ޔައުގޫބްގެ ގޮނޑިއާމެދު މިއީ ބޮޑު ސުވާލެއް

މިހާރުގެ ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބު، މެންބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން، މަޖިލިސް އިންތިހާބުގެ ބަހުސްގައި މަޝްހޫރުކަން ހޯއްދެވިއެވެ. އެހެން ކެންޑިޑޭޓުންނާ ތަފާތުވެ، އޭނާ ލައިމްލައިޓަށް ގެނުވީ ހުވަދޫ ބަހުރުވައިން ބަހުސް ކުރެއްވުމުންނެވެ. 

"މައްކޫ އޮޑިޓަރެއް ކަމާއި މަ މިއައޫ ވަގުން ހިފަން" ކަމަށް ވިދާޅުވިއެވެ. އޭނާގެ އެ އަޒުމުވެގެން ދިޔައީ މަޖިލީހުގެ ގޮނޑި ކަށަވަރުވެގެން ދިޔަ ކަމަކަށެވެ. މަޖިލީހަށް ވަޑައިގެން ވެސް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގައި ކުރިއަށް ނުކުންނަވާ އަޑު އުފުލައްވަން ފެއްޓެވިއެވެ. ނަމަވެސް ކޮވިޑް ވެންޓިލޭޓަރު މައްސަލާގައި އޭނާ ހޫނު ފެނަށް ވެއްޓިގެން ދިޔައެވެ. އެކަމަކު މިފަހަރު އެ ވާހަކައެއް ނޫންނެވެ. 

ވަރަށް ބޮޑު އަޒުމެއްގައި މަޖިލީހަށް ވަޑައިގެން ޔައުގޫބުގެ ގޮނޑިއަށް ވެގެން މިއުޅޭ ގޮތުގެ ވާހަކައެވެ. މިވޫ ކެހެނަކުން؟

ޔައުގޫބު ކިޔަވައިގެން ހުންނެވި ދާއިރާ ކަމަށްވާ އެކައުންޓިންގެ ދާއިރާއަށް ތަރައްގީ ކުރުމަކީ އޭނާއަށް މުހިންމުވި މަސައްކަތެކެވެ. އެގޮތުގެ މަތިން ރާއްޖޭގައި އެކައުންޓިން ދާއިރާ ކުރިއެރުވުމާއި އެ ދާއިރާއާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށާއި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އެކައުންޓިން މިންގަނޑުތައް ކަނޑައެޅުމަށް ޗާޓަޑް އެކައުންޓެންޓުންގެ ބިލް މަޖިލީހަށް ހުށަހެޅުއްވިއެވެ. އެ ބިލް މަޖިލީހުން ފާސްވެ ރައީސް ސޯލިހު ތަސްދީގު ވެސް ކުރެއްވިއެވެ. 

ޔައުގޫބުގެ ބިލް ގާނޫނަކަށްވުމާއެކު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ވުޖޫދުކުރަން ޖެހުނެވެ. އެ ކައުންސިލްގެ މެންބަރުކަން ޔައުގޫބަށް އޮޑިޓާ ޖެނަރަލް ޒިޔަތު ހުށަހެޅުއްވުމާއެކު އެކަން އޭނާ ގަބޫލު ކުރައްވާ ލިޔުމާ ހަވާލުވެވަޑައިގެންނެވެ. އެއާއެކު ޔައުގޫބުގެ ގޮނޑި ހުސްވެއްޖެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވާން ފެއްޓެވިއެވެ. އެންމެ ފަހުން ބަހުސް ހޫނުވެ ޔައުގޫބަށް ކައުންސިލުން އިސްތިއުފާ ދެއްވަން ޖެހުނެވެ. 

ޔައުގޫބުގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ ކަމަށް އޮތުމުންނެވެ. 

އެހެންވިޔަސް، މިކަމުން ޔައުގޫބުގެ ގޮނޑިއަށް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވާ ބޭފުޅުން އެބަތިބިއެވެ. އެ ބޭފުޅުން އުފައްދަވާ އެއް ސުވާލަކީ މިއީއެވެ. އައިސީއޭއެމްއަކީ ދައުލަތުގެ އިދާރާއެއްތޯއެވެ؟ ނޫންނަމަ އެތަނުގެ މެންބަރުކަމަކީ ދައުލަތުގެ ވަޒީފާއެއްތޯއެވެ؟ 

ވަކީލަކު ވިދާޅުވި ގޮތުގައި އައިސީއޭއެމްއަކީ ޕްރޮފޮޝެނަލް ދާއިރާތައް ރެގިއުލޭޓް ކުރަން އުފައްދާފައިވާ ކައުންސިލަކަށް ވާތީ އެއީ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއް ކަމަށް ބުނަން ދަތިކަމަށެވެ. އޭނާ ދެކޭ ގޮތުގައި މިއީ މަސްއޫލިއްޔަތެއް އަދި މަސްއޫލިއްޔަތެއް އަދާކުރުމާއި ވަޒީފާއެއް އަދާކުރުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. 

ނަމަވެސް އެ ސުވާލަށް ގާނޫނުން ޖަވާބު ލިބެން އެބައޮތް ކަމަށް ރައްދު ދެއްވާ ބޭފުޅުން ވިދާޅުވެއެވެ. އަލަށް ވުޖޫދުވި ގާނޫނުގައިވާ ގޮތުން އައިސީއޭއެމްއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ. އެހެންވީއިރު މި ކައުންސިލްގައި ދައުލަތުގެ އިދާރާއެއްގެ ސިފަތައް އެބަހުއްޓެވެ. 

ގާނޫނު އަސާސީގެ (ރ)ގެ މާއްދާއަށް ފުނަށްދާއިރު، އެ މާއްދާގެ ތިންވަނަ ނަންބަރުގައި އޮތް ގޮތުން މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް މަޖިލީހުގެ މެންބަރަކު އަދާކޮށްގެން ނުވާނެއެވެ. އެހެންވީއިރު ކައުންސިލްގެ މަގާމު ޔައުގޫބު ގަބޫލުކުރުމާއެކު މުސްތަގިއްލު މަގާމަކަށް އޭނާ ވަޑައިގެންނެވީ ކަމަށް ބެލޭނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ. އެއީ އެ ކައުންސިލަކީ މުސްތަގިއްލު ތަނެއްކަން ގާނޫނުގައި ބަޔާންވެފައި އޮތުމަކީ ކައުންސިލްގައި ތިއްބަވާ މެންބަރުން ވެސް ވާންޖެހޭނީ މުސްތަގިއްލު ބަޔަކަށެވެ. އެ ނޫން ގޮތަކަށް ކައުންސިލް މުސްތަގިއްލު ވާނެ ގޮތެއް ނޯންނާނެއެވެ.

މިހާ ހިސާބުން ބަހުސްގެ އެހެން ފަރާތެކެވެ. ގާނޫނު އަސާސީގައި މެންބަރުންގެ ޝަރުތައް ބުނާ މާއްދާގެ (ނ)ގައި މެންބަރުކަމުން ވަކިވާނެ ހާލަތްތައް ކަނޑައަޅާފައިވެއެވެ. މިހާތަނަށް މެންބަރުންގެ ގޮނޑި ގެއްލިފައިވަނީ ވެސް އެ ހާލަތްތަކުގައެވެ. މިސާލަކަށް ދަރަންޏެއް ސާބިތުވުމާ ގުޅިގެން މުސްތަފާގެ ގޮނޑި ގެއްލުނު، ޖިނާއީ ކުށެއް ސާބިތުވެގެން އަހުމަދު ނާޒިމްގެ ގޮނޑި ގެއްލުނެވެ. ދައުލަތުގެ އެހެން ވަޒީފާއަކަށް މެންބަރަކު ވަޑައިގަތް ހާލަތެއް މީގެ ކުރިން ދިމާވެފައެއް ނެތެވެ. މިއީ މުޅިން އާ ކަމެކެވެ. 

ޔައުގޫބަށް ދިމާވެފައިވާ ހާލަތަކީ އެ މާއްދާގެ (ރ)އިން ދިމާވި ހާލަތެކެވެ. އެ މާއްދާގައި ބުނާ ހާލަތެއް މެދުވެރިވެއްޖެނަމަ މާއްދާގެ (ނ)ގައި ބުނާ ފަދައިން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސީދާ ބަޔާންކޮށްފައިނުވެއެވެ. އެކަމަކު (ރ)ގައި ބުނެފައިވަނީ މެންބަރަކަށްވެ ހުރެ އަދާކޮށްގެން ނުވާނެ ވަޒީފާތަކެވެ. 

ބަހުސްތައް މިހެން ކުރެވެމުންދާއިރު މަގާމާ ހަވާލުވެވަޑައިގެންނެވީ ހިސާބުން ޔައުގޫބުގެ މެންބަރެއްގެ ޝަރުތު ގެއްލުނީތޯ ކަނޑައަޅަންޖެހޭ ހިސާބަށް ބަހުސް މިވަނީ އައިސްފައެވެ. ގާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑިއާމެދު ސުވާލެއް އުފެދިއްޖެނަމަ، އެ މައްސަލަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުން. ޔައުގޫބުގެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން މިހާރު މިވަނީ ނިންމާފައެވެ. 

ކައުންސިލުން ޔައުގޫބު އިސްތިއުފާ ދެއްވި ނަމަވެސް އެ މަގާމުގައި އޭނާއަށް ހުންނެވޭނެ ކަމަށް ގަބޫލު ކުރައްވައެވެ. ނަމަވެސް ހިޔާލު ތަފާތުވުން އޮތުމުން އެންމެ ރަނގަޅު ގޮތަކީ އެއް ފަރާތްވުން ކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެނަސް، ޝަރުތު ގެއްލުނު ކަމުން އަމިއްލަ މިންޖުވެގަތުމުން މެންބަރުކަން ރުޖޫއަވެދާނެތޯ އެއީ ވެސް ސުވާލެކެވެ. 

ސިވިލް ކޯޓުގެ ކުރީގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާއިރު އޭނާ ވިދާޅުވި ގޮތުގައި، ކައިވެނިކޮށް، ވަރިކޮށްފައި ކައިވެނި ރުޖޫއުކުރާ އުސޫލުން މަޖިލީސް މެމްބަރުކަމުން ވަކިވުމަށްފަހު، މެމްބަރުކަން ރުޖޫއައެއް ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. 

ތެދެކެވެ. މިސާލަކަށް މެންބަރަކަށް ދަރަންޏެއް ސާބިތުމުން އޭނާ ގޮނޑި ހުސްވުމަށްފަހު، ދަރަނި އަދާކުރުމުން ރުޖޫއަވުން އެއީ ގާނޫނު ދަންނަ ކަމެއް ނޫނެވެ. ޔައުގޫބުގެ ގޮނޑިއާމެދު އޮތް ބޮޑު ސުވާލަކީ މިއީއެވެ. އަމިއްލައަށް ހުށަހަޅުއްވައި ފާސްކުރެއްވި ބިލާއެކު ޔައުގޫބަށް މަޖިލީހުން ވެސް ނުކުމެވަޑައިގަންނަވަން ޖެހެނީތޯ؟ 

ކިޔުންތެރިންގެ ހިޔާލު