ދެވަނަ އަހަރުގެ ނަތީޖާ ކޮވިޑް ޓެސްޓުން!

އިމެއް މިނެއް ނެތް ގޮތުގައި 2020އަށް ތަސައްވަރު ކުރެހިއެވެ. އެއީ ކާމިޔާބު، ބޮޑު އަހަރަކަށްވާނެ ކަމުގެ އުއްމީދު އެންމެންގެ ވެސް އޮތެވެ. އެކަމަކު، 2020 ވެގެން ދިޔައީ މުޅި ދުނިޔެ ހުއްޓުވާލި އަހަރަކަށެވެ. މުޅި ދުނިޔެއަށް ކޮވިޑްގެ ބަލާއާފާތުގެ ބަނަ ވިލާގަނޑުން ވަށާލިއެވެ. އެންމެ ގައުމެއް ވެސް މިކަމުގެ ތެރެއިން މިންޖުވެގެން ނުދިޔައެވެ. ކުރެހި ތަސައްވަރުތައް ވިދާލައި މުޅިން އާ ގޮތަށް ދިރިއުޅެން ވެސް މަޖުބޫރުވިއެވެ. އިގުތިސޯދާއި އިޖުތިމާއީ މައްސަލަތައް އެފުށްމިފުށަށް ޖެހި ހަރުދަނާ، ގާބިލް ސަރުކާރެއް އޮތުމުގެ މުހިންމުކަން ކޮންމެ ރައްޔިތަކަށް ވެސް ހަގީގަތުގައި އިހުސާސް ކުރުވިއެވެ. 

ކޮވިޑްގެ ހާލަތާ ރާއްޖެ ކުރިމަތިވީއިރު އޮތީ ހަގު ސަރުކާރެކެވެ. އެ ސަރުކާރަށް އޭރު އުމުރުން އެއް އަހަރާއި ދުވަސްކޮޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއް އަހަރުވެ ދެވަނަ އަހަރަށް މިސްރާބު ޖެއްސެވީ ވެސް ބޮޑު ތަސައްވަރަކާއެކުއެވެ. މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓުންނާއި ޖަޒީރާ ރާއްޖެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުން އެ ތަސައްވަރު ފެންނަން އޮންނާނެއެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް ވެސް ޖެހުނީ އެ ޕްލޭނުން ކޮންމެ ވެސް ވަރަކަށް ހިފަހައްޓާށެވެ. ކޮޅެއް މެދެއް ނޭނގޭ، ބަލިމަޑުކަމުން މަޖުބޫރުކުރުވީ އެކަމެވެ. އެހެންކަމުން ރައީސް ސޯލިހުގެ ދެވަނަ އަހަރުގެ ނަތީޖާ، ޓެސްޓު ކުރަން ޖެހިފައިމިވަނީ ކޮވިޑުންނެވެ. 

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރާނާ ވައިރަސް ރާއްޖޭގެ ގޮނޑުދޮށާ ހަމައަށް އެންމެ ފުރަތަމަ އައީ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެއަށްފަހު މާޗް މަހުގެ ތެރޭގައި މާލެއިން ކޮވިޑްގެ ކޭހެއް ފެނި، މުޅި ގައުމު ހުއްޓުވާލިއެވެ. ހުރިހާ ބޭނުމެއްގައި ވެސް ބަރޯސާވާން ޖެހިފައި އޮތް މާލެ، ލޮކްޑައުންއަށް ގެންދިޔައެވެ. އަރާ ފޭބުން މަނާކޮށް އެންމެން ގޭގައި ބަންދުކުރިއެވެ. މިއީ ބޮޑު ނިންމުމެކެވެ. ވަރުގަދަ ހަރަކާތެކެވެ. ހޭލަމޭލި ބޮޑު މާލެ އެއްކޮށް ހުއްޓުވާލައި، ކުދިކުދި ގެތަކެއްގައި ރައްޔިތުން ތިބުމަށް އެންގުމަކީ ފަސޭހަ ކަމެއް ނޫނެވެ. އިންތިޒާމަކަށްފަހު އިންތިޒާމެއް ހަމަޖައްސަމުން ގޮސް، އެތައް ބޭނުމެއް ފުއްދަދޭން ސަރުކާރަށް މަޖުބޫރުވާނެ ކަމެކެވެ. އެއާއެކު، ބައްޔާ ގުޅިގެން ފަރުވާދިނުމާއި ކަރަންޓީނު ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ ބުރަ މަސައްކަތް ކުރުމާއި ހޭލުންތެރިކުރުމާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އެތައް މަސައްކަތެއް ސަރުކާރަށް އޭރު ކުރަން އޮތީ ޖެހިފައެވެ. 

ގޭގައި ބަންދުވެ ތިބެން ޖެހުމަކީ ހަމައެކަނި ނަފްސާނީ އިޖުތިމާއީ ގޮތުން އުނދަގޫވީ ކަމެއް ނޫނެވެ. ވަޒީފާތައް ގެއްލުނެވެ. މުސާރަތައް ކުޑަވިއެވެ. ކުލި ބޮޑުވެ ގެއިން ނުކުންނަން ޖެހުނެވެ. އަމިއްލަ ވިޔަފާރިތައް ބަނގުރޫޓްވާ ހިސާބަށް ދިޔައެވެ. ފަތުރުވެރިކަން ހުއްޓިފައި އޮތުމުން ރާއްޖޭގެ މުޅި އިގުތިސޯދު އެކީއެކަށްހެން ހުއްޓުން އެރިއެވެ. މިއީ ބޮޑު ލޮޅުމެކެވެ. ކުރީގައި އެއްވެސް ބަޔަކު ކުރަން ޖެހިފައި ނެތް ބޮޑު ތަޖުރިބާއެކެވެ. ސަރުކާރަށް އޮތީ ހަމަ އެންމެ ގޮތެކެވެ. ބަލި ކޮންޓްރޯލް ކުރުމެވެ. ސަރުކާރުން އިސްކަން ދިނީ ވެސް އެކަމަށެވެ. 


މާލޭގައި ބަލި ފެތުރުން ހުއްޓުވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދިޔައެވެ. ރަށްރަށަށް ބަލި ދިޔަ ނުދިނުމަށް ހާއްސަ އިސްކަމެއް ވެސް ދިނެވެ. ރައްޔިތުންނާ ގުޅޭ ކޮންމެ މައުލޫމާތެއް ފަހެއް ލަހެއް ނެތި ހާމަ ކުރަމުންދިޔައެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފުޅާ ކުރަމުންދިޔައެވެ. މާލޭގައި އިތުރު އެނދުތައް ހެދިއެވެ. އަތޮޅުތަކުގައި ކޮވިޑަށް ހާއްސަ ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ގޮތް ހެދިއެވެ. ސިއްހީ މި ބޮޑު އޮޕަރޭޝަނަށް 1.3 ބިލިއަން ރުފިޔާ ސަރުކާރުން މިހާތަނަށް ވަނީ ހަރަދުކޮށްފައެވެ. މި އިންވެސްޓްމެންޓްތަކަކީ ދިގު ރާސްތާއަށް ވެސް ފައިދާ ކުރާނެ ކަންކަމެވެ. ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދައި ރައްކާކުރުމަށް 84 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ހުރިހާ ކަމެއް ކުރަމުން ދިޔައީ އިގުތިސޯދު އެކީއެކަށް ޝަޓްޑައުންކޮށްގެންނެވެ. 

ކޮވިޑްގެ މި ބަލިމަޑުކަމުގެ ބިޔަ ރާޅާއެކު ވަޒީފާގެ ހާލަތަށް ކުރި އަސަރަށް ބަލާއިރު އޭޕްރިލް މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 10،538 އަށްވުރެ ގިނަ މީހުން ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްގެން ޖޮބް ސެންޓަރަށް ހުށެހެޅިއެވެ. މިއިން ކޮންމެ މީހަކަށް ވެސް އާމްދަނީގެ ގޮތުގައި 5،000 ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ފަހިކޮށްދިނެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ނިޔަލަށް އެކަމަށް 116.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. 

ވިޔަފާރިތައް ރިލީފް ލީނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީތައް ބޭންކުތައް މެދުވެރިކޮށް ވަނީ ދޫކޮށްފައެވެ. މި ހަރަދުތަކަށް ތަން ހޯދީ ސިޔާސީ ފަރާތްތަކުގެ މުސާރަތައް ކުޑަކޮށްގެންނާއި މަޝްރޫއުތައް މަޑުޖައްސާލައިގެންނެވެ. މި އަހަރު އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް މިހާރުގެ ހިސާބުތަކުން އާމްދަނީގެ ގޮތުގައި ލިބޭނީ 14.7 ބިލިއަން ރުފިޔާއެވެ. އިގުތިސޯދީ މިބޮޑު އަނދަވަޅުގައި ވެސް ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަނުދީ ވަނީ ހިފެހެއްޓިފައެވެ. ތެލުގެ އަގު ދަށްވުން ފަދަ ސަބަބުތަކާހުރެ އިންފްލޭޝަން ވަނީ ދަށަށް ގޮސްފައެވެ.  

ކޮރަޕްޝަން ނޭވާ ހޮޅިއަށް! 

ކޮވިޑާއެކު ސަރުކާރުގެ މިސްރާބު އެހެން ދިމާލެއްގައިވަނިކޮށް ހޫނުވެ، ކުރަމުންދިޔަ މަސައްކަތްތަކަށް ހިޔަނި އެޅިގެން ދިޔައީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގައި ދުބާއީ ކުންފުންޏަކާއެކު ހެލްތު މިނިސްޓްރީއިން ހިންގި މުއާމަލާތްތަކުގައި ކޮރަޕްޝަން އެކުލެވުނު ހިސާބުންނެވެ. ކޮރަޕްޝަންގެ ތުހުމަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު އިސް ބޭފުޅުން ހިމެނޭ ބިޑް ކޮމިޓީ ވަށާލިއެވެ. މި ތުހުމަތުތައް އޮޑިޓް އޮފީހުން ފެނުން މައްޗަށް ގެނައުމާއެކު، ރައީސް ސޯލިހު ފިޔަވަޅު އަޅުއްވައި ތުހުމަތުވާ އެންމެން ގޭގައި ބޭތިއްބިއެވެ. 

އޭރުގެ މިނިސްޓަރު އަމީން ވެސް ވަޑައިގެންނެވީ ގެއަށެވެ. ރައީސް ސޯލިހު ވަނީ އޮޑިޓް ރިޕޯޓް ބަލައިގަނެ، އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއާއެކު ފުލުހުން ވެސް ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އޭގެ ތަހުގީގު ހިނގިއެވެ. ދައުވާ ކުރުމަށް އޭސީސީއިން ޕީޖީއަށް ފޮނުވަން ވެސް ފޮނުވިއެވެ. ސަރުކާރުގެ މިނިސްޓަރު ކަމުގެ ހުންނަވަނިކޮށް ބޭފުޅެއްގެ މައްސަލަ މިހާ ހިސާބަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އޭގެ މިކަމުގެ ތެރެއަށް ރައީސް ބެހި، ނުހެއްދެވިކަން އެނގެއެވެ. ނަމަވެސް ދައުވާ އަދި އުފުލިފައެއް ނުވެއެވެ. މިނިސްޓަރު ކަމުން އަމީން ވަކިވެއްޖެއެވެ. ވެންޓިލޭޓަރު މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. ފައިލް ލައްޕާނުލައެވެ. އަމާޒަކީ ކޮރަޕްޝަން ނޭވާހޮޅިއަށް އެޅުވުމެވެ.

"ވޯލްޑް ޓްއާ"، ތަސައްލީއަކަށް! 

ކޮވިޑްގެ މި ބަލިމަޑުކަމުގެ އަހަރު، ރާއްޖެ ބިކަ ނުވެ ކުރިއަށް ގެންދެވުނު އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތެވެ. ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އޮތް ގުޅުން ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވި ކަމެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މުޅި ދުނިޔޭގައި ބުރު އެޅުއްވި ކަމުގެ ފައިދާވީ މި ބަލާއާފާތުގެ ތެރޭގައެވެ. ގައުމުތަކުންނާއި ޖަމިއްޔާތަކުން ރާއްޖެއަށް އެކިއެކި އެހީތައް ފޯރުކޮށްދިނެވެ. ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ސާމާނާއި ޓެސްޓް ކިޓްތައް މަދު ނުވާ މިންވަރަށް އެހީގެ ގޮތުގައި ރާއްޖެއަށް މިސްރާބު ޖެހިއެވެ. ގާތް އަވަށްޓެރި ގައުމުތަކުން އެހެން ބާވަތްތަކުގެ އެހީތައް ވެސް ފޯރުކޮށްދިނެވެ. ހިލޭ ލޯނު އެހީ އާއި އިންޓްރެސްޓް ކުޑަ ލޯނުތައް ވެސް ރާއްޖެއަށް ފޯރުކޮށްދިނެވެ. 

އިންޑިއާގެ ގިނަ އެހީތަކެއް ފާހަގަ ކުރެވޭއިރު ދިވެހިން ބޭސްފަރުވާއަށް ދިޔުމަށް އެ ގައުމުން ހާއްސަ ހުއްދައެއް ބޯޑަރު ބަންދުކޮށްފައި އޮތްއިރު ވެސް ހަމަޖައްސައިދިނެވެ. ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މި ފުރުސަތު ނުލިބުނު ނަމަ، އެވެގެން ދިޔައީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށެވެ. މިހުރިހާ ކަމެއްގައި ރާއްޖެއަށް ހިންދެމިލެވުނީ ހާރިޖީ ސިޔާސަތުގައި ގާތް ގުޅުމެއް އުފައްދަން ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންކަން ޔަގީނެވެ.

ދުލެއް ނުކުރި، ޓޫރިސްޓުން ގެނެސްފި! 

މި އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސޯދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭއިރު މިއީ މީގެ ކުރިން އަހަރެއްގެ ތެރޭގައި ދުވަހަކުވެސް ދަށްވި މިންވަރެއް ނޫނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެ ދޮރާށި ޓޫރިސްޓުންނަށް ބަންދު ކުރަން ޖެހުމެވެ. އެއީ ރާއްޖޭގެ އިގުތިސޯދު ބަރޯސާވެފައި އޮތް ބޮޑު ދޮރާއްޓެވެ. ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މިއަހަރު 65 އިންސައްތަ ދަށަށް ދާނެއެވެ. އެއާއެކު ޓޫރިޒަމް ދާއިރާ 68 އިންސައްތަ ދަށަށް ދާނެކަމަށް ބެލެވެއެވެ. 

ނަމަވެސް ނަންބަރުތަކަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތެވެ. ހިތްވަރު އާކޮށް ޖުލައި 15 ވަނަ ދުވަހު ސަރުކާރުން ދޮރާށި ޓޫރިސްޓުންނަށް ހުޅުވާލިއެވެ. މަޑުމަޑުން ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. މާލޭގައި މިހާތަނަށް ބަލި ކޮންޓްރޯލްވެފައި ނުވީ ނަމަވެސް އެއްވެސް މައްސަލައެއް ނެތި ޓޫރިޒަމް ދާއިރާގެ ފުރޮޅު ވަނީ ހިންގަން ފެށިފައެވެ. އިގުތިސޯދަށް ހެވެއެކެވެ. ހަރުދަނާ ގައިޑްލައިންތަކާއެކު ރިސޯޓްތައް ހިންގުމުގެ ނަތީޖާއަކީ ހަމަ އެންމެ ރިސޯޓަކުން ފިޔަވައި މިހާތަނަށް މައްސަލައެއް ފެންމަތިވެފައިނުވުމެވެ. ރާއްޖޭގެ އޮމާން ގޮނޑުދޮށްތަކާއެކު އަމާންކަމާއެކު ޓޫރިސްޓުން އެމީހުންގެ ދުވަސްތައް ހޭދަކުރަމުން އެބަދެއެވެ. މަޝްހޫރު ގިނަ ފަރާތްތަކެއްގެ މިޝްރާބު ވެސް ރާއްޖެއަށް ހުރިއިރު މިހާރު ރާއްޖެ ވަނީ ބޮޑެތި ގިނަ މާކެޓްތަކުގައި ރައްކާތެރި ގައުމެއްގެ ގޮތުގައި ލިސްޓް ކުރެވިފައެވެ. 

ރިސޯޓްތަކުގެ ކާމިޔާބީއަށްފަހު، ރަށްރަށުގެ ގެސްޓްހައުސްތައް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ވަރަށް ހަރުދަނާ ބޮޑު ގައިޑްލައިންއާއެކުއެވެ. ރަށުގެ ރައްޔިތުންގެ ފުރިހަމަ އާނބަސް އެކަމުގައި އޮންނަ ގޮތަށެވެ. ގެސްޓްހައުސްތަކަކީ އެތައް ގިނަ ރައްޔިތުންގެ ސީދާ ޖީބާ ގުޅިފައިވާ ސިނާއަތެކެވެ. މި ސިނާއަތު ހިނގާނަމަ ދިވެހިން ތިބޭނީ އުފަލުން އުޖާލާކޮށެވެ. މިހާރު މިކަން ވެސް އަމާންކަމާއެކު ކުރިއަށްދާއިރު ޓޫރިޒަމްއަށް ވެސް ގެސްޓްހައުސްތަކާއެކު ބޫސްޓެއް ވަނީ އައިސްފައެވެ. 

މާލެ ހުއްޓިފައި، ރަށްތަކެއް ނޫން! 

ކޮވިޑްގެ ބަލިމަޑުކަމާ ހުރެ ބައެއް މަޝްރޫއުތައް ޕްލޭންގައި ލިޔެފައި އޮތް ގޮތަށް އޮތް ތާރީހަށް ނުހިންގުނު ނަމަވެސް ސަރުކާރު އޮތީ އަތް އުރާލައިގެނެއް ނޫނެވެ. އެގޮތުން، ރާއްޖޭގެ އެކިއެކި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގުމުގެ ސަމާލުކަން ސަރުކާރުން ބޮޑެވެ. ބަނދަރާއި މަގު ތަރައްގީ ކުރުމާއި ފެނާއި ނަރުދަމާލުމުގެ މަޝްރޫއުތަކެވެ. އެމްޓީސީސީއަށް މީގެ ޒިންމާ ބޮޑެވެ. މި ވަގުތު ވެސް އެމްޓީސީސީއިން ތަފާތު އެކި ރަށުގައި 47 މަޝްރޫއުއެއް ކުރިއަށް އެބަ ގެންދެއެވެ. ހޯރަފުށީ އެއާޕޯޓް ވެސް ހިމެނޭ ގޮތުންނެވެ. 

ކުރިއަށްދާ މަޝްރޫއުތައް އެހެންހުރިއިރު މި ދެ އަހަރު ތެރޭގައި އެމްޓީސީސީއިން ވަނީ 81 މަޝްރޫއުއެއް ނިންމައި، އޭގެ ފައިދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައެވެ. ގދ. އަތޮޅުގައި އެކަނި ވެސް 13 މަޝްރޫއުއެއް އެމްޓީސީސީއިން ނިންމިއެވެ. މި ވަގުތު ކުރިއަށްދާ މަޝްރޫއުތައް އެންމެ ގިނައީ ހދ. އަތޮޅާއި ރ. އަތޮޅުގައެވެ. މިއީ އަދި އެމްޓީސީސީ އެކަންޏެވެ. 

ޖުމްލަ މަޝްރޫއުތަކަށް ބަލާއިރު ގައުމީ ތަރައްގީގެ 372
މަޝްރޫއެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫއެއް މިހާރުވެސް
ހިނގަމުން އެބަދެއެވެ. އަދި އިތުރު 156 މަޝްރޫއެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. 
މިއީ ސަރުކާރުތަކާ އަޅާ ބަލާނަމަ، ފުރަތަމަ ދެ އަހަރުގެ ރެކޯޑެކެވެ. ކޮވިޑާއެކު ވެސް ރިކޯޑްގެ މެޑަލް ހޯދައިފިއެވެ.

އެހެން މެޑައްޔެއް ވެސް އެބަ އޮތެވެ. ރަށްރަށުގެ ސިއްހީ ހިދުމަތަށް އައި ހެޔޮ ބަދަލެވެ. ކޮވިޑާ ގުޅިގެންނާއި އޭގެ ބޭރުން ވެސް ރަށްރަށުގެ ސިއްހީ ހިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ރަށްރަށުގެ ހޮސްޕިޓަލްގައި މީގެކުރިން ނުކުރާ ވަރުގެ ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް މި އަހަރުގެ ތެރޭގައި ވަނީ ކޮށްފައެވެ. މާލެ ހުއްޓިފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކު ރަށްރަށުގެ ހޮސްޕިޓަލްތަކަށް ބަރޯސާވާން ޖެހިފައިވުމުން އެ ތަންތަނުން ހިދުމަތް ލިބޭނެ މަގު ތަނަވަސްކުރަން ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ފައިދާ ލިބުނެވެ. ލިބެމުން އެބަދެއެވެ. 

ދެން އޮތީ، މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއެވެ. ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓާއި އެ ޕޯޓާ މާލެ ގުޅުވާލާ ބްރިޖުގެ މަޝްރޫއުއެވެ. މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައިވެއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ކޮވިޑްގެ ތެރޭގައި މާލެ އޮތްވައި ވަނީ ފަށާފައެވެ. އެގޮތުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއާއެކު ބްރިޖުގެ ފައިނޭންސް އިންޑިއާއެކު ވަނީ ހަމަޖައްސާފައެވެ. އިންޑިއާއިން މިހާރު ވަނީ ބްރިޖުގެ ލޯނު އެއްބަސްވުމާއި ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަންނަ އަހަރު ބްރިޖުގެ އަމަލީ މަސައްކަތް ވެސް ފަށާނެއެވެ. 

މިސްރާބު ސިންދަފާތު ކުރުމަށް! 

ކޮވިޑްގެ ބަލިމަޑުކަމުގައި އުޅުމަށްފަހު އޭގެން އަރައިގަތުމަށް ބިޔަ ހަރަކާތް ފެށިގެން ދަނީ މިހާ ހިސާބުންނެވެ. ކޮވިޑުން ނަގާދިން ފިލާވަޅާއެކު ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު މިސްރާބަކީ އިގުތިސޯދުގެ ވިލުންވެރިކަން އިތުރުކޮށް ސިންދަފާތު ކުރުމެވެ. އެ ޕްލޭން ސަރުކާރުން ހަދައި އަންނަ އަހަރުގެ ބަޖެޓަށް ވެސް ވައްދައިފިއެވެ. ރާއްޖޭގެ އިގުތިސޯދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮތްއޮތުން ނައްތާލައި ބޮޑު ބަދަލަކާ ދިމާއަށް ދިޔުމަށެވެ. އޭގެ އެންމެ ބޮޑު މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެއް އިރެއްގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާ ކަމަށްވާ ޝިޕިން ދާއިރާ އާރާސްތު ކުރުމަށް ކުންފުންޏެއް ހަދައި އެ ސިނާއަތުގެ އިންޖީނު ވަނީ ޖައްސާފައެވެ. 

އޭގެއިތުރަށް ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރަން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ވަނީ އުފައްދާފައެވެ. އޭގެ މަސައްކަތްތައް އިތުރުކޮށް ބާރް ސްޕީޑްގައި ކުރިއަށް ގެންދަން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ކުންފުނީގެ ކެޕިޓަލް ކޮންޓްރިބިއުޝަން ގޮތުގައި 84 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި، ކޮންޓްރެކްޓް ފާމިން ފަދަ ކަންކަން ތައާރަފް ކުރަން ވެސް ވަނީ ނިންމާފައެވެ. މިއީ ވަރަށް ހެޔޮ ފާލެކެވެ. އޭގެއިތުރަށް ވެސް ހިދުމަތްތައް ލާމަރުކަޒީ ކުރުމަކާއެކު އިގުތިސޯދު ސިންދަފާތު ކުރުމުގެ ޕްލޭނެއް ސަރުކާރުން އެބަ ގެންގުޅެއެވެ. އެގޮތުން އިގުތިސޯދު އަދި ސިނާއަތްތައް ކުރިއެރުވުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހަތް ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. 

މިއީ ރައީސް ސޯލިހުގެ ސަރުކާރުގެ ދެވަނަ އަހަރު ކޮވިޑްގެ ބަލާއާފާތާއެކު ކުރިއަށް ގެންދިޔަ ގޮތުގެ ރިޕޯޓެވެ. ކޮވިޑްގެ ވަރުގަދަ ޓެސްޓުން ސަރުކާރު ފެއިލް ނުވެ ނަތީޖާ ނެރުނު ގޮތެވެ. މި ނަތީޖާގެ ކާމިޔާބުކަމާއި ނޫންކަން ކަނޑައަޅަން ތިބީ ރައްޔިތުންނެވެ. ދެން ސަރުކާރުގެ ކުރިމަތީގައި އޮތް ބޮޑު އިމްތިހާނަކީ ތިން ވަނަ އަހަރެވެ. ބޮޑެތި ބިޔަ މަޝްރޫއުތަކާއެކު އިގުތިސޯދު ފުން އަނދަވަޅުން ނަގަން ޖެހޭނެއެވެ. އެއީ ބިޔަ ބޮޑު ހަރަކާތަކަށްވާނެއެވެ. ދެ ވަނަ އަހަރު ނިމި ތިން ވަނަ އަހަރަށް އަޅާއިރު މިއީ ސަރުކާރަށް މުހިންމު ވަގުތެކެވެ. 

ކިޔުންތެރިންގެ ހިޔާލު