ފެހެންދޫއަށް ތާރީހީ ދުވަހެއް: ޑިންގީ ދޫކޮށް މިއަދު ލޯންޗަށް!

މިއީ 30 ކުދިންގެ ޖާގައިގެ ޒަމާނީ ލޯންޗެއް މިއީ 30 ކުދިންގެ ޖާގައިގެ ޒަމާނީ ލޯންޗެއް

ބ. އަތޮޅު ފެހެންދޫއަކީ އެންމެ 300 އެއްހާ މީހުންގެ އާބާދީގެ މައްޗަށް އެކުލެވިފައިވާ ރަށެކެވެ. ވަޒީފާގެ ފުރުސަތާއި، ސިއްހީ، އަދި ތައުލީމީ ފުރުސަތުތައް ގިނަ މާލެއަށް މީހުން ހިޖުރަކުރުމުގެ ސަބަބުން އެ ރަށުގައި މިހާރު އުޅެނީ ގާތްގަޑަކަށް 130 މީހުންނެވެ. ރަށުގެ އާބާދީ ކުޑަވެ، ސްކޫލް އުމުރުގެ ކުދިން އިންތިހާއަށް މަދުވުމުގެ ސަބަބުން އެ ރަށު ސްކޫލް ސަރުކާރުން ބަންދުކުރީ 2008ވަނަ އަހަރުއެވެ. މިއާއެކު، ދެން ތައުލީމު އުނގެނުމަށް ދަރިވަރުން ދަތުރުކުރަންޖެހުނީ އެ ރަށާއި އެއް ފަޅެއްގައި އޮންނަ ގޮއިދޫއަށެވެ.


ކަނޑު ހުރަސްކޮށް ކުރަންޖެހޭ މި ދަތުރު ކުރަމުންއަންނަނީ އެ ކުދިންގެ ބެލެނިވެރިންނާއި ރަށު ކައުންސިލުން ހަމަޖައްސާފައިވާ ޑިންގީއެއްގައެވެ. އެހެންނަމަވެސް، ޑިންގީގައި ކުރާ އެ ދަތުރަކީ ފަހި ދަތުރަކަށް ވަނީ މަދު ފަހަރެކެވެ. ހިޔާވާނެގޮތެއް ނެތް އެ ޑިންގީގައި ތެމިފޯވެގެން ދަތުރުކުރި އެތައް ޅަފުރާ ކުދިން އެބަތިއްބެވެ. މަންމަގެ އުނގު ތެރޭގައި ބޮނދައި އިދެ ވާރެއާއި ހޫނުން ހިޔާވާނެ ނިވާފަތްގަނޑަކަށް އެ މަންމަ ހަދައިގެން ދަތުރުކުރި، އުމުރުން ހައެއްކަ އަހަރުގެ އެތައް ކުދިންނެއް އުޅޭނެއެވެ. އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައިވެސް މަދުމަދުންނަމަވެސް ދައުރުވެއެވެ.

ފެހެންދޫ ސްކޫލްކުދިންނާއި އެ ކުދިންގެ ބެލެނިވެރިން އުފުލާ ބުރަ އެންމެ ބޮޑަށް ފާޅުވެގެންދިޔައީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާއި ގުޅިގެންނެވެ. މިއާއެކު މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުންވެސް ފެށިއެވެ. އުފުލަންޖެހޭ ބުރަ އާއި ދިމާވާ ދަތިތަކުގެ ވާހަކަ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާވެސް ހިއްސާކުރިއެވެ. އަދި، މިކަމަށް ހައްލެއް ހޯދައި ދިނުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފެށިއެވެ.

އެގޮތުން، އަވައްޓެރި އިންޑިއާއިން ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދިން ހިލޭ އެހީއިން ބައެއް ފެހެންދޫގެ ސްކޫލް ދަރިވަރުންނަށް ހާއްސަކުރެވުނެވެ. 106 މިލިއަން ރުފިޔާގެ ހިލޭ އެހީއިން 2.5 މިލިއަން ރުފިޔާ ހާއްސަ ކުރެވުނީ 30 ހަކަށް ކުދިންނަށެވެ. އެއްވެސް ކުއްޖަކު ތައުލީމު އުނގެނުމުން ބާކީ ނުކުރުމުގެ ބޭނުމުގައެވެ.

2019 ނޮވެމްބަރު 27 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއިން އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ވި އެއްބަސްވުމުގެ ދަށުން ޒަމާނީ ފެންވަރުގެ އެ ލޯންޗު ބަނދެ، ދިވެހި ސަރުކާރާއި ހަވާލުކުރެވުނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޒަމާނީ ފެންވަރުގެ އެ ލޯންޗާއި ސަރުކާރުން ހަވާލުވެ، ފުރަތަމަ ދަތުރުކޮށްފައިވަނީ މިއަދުއެވެ.


18 ފޫޓުގެ ޑިންގީއެއްގައި 7 މިނިޓުވަންދެން ތައުލީމު އުނގެނުމަށް ކުރި ދަތުރު މިއަދު 3 މިނިޓަށް ކުރުވެގެންދިޔައީއެވެ. 12 އަހަރު ވަންދެން ފެހެންދޫގެ ގިނަ ބެލެނިވެރިން ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހިގެންދިޔައީއެވެ. މިއަހަރު އެކަނިވެސް ފެހެންދޫގެ 30 ކުދިން ގޮއިދޫ ސްކޫލްގައި ތައުލީމް ހާސިލްކުރަމުން ދާއިރު އެކުދިންގެ މިހާރު އުންމީދަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ފެހެންދޫއާއި ގޮއިދޫ ކޯސްވޭއަކުން ގުޅާލުމެވެ. 

ކިޔުންތެރިންގެ ހިޔާލު