފުޅުވެވަޑައެއް ނުގެންނެވި އެވެ.

ފަހުން އެނގުނު ގޮތުގައި، ޤާނޫނަށް ބަދަލު ގެނެސް މަޤާމުން ވަކިކުރީ ހަމަ އެންމެ ސަބަބަކާ ހުރެ އޮޑިޓަރ ޖެނެރަލްގެ ޒިންމާ ނިޔާޒް އަދާކުރެއްވީތީ އެވެ. އެހެނީ ސަރުކާރުގެ ވައްކަމާއި، ހިޔާނާތުގެ ވާހަކަތައް ފެންމަތިކުރުމަކީ، އެ ސަރުކާރަށް ކެތްކުރަން ފަސޭހަކަމަކަށް ނުވި އެވެ. މަޤާމުން ވަކިކުރެއްވުމަށްފަހުވެސް ސަރުކާރުން ނިޔާޒަށް ނޭވައެއް ލެއްވުމަށް ފުރުސަތުދެއްވާފައެއް ނުވެ އެވެ. ލިބެމުންދިޔަ އިންޒާރުތަކާއެކު ނިޔާޒަށް ޖެހިވަޑައިގެންނެވީ އުފަން ފަސްގަނޑު ދޫކުރައްވާ، އަވަށްޓެރި ލަންކާއަށް ދިރިއުޅުއްވުން ބަދަލުކުރައްވާށެވެ.

މިއީ އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮޑިޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވި ބޭފުޅަކު މަޤާމުގެ ޒިންމާ އަދާކުރެއްވީތި ކަން ހިނގާދިޔަގޮތުގެ ކުރު ހުލާސާއެކެވެ. ނިޔާޒް މަޤާމުން ވަކިކުރެއްވުމަށްފަހު، އޭރުގެ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން އޮޑިޓަރ ޖެނެރަލްއަކަށް އައްޔަންކުރެއްވީ، މިހާރުވެސް އެ މަޤާމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެވެ.

ޒިޔަތު މަޤާމަށް އައްޔަންކުރެއްވިއެއް ކަމަކު މަޤާމުގެ ޒިންމާ އަދާކުރެއްވުމަށް ޒިޔަތަށްވެސް އެކަށީގެންވާ ވެއްޓެއް ފަހިވެފައެއް ނެތެވެ. ރިޕޯޓެއް ނެރުނު ނަމަވެސް، ސަރުކާރުން އެޔަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. ރިޕޯޓު ތައްޔާރުކުރަން ބޭނުންވާ މައުލޫމާތު އެއްކުރުން އެއީ ގޮންޖެހުން ބޮޑު މަސައްކަތަށް އޮތީވެފަ އެވެ. އެހެންގޮތަކަށް ބުނާނަމަ، ޒިޔަތަކީ ނަމެއްގައި، މަޤާމަށް އައްޔަންކުރައްވާފައި ހުންނެވި ބޭފުޅެއްގެ ގޮތުގައިވެސް ސިފަކުރެވިދާނެ އެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް، ކެމްޕޭންގައި ވެވަޑައިގެންނެވި އެއް ވައުދަކީ މިނިވަން އޮޑިޓް އޮފީހެއް ޤާއިމްކުރައްވާނެކަމުގެ ވައުދު އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ. އަތޮޅުގައި ބޭއްވި ކެމްޕެން ޖަލްސާގައި ވަހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އޮޑިޓަރ ޖެނެރަލްއަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި ރިޕޯޓުގައިވާ ކަންކަން ތަންފީޒްކުރުމަށް އެންމެ ވަގުތުކޮޅެއްގައިވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ވިދާޅުވެ، ރައީސް ސޯލިހް ވިދާޅުވީ އެ ރިޕޯޓުގައި އެމަނިކުފާނުގެ ވާހަކަ އޮތްކަމުގައިވިނަމަވެސް ތަފާތެއް ނުކުރައްވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން، އެމަނިކުފާނުގެ ވެރިކަމަށް 2 އަހަރުވާން ކައިރިވެފައިވާއިރު، މިއަދުވެސް އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިޔާޒް ބޭރުކޮށްލުމަށްފަހު، ޕީޕީއެމްގެ މެޖޯރިޓީގައި މަޤާމަށް އައްޔަންކުރެއްވި އިބްރާހިމް ޒިޔަތު އެވެ.

ނަމަވެސް މަންޒަރު މުޅިންހެން ވަނީ ބަދަލުވެފަ އެވެ. މިއަދު ޒިޔަތަކީ މިނިވަންކަމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު އޮތް ބޭފުޅެކެވެ. ކުރައްވާ މަސައްކަތްތަކުން މިނިވަންކަން އޮތް މިންވަރާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އާންމުކުރާ ރިޕޯޓަކުން މަޤާމު ގެއްލިދާނެކަމުގެ ބިރަށް ޒިޔަތު އުޅުއްވާކަށް ނުޖެހެ އެވެ. އޮޑިޓް ރިޕޯޓެއް ނެރުމުން، އެއީ އެއްވެސް އެއްޗަކަށް ނުވެދާ އުސޫލުން ކަންކަން ހިނގާފާނެތީ ޒިޔަތު އުޅުއްވާކަށް ނުޖެހެ އެވެ.

ނިމިގެންމިދާ މަހެއް ހާ ދުވަހުގެ ތެރޭގައި ކަން ހިނގާދިޔަ ގޮތުންވެސް މި ބުނެވުނު ކަންކަން ވަރަށް ބޮޑު ސާފުވެ އެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރި ހަރަދުތަކުގެ މައްޗަށް އޮޑިޓް ތައްޔާރުކުރުމަށްފަހު، އާންމުކުރައްވަމުންގެންދަވާއިރު، އެ ރިޕޯޓުގެ މައްޗަށް ސަރުކާރުން ގެންދަވަނީ ފިޔަވަޅުތައްވެސް އަޅުއްވަމުންނެވެ. އެކަމުގައި މިނިސްޓަރެއް ސްޓޭޓް މިނިސްޓަރެއް ކަމަކު ތަފާތެއް ނުގެންގުޅެ އެވެ. ރިޕޯޓުތަކުގެ މައްޗަށް މައްސަލަތައް ގެޔަށް ފޮނުވާލަންޖެހޭ ބޭފުޅުން ފޮނުވާލައްވާފަވެސް އެބަހުއްޓެވެ.

އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކުރެއްވިގޮތަށް، ސަރުކާރުގެ މުއައްސަސާތަކުން ހިޔާނާތަށް މަގުފަހިވާގޮތަށް ހިންގާފައިވާ ކަންކަމުގެ ވާހަކަ ރިޕޯޓުގައި ހިމެނުއްވީތީ، ޒިޔަތު ތިޔަ އުޅުއްވަނީ ޒާތީވެވަޑައިގެންނޭ ވިދާޅުވާތަނެއް ނުފެނެ އެވެ. އިންޒާރު ދެއްވާތަނެއްވެސް ނުފެނެ އެވެ. ބަދަލުގައި ފެންނަ މަންޒަރަކީ، އޮޑިޓް ރިޕޯޓުތަކުން އޭ މަރކްސް ހޯދުމަށް ވަޒީރުން ރޭސް ޖައްސަވާ މަންޒަރު އެވެ. މިނިވަން އޮޑިޓަރ ޖެނެރަލަކާއެކު، ކޮރަޕްޝަނަށް ނޫނެކޭ ބުނާ ދައުލަތެއްގެ ސިފަވަންތަކަން އަންނަން ފެށި މަންޒަރެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު