އިންސާނިއްޔަތުކަމާއި ހިތްހެޔޮކަމުގެ ކުރު ސަފުހާއެއް!

މިހާރު ބުނެ އުޅެއެވެ؛ މި ޒަމާނުގައި އެހެން މީހަކަށް ބަލާނެ ވަގުތެއް ވާނެ މީހަކު ނޫޅޭނެއެވެ. ނޫނީ މިހާރު އެހެން މީހަކަށް ހުސްކުރާނެ ވަގުތެއް އެއްވެސް މީހަކަށް ނުދެވޭހާ އެންމެން ބިޒީއެވެ. އެކަމަކު، މިއީ އެއީ އަދި މުޅިން ރަނގަޅު ވާހަކައެއް ނޫންކަން ބުނެދޭނެ ވަރަށް ކުރު ސަފުހާއެކެވެ. 

ދިވެހި ހުރިހާ ޒުވާނުންހެން ވަރަށް ބިޒީކޮށް އުޅޭ ޒުވާނެކެވެ. މީހަކާ ބައްދަލުކޮށްލުމަށް ކެފޭއަކަށް އޭނާ ދިޔައީ ދެ ރައްޓެހިންނާއެކުއެވެ. އެ ބައްދަލުވުމަށް ހުރި ޝައުގެއްގެ ބޮޑުކަމާއި އަވަސް އަރުވާލަން ޖެހިފައިހުރި ވަރުން ސައިކަލް ރަނގަޅަށް ޕާކްކޮށްލުން ނޫން ކަމެއް އޭނާގެ ބޮލަކު ނެތެވެ. އަވަސްވެގަތީ ކެފޭއަށް ވަދެވޭތޯއެވެ. 

ކެފޭގައި ގާތްގަނޑަކަށް 30 ނުވަތަ 45 ވަރަކަށް މިނެޓް ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށް އޭނާ މަގުމައްޗަށް ނުކުތެވެ. އޭރު އޭނާގެ ސައިކަލްގައި މީހަކު އިށީދެލައިގެން އިނެވެ. ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް ބިދޭސީން އެގޮތަށް މަޑުކޮށްލައިގެން ތިބެއެވެ. މީގެކުރިން އެފަދަ ގޮތަކަށް އިން ބަންގްލަދޭޝް މީހެއްގެ ގަޔަކަށް ދިވެއްސަކު ވަރަށް ހުތުރުކޮށް ބޮޑު ފެން ބާލީދީއެއް ވެސް ޖެހިއެވެ. 

ޒުވާނާ، ސައިކަލް ކައިރިއަށް މަޑުކޮށްލާފައި އެމީހާ ގާތު ތެދުމަށް ބުނުމަށް އަނގަ ހުޅުވާލިތަނާ އޭނާގެ ފަރާތުން ސުވާލެއް އަޔެވެ. "މީ ސައިކަލް ލޮކް ނުކުރަނީނު؟ އެހެންވީމަ އަހަރެން ފެނުނީމަ އިންނަނީ ބޭބެ އަންނަދެން،" ބަންގްލަދޭޝް މީހުންގެ ދިވެހި ބަހުން އެމީހާ ކޮށްލި އެ ސުވާލުން ޒުވާނާ ސިހި، ސައިކަލަށް ބަލާލިއެވެ. ތެދެކެވެ. އަވަސް އަވަހަށް އުޅެން ހަދައިގެން އޭނާއަށް ދެވުނީ ސައިކަލްގައި ތަޅުޖަހާފައެވެ. އެކަމެއް އޭނާއަށް އެ ހިނދުކޮޅާ ހަމައަށް އޮތީ ނޭނގިއެވެ. 

އެ ސައިކަލްގެ ހަމަ އަގު ވެސް ނޭނގޭ ބަންގްލަދޭޝްގެ އެމީހާ، އެތަނުގައި އިނީ ކިހާ އިރެއްވަންދެން ކަމެއް ވެސް ނޭނގެއެވެ. އޭނާގެ ހުރިހާ ކަމެއް ހުއްޓާލާފައި މުހިންމީ ނުވެސް ދަންނަ މީހަކަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށްދިނުމެވެ. އެ ސައިކަލް ގާޑްކޮށްދިނުމެވެ. އެއީ ބަދަލުގައި އެއްޗެއް ލިބޭނެ ކަމަށް ނުވަތަ އޭގެ ވެރިމީހާއާ ދިމާވާނެ ކަމަށް ވެސް އުއްމީދަކު ނޫނެވެ. އިންސާނިއްޔަތު ކަމެއް އޭނާގެ ހިތުގައި އޮތުމުންނެވެ. 

"އޭނާއަކަށް އަހަރެނެއް ނޭނގޭ، އެއީ މި ގައުމު މީހެއް ވެސް ނޫން، އޭނާގެ އެ ހިތްހެޔޮ ކަމުގެ ބަދަލަށް އަހަރެންނަށް އޭނާއަށް ކަމެއް ކޮށްދެވޭނެ ފެންވަރު ހުރި ކަމެއް ވެސް އޭނާއަކަށް ނޭނގޭނެ، އެކަމަކު، އޭނާއަށް މުހިންމީ އެ ސައިކަލްގައި އިށީނދެ އިންނަން، އަހަރެންގެ ސައިކަލް ގާޑްކޮށްދޭން، މިއީ އިންސާނިއްޔަތުކަން ނޫން ދެން ކޮން އެއްޗެއް،" މި ހާދިސާގެ ވާހަކަ ކިޔައިދެމުން ޒުވާނާ ފޭސްބުކްގައި ލިޔެފައިވެއެވެ. 

ބަންގްލަދޭޝް މީހާގެ މި ކުޑަކުޑަ ހިތްހެޔޮކަމުން އެ ޒުވާނާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އޭނާއަށް ހެޔޮ ދުއާ ކުރިއެވެ. އެ ވާހަކަ ހިއްސާކުރުމާއެކު އެތައް ބަޔަކު ވަނީ އެމީހާއަށް ހެޔޮ ދުއާކޮށްފައެވެ. އަހަރެމެންގެ މި ކުޑަ މުޖުތަމައުގެ ތެރޭގައި ދަށް ނިކަމެތި ބައެއްގެ ގޮތުގައި ދެކެމުންދާ އެމީހުންގެ ތެރެއިން މީހަކު ރަނގަޅަށް ވެސް ނަގައިމިދިނީ ބޮޑު ފިލާވަޅެކެވެ. އިޖުތިމާއީ ފޭރާން ވީދިގެން މިދަނީ ހަމައެކަނި އެމީހުންނާ ހެދި ނޫންކަން މިކަމުން ސާބިތުވެއެވެ. ހެޔޮ މީހުންނަކީ ހެޔޮ އަމަލަކީ ވަކި ނަސްލަކަށް ނިސްބަތްވާ ކަމެއް ނޫންކަން ވެސް ސާބިތެވެ. 

މާލޭގެ މި ހަލަބޮލިކަމުގައި އެމީހާ މިހާރު ވެސް އުޅެމުންދާނީ ކޮން ފަދަ ހާލެއްގައި ކަމެއް ނޭނގެއެވެ. އެކަމަކު، އެންމެންގެ ވެސް ދުއާއަކީ އޭނާގެ އެ ހިތްހެޔޮ ކަމުގެ މަންފާ އާއި ސަވާބު ފުރިހަމަ ގޮތުގައި އޭނާގެ ދިރިއުޅުމަށް ލިބިގެންދިޔުމެވެ. ޝުކުރިއްޔާއެވެ.  

ކިޔުންތެރިންގެ ހިޔާލު