ޝަރުއީ ގޮތުން އަންހެނުންގެ ހައްގު ބުނެދިން ބޮޑު ހުކުމް!

ނާޒިމް ހަސަން
ރޭޕް ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން: މިއަދު ހައިކޯޓުން އިއްވީ މުހިންމު ހުކުމެއް - ފޮޓޯ: ސަން ރޭޕް ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން: މިއަދު ހައިކޯޓުން އިއްވީ މުހިންމު ހުކުމެއް - ފޮޓޯ: ސަން

މިއަދު ހައިކޯޓުން އިއްވީ ހުރިހާ ގޮތަކުން ވެސް ބޮޑު، ތާރީހީ ހުކުމެކެވެ. ފިރިމީހާގެ ފަރާތުން ލިބުނު ވޭންދެނެވި އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ޒިޔާދާ ނައީމަށް މިއަދު ވަނީ އިންސާފު ލިބިފައެވެ. ހަމައެއާއެކު، އެފަދަ އަނިޔާތައް ލިބެން އެހެން މީހުންނަށް ވެސް އުއްމީދު ލިބި، ވަންހަނާވެފައި އޮތް ބޮޑު ކުށެއް ޝަރުއީ ނިޒާމްގެ ތެރެއަށް ވަދެގެން ދިޔަ ހުކުމެކެވެ. ފިރިމީހާ، އަނބިމީހާ ރޭޕް ކުރުމުގެ ކުށް ހުކުމެއްގައި ކަނޑައެޅި ފުރަތަމަ ފަހަރަށް އަދަބެއް ކަނޑައެޅިގެން ދިޔައީއެވެ. އިބްރާހިމް ޝާހްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އަޔެވެ. 

ޖިންސީ ކުށުގެ ގާނޫނުގައި އަނބިމީހާ ރޭޕް ކުރުމަކީ ކުށެއް ކަމަށް ލިޔެފައި އޮތް ނަމަވެސް މިވީތަނަށް އެ މާއްދާގެ ދަށުން މީހަކަށް ދައުވާ އުފުލާފައިނުވެއެވެ. މިއީ ގާނޫނުގައި ލިޔެފައި އެ އޮތް އެ ކުށް މީހަކަށް ސާބިތުވި ފުރަތަމަ ފަހަރަށްވާއިރު، އަނބިމީހާ ރޭޕް ކުރުން، ކުށަކަށް ވެގެންދާ ގާނޫނީ އަދި ޝަރުއީ ހަމަތައް އެނގެން މުހިންމެވެ. މިކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ވަރަށް ތަފްސީލްކޮށް އަލިއަޅުވާފައެވެ. 

އެގޮތުން ތާރީހީ ހުކުމްގައި ބުނެފައިވާ ގޮތުގައި އާންމު މާނައިގައި "ރޭޕް" ލަފުޒު ބޭނުން ކުރަނީ ދެމަފިރިކަމުގައި ނުވާ ދެ މީހެއްގެ މެދުގައި ރުހުމެއް ނެތި ޖިންސީ ގުޅުން ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ހިންގުމެވެ. އަނބިމީހާއަކީ ޖިންސީ ގުޅުން ހިންގުން ހުއްދަ ފަރާތަކަށްވާއިރު، އަނބިމީހާއާމެދު ގަދަކަމުން ގުޅުން ހިންގުމަށް "ރޭޕް ކުރުމުގެ" ލަފްޒު ބޭނުން ކުރުމުން އޮޅުމެއް އޮވެދާނެ ކަމަށާއި ނަމަވެސް އާންމު މާނައިގައި އޮންނަ "ރޭޕް"ގެ މާނައިގެ ތެރެއަށް ފެތޭ ގޮތަށް މަނާ ކުރަން ޖެހޭ ގޮތަށް އޮތް ކުށެއް ނޫންކަން ގާނޫނުން އެނގެން އެބަ އޮތް ކަމަށެވެ. 

"މިއީ އާންމު މާނައިގައި އޮންނަ ރޭޕް ކުރުމުގެ ކުށުގެ މާނައިން ބޭރުވެ ވަކު ހާއްސަ ގޮތަކަށް ދިޔުމުން އެފަދަ ކުށަކަށް ކިޔޭ ހައްސާ ނަމެއް، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށް ކަމުގައި ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ވަކި އިސްތިސްނާ ހާލަތުތަކެއް އިތްވާ އަނބިމީހާގެ ރުހުމާ ނުލައި އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުން ކަމުގައެވެ. މިތަނުގައި ބަލަންވީ ކިޔާ ނަމަކަށް ނޫނެވެ. ކުރެވޭ އަމަލަށެވެ." ހުކުމްގައިވެއެވެ. 

"ގަދަކަމުން އެއްވެސް މީހަކާމެދު ޖިމާއުވުން އެއީ އެކަން ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭ އަނިޔާއެކެވެ. އެއީ ތިމާގެ އަނބިމީހާ ކަމުގައި ވީނަމަވެސް އެވެ." 

 ހުކުމްގައި ބުނީ ކައިވެނީގެ ގޮށުން ދެމަފިރިއަކު ގުޅާލުމަށްފަހު އެ ދެމަފިރިން ހަލާލް ގޮތުގައި ޖިންސީ ގުޅުން ހިންގުމަށް ލިބި އޮންނަ ހައްގަކީ އެކައިވެނީގެ ގުޅުމުގައި ހިމެނޭ ދެމަފިރިންނަށް ވެސް ހަމަހަމަ ގޮތުގައި ލިބިދީފައިވާ ހައްގެއް ކަމަށެވެ. އިސްލާމީ ޝަރީއަތުގެ އާންމު ގަވައިދަކީ ވެސް އެމީހަކަށް ކަނޑައަޅާފައިވާ ހައްގުތައް އަދި ވާޖިބުތައް ދިނުމާއި ލިބިގަތުމުގައި އަންހެނުން އަދި ފިރިހެނުން ވެސް ހަމަހަމަވުމެވެ. އެހެންވެ، އަނބިމީހާގެ ފަރާތުން ޖިންސީ ގުޅުން ހިންގުމަށް ފިރިމީހާއަށް އެދެވޭ ފަދައިން އަނބިމީހާއަށް ވެސް އެފަދައިން ފިރިމީހާގެ ގާތުގައި އެދުމުގެ ހައްގު އޮންނާނެ ކަމަށް ހުކުމްގައި ބުންޏެވެ. އެ ހައްގު ބޭނުން ކުރުމުގައި އެކެއްގެ މައްވަށް އަނެއްކަކު ވެރިވެގަތުމެއް ނުވަތަ އިސްވުމެއް ނެތެވެ. 

އެކަން ޝަރީއަތުން ސާބިތު ކުރެއްވުމަށް ހުކުމްގައި ދަލީލު ދެއްކެވިއެވެ. އެގޮތުން ރަސޫލާގެ ސަހާބީން ކަމުގައިވާ އަބްދުﷲ ނިން އަމްރޫ ބިން އާސްއަށް އަދި އުސްމާނު ބިން މަޟްއޫންއަށް ތިބާގެ ހަށިގަނޑަކީ ތިބާ އާއި ތިބާގެ އަނބިމީހާގެ ހައްގު އެކުލެވިގެންވާ އެއްޗެއްކަމުގައި ބަޔާން ކުރެއްވިއެވެ. ފިރިމީހާގެ ހަށިގަނޑަކީ އަނބިމީހާގެ ހައްގު އެކުލެވިގެންވާ އެއްޗެއް ކަމަށް އިލްމްވެރިން މާނަ ކުރައްވަނީ އަނބިމީހާއާމެދު އޮންނަ ޖިންސީ ގުޅުމަށެވެ. 

ހުކުމްގައިވާ ގޮތުން ދެމަފިރިންގެ ގޮތުގައި ތިބޭއިރު ޖިންސީ ގުޅުން ހިންގުމަކީ ދެމަފިރިންނަށް ވެސް ހަމަހަމަ ގޮތެއްގައި ލިބި އޮތް ހައްގެއް ކަމަށް ވީނަމަވެސް ބައެއް ހާލަތްތަކުގައި ޖިންސީ ގުޅުން ހިންގުމަށް އޮންނަ ހައްގު ދެމަފިރިން ކުރެ ކޮންމެ ފަރާތަކަށްމެ އިންކާރު ކުރުމުގެ ފުރުސަތު ލިބިގެންވެއެވެ. އެގޮތުން ހާއްސަ ހާލަތްތަކެއް ދިމާވުމުން ފިރިމީހާ އެކަމަށް އެދުނު ކަމުގައިވީ ނަމަވެސް ޖިންސީ ގުޅުން ހިންގުމަށް އަނބިމީހާއަށް އިންކާރު ކުރެވިދާނެކަން ޝަރުއީ ދަލީލުތަކުން އެނގެއެވެ. އެފަދަ ބައެއް ހާލަތްތައް ވެސް ދަލީލްއާއެކު ހުކުމްގައި ފާހަގަކުރިއެވެ. 

އޭގެ އެއް ހާލަތަކީ ހައިޟުގެ ދުވަސްވަރާއި ނިފާސްގެ މުއްދަތެވެ. އޭގެއިތުރުން ރޯދަ މަހު ރޯދައަށް ހުންނަ ވަގުތާއި ޟިހާރުކޮށް އެއަށްފަހު ކައްފާރާ އަދާނުކޮށް ހުންނަ މުއްދަތު ހިމެނެއެވެ. ފިރިމީހާގެ ބައްޔެއް މިސާލަކަށް އެއިޑްސް ފަދަ ބައްޔެއް ހުންނަ ފަދަ ހާލަތުގައި ވެސް ޖިންސީ ގުޅުމަށް އަނބިމީހާއަށް އިންކާރު ކުރެވިދާނެ ކަމަށް ކީރިތި ޤުރުއާންގެ އަޔާތްތަކާއި ރަސޫލާގެ ހަދީޘްފުޅުތަކާއި އިލްމްވެރިންގެ ބަސްފުޅުތައް ގެނެސް ހުކުމްގައި ވަނީ ސާބިތުކޮށްފައެވެ. 

ޖިންސީ ކުށުގެ 20 ވަނަ މާއްދާގައި އަނބިމީހާ، ރޭޕް ކުރުން ކަމުގައި ކަނޑައެޅޭނެ ހާލަތްތައް ލިޔެފައިވެއެވެ. އެގޮތުން އެ ގާނޫނުގައި ބުނާ ހާލަތްތަކަކީ؛ 

(1) ދެމީހުންގެ މެދުގައި އޮތް ކައިވެނި ޝަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީގް ކުރުމުގެ މަރުހަލާއެއް ޝަރީއަތުގައި ހިނގަމުންދިޔުން 

(2) އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތުގައި ހިނގަމުންދިޔުން 

(3) ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގިހުރެ، އަނބިމީހާއަށް އެ ބަލި ވާސިލުކުރުމުގެ ބޭނުމުގައި، އޭނާއާ ޖިމާއުވުން

(4) ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތަށްޓަކައި ވަކިން ދިރިއުޅެމުންދާ ދެމީހުން ކަމުގައިވުން

(5) މަރާލާނެކަމުގެ ބިރު ދައްކައިގެން، ނުވަތަ އަނިޔާ ކޮށްގެން، ނުވަތަ އަނިޔާ ކުރާނެކަމުގެ ބިރުދައްކައިގެން، ނުވަތަ އޭނާއާ ތިމާގެކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކަށް އަނިޔާ ކުރާނެކަމުގެ ބިރުދެއްކުން 

(6) ނުރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ހަގީގަތް އޮޅުވާލުމާއި އެ ކުރެވެނީ ކޮންކަމެއްކަން އޭނާއަށް އޮޅުވާލުން 

ޒިޔާދާ ނައީމްގެ މައްސަލައަށް ބަލާއިރު ހާދިސާ ހިނގާފައިވަނީ އޭނާ އާއި ޝާހް ވަކިން ދިރިއުޅޭތާ ހަ މަސް ދުވަސް ފަހުންނެވެ. ޒިޔާދާ، ޝާހްގެ ގެއިން ނުކުމެގެން ދިޔައީ އޭނާއާ އެކީ އުޅެން ބޭނުން ނުވެގެނެވެ. އަދި ވަރިވާން ވެސް އޭނާ ހުރީ ބޭނުންވެފައެވެ. ނަމަވެސް ޒިޔާދާއަށް ތުހުމަތުތަކެއްކޮށް ޝާހް، އޭނާގެ ގެއަށް ޒިޔާދާ އަންނަން އެންގިއެވެ. އެގޮތުގެ މަތިން އޭނާ އެ ގެއަށް ދިޔުމުން ޒިޔާދާގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގައި އަނިޔާކުރިއެވެ. އޭގެ ސަބަބުން ޒިޔާދާ ހޭވެރިކަން ވެސް ދިޔައެވެ. އަދި ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ މަރުވީ އޭގެ ފަހުންނެވެ. 

މިފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ހެކިބަސް ބަލާނެ މިންގަނޑުތައް ވެސް ހައިކޯޓުގެ ހުކުމްގައި ކަނޑައެޅިއެވެ. ހުކުމްގައި ބުނީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށަކީ އެ ކުށެއް ސާބިތުކުރުމަށް ވަކި ބާވަތްތަކެއްގެ ހެކިތަކެއް ހުރުން އަދި ހެކިތަކުގައި ވަކި ނިސާބެއް ހަމަވުން އިސްމާއީ ޝަރީއަތުން ލާޒިމްކޮށްފައިވާ ބާވަތްތަކުގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ނޫން ކަމަށެވެ. އެހެންވެ، މި ކުށް ސާބިތުކުރުމަށް ޝަރީއަތާއި ގާނޫނުން ހުއްދަ ކުރާ އެންމެހައި ހެކި ގަރީނާތަކުގެ މައްޗަށް ރިއާޔަތް ކުރެވޭނެއެވެ. ކުށް ސާބިތުކުރުމަށް ބަލަން ޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑު ކަމަށެވެ. 

ޖިންސީ ގޮތުން ހިންގޭ މިފަދަ ކުށްތައް ވަކިން ހާއްސަކޮށް ދެމަފިރިންގެ ދެމެދުގައި ހިންގާ މިފަދަ ކުށްތަކުގެ އަމަލުތައް ހިންގާނީ މީހުންނަށް ފެންނަ ތަންތަނުގައި ނޫން ކަމުން ލޮލަށް ފެންނަ ހެކިން ގިނަ ފަހަރަކު ތިބޭނެއެވެ. އެހެންވެ، ޖިންސީ ކުށްތައް ސާބިތުކުރުމަށް ހާއްސަ އުސޫލުތަކެއް ގާނޫނުން ގާއިމްކޮށްފައިވާކަން އެނގެން އޮންނަ ކަމަށް ހުކުމްގައިވެއެވެ. މީގެއިތުރުން ސުޕްރީމް ކޯޓުގެ ނިންމުމެއް ހަވާލާދިނެވެ. އެ ނިންމުމުގައިވާ ގޮތުން އަނިޔާ ލިބުނު ފަރާތާމެދު ކަންވީ ގޮތް އޭނާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން އެއީ އަދާޔާ ހިލާފަށް ތެދު ކަމަށް ގަބޫލު ކުރެވޭނެ ފަދަ އިތުރު ހެކިތަކާއި އަދި އެ ހެކިތަކާ ގުޅާލަދޭ ފަދަ ގަރީނާތަކެއް ހުރެޖެއްނަމަ މިފަދަ މައްސަލަތައް ސާބިތުކުރެވިދާނެ ކަމަށް އެނގެން އޮވެއެވެ. 

ޒިޔާދާގެ މައްސަލައަށް ބަލާއިރު، ޒިޔާދާއާމެދު އެ ރޭ ކަންތައްވީ ގޮތް އޭނާގެ ބައެއް ރަށްޓެހިންނާއި ތިމާގެ މީހުން ގާތު ކިޔައިދީފައިވާކަން އެމީހުންގެ ހެކިބަހުން އެނގެއެވެ. އަދި ޒިޔާދާ ބެލި ޑޮކްޓަރުންގެ ލިޔުންތަކުން އޭނާއަށް ލިބުނު އަނިޔާތަކަކީ ގަދަކަމުން ޖިންސީ އަމަލުތަކެއް ހިންގުމުން ލިބުނު އަނިޔާތަކެއްކަން ސާބިތުވާން އޮތް ކަމަށް ހުކުމުގައިވެއެވެ.

"ޒިޔާދާ ނައީމް ނިޔާވުމުގެ ކުރިން އޭނާ ވަނީ އޭނާއާ މެދު ކަން ހިނގައިދިޔަ ގޮތް އެތައް ބަޔަކަށް ތަފާތު އެކި މަރުހަލާތަކުގައި ކިޔައިދީފައެވެ. އޭގެ ތެރޭގައި ގާތް ރަހުމަތްތެރިންނާއި ސިއްހީ އެހީތެރިންނާއި ޑޮކްޓަރުންނަށް މި ވާހަކަތައް ކިޔައިދިން ކަމަށް އެ ފަރާތްތަކުން ޝަރީއަތުގެ މަޖިލީހުގައި އަދި ތަހްގީގުގައި ބަޔާން ދީފައި އެބަހުއްޓެވެ. މި މައްސަލާގައި ފެންނަން ހުރީ ހަމައެކަނި ޒިޔާދާ ނައީމް ބުނި ކަމަށް ބުނެ ހެކިބަސް ދިން މީހުންގެ ބަސް އެކަންޏެއް ނޫނެވެ. އެ ބުނި ބުނުންތަކާ ގުޅުވާލަދޭ ހަރުދަނާ ހެކި ގަރީނާ ފެންނަން އެބަހުއްޓެވެ." ހުކުމްގައިވެއެވެ. 

އެހެންވެ، މިއީ ޒިޔާދާ ނައީމް ރޭޕް ކުރުންކަން ޝަރުއީ އަދި ގާނޫނީ ހަމަތަކުން ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލްކުރިއެވެ. ތާރީހީ މި ނިންމެވުމަކީ ފަނޑިޔާރު އަލީ ސަމީރު ނިންމެވި ނިންމުމެކެވެ. ރިޔާސަތު ފަނޑިޔާރު ސަމީރު ބަލަހައްޓަވައި ރައުޔު ލިޔުއްވިއިރު ފަނޑިޔާރު ސަމީރުގެ އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދު ވެސް ތާއިދު ކުރައްވާފައެވެ. 

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، ކޯޓުގައި އަމިއްލަފުޅަށް ވަކާލާތު ކުރެއްވި މި މައްސަލާގައި ހައިކޯޓުގައި ދައުލަތަށް ލިބުނު ބޮޑު ކާމިޔާބީ ޝަމީމް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ޝަމީމް ވިދާޅުވީ ފިރިމީިހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށް ކޯޓުތަކުން ބަލައިގަންނަ ފެށުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު