ތެލުގެ ވައްކަން ހިންގި ގޮތާއި ސީއީއޯގެ ރައްދު ޗެއާމަންއަށް!

ކޮވިޑްއާއެކު މާލެ ލޮކްޑައުންއަށް ދިޔުމަކީ ގިނަ ކަންތައްތަކެއް ހުއްޓިގެން ދިޔަ ކަމެއް ކަމުގައިވީ ނަމަވެސް މިއީ ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިގަތުމަށް އެންމެންގެ ސަމާލުކަން އެހެން ދިމާލަކަށް ހުއްޓިފައި އޮތްވައި ލިބުނު ފަހި ފުރުސަތަކަށްވީ ބަޔަކު އެބަ ތިއްބެވެ. އެ ލިސްޓްގައި މީގެކުރިން ވެންޓިލޭޓަރާއި އެހެން މުއާލަމާތްތައް ހިމެނިގެން އައިސް، މިހާރު މިއޮތީ އެމްޕީއެލް ވިޔަފާރި ބަނދަރުގެ ތެރެއިން ފެންމަތިވެގެން އައި ތެލުގެ ބޮޑު ވައްކަމުގެ ވާހަކައެކެވެ. ވިޔަފާރި ބަނދަރުގެ ވެރި ކުންފުނި އެމްޕީއެލްގެ ނަން ވެސް ކިލަނބުވީއެވެ. ފޮރުވިގެން އެކަމަކު، ރަނގަޅަށް ރާވައިގެން ހިންގާފައިވާ މި ބޮޑު ވައްކަމެއްކަން ހާމަވާ މައުލޫމާތުތައް ވަނީ އެއް ކުރެވިފައެވެ. 

އޮޑިޓް ރިޕޯޓް: ގުޅިގެން ހިނގާފައި އޮތް ބޮޑު ރޭވުމެއް! 

މި ވައްކަމުގެ ތުހުމަތުތައް އެމްޕީއެލްގެ ތެރޭގައި އުފުލި މިކަން ޑިރެކްޓަރުންގެ ބޯޑުގެ އޮޑިޓް ކޮމިޓީގެ ސަމާލުކަމަށް އަޔެވެ. އަދި އެކަމާ ގުޅޭ އެތެރޭގެ އޮޑިޓެއް ހެދުމަށް އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމިއެވެ. މި އޮޑިޓް ނިމިފައިވާއިރު އޮޑިޓުން ފާހަގަވި ކަންކަން ހިމަނައި އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން "ޖަޒީރާ"އަށް ވަނީ ލިބިފައެވެ. އެގޮތުން އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އެމްޕީއެލްއަށް ބޭނުންވާ ތެލަށް އެދި ކޮށްފައިވާ މުއާމަލާތުގައި ހިޔާނާތުގެ އަމަލެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވިގެން ބެލި ބެލުމުން، ރިކުއެސްޓް ފޯމުތަކުން އެދިފައިވާ ތެޔޮ ނާޅައި، ފޯމްތަކުގައި ތެޔޮ ލިބިފައިވާ ކަމަށް ސޮއިކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކުންފުނީގެ އެކި އެކި ޑިޕާޓްމަންޓްތަކުގެ އޮޕަރޭޝަނަށް ބޭނުންވާ ތެޔޮ އެޅުމަށް ޑިޕާޓްމަންޓްތަކުން ފޮނުވާ ރިކުއެސްޓް ފޯމުތައް ފޯޖުކޮށް، އެ ފޯމުތަކުގެ ފޮޓޯކޮޕީ ހައްދައި، އެ ފޯމުތަކަށް ތެޔޮ ހޯދާފައިވާ ކަމަށް ތެޔޮ އެޅުމުގެ ކަން ކަން ކުރުމާއި ހަވާލުކޮށްފައިވާ މުވައްޒަފު އޮޑިޓަށް ދީފައިވާ ބަޔާންތަކުން އެނގޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެމްޕީއެލްއަކީ އެތައް ބޮޑެތި، ގިނަ ވެހިކަލްތަކެއް ގެންގުޅޭ ކުންފުންޏަކަށްވާއިރު އެ ވެހިކަލްތަކަށް އަޅާ ތެލުގެ އަގު މިލިއަނުން ގުނޭނެއެވެ. 

އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި ތެޔޮ އެޅުމުގެ ކަންކަމާ ހަވާލުވެ ހުރި މުވައްޒަފު އޮޑިޓަށް ދީފައިވާ ބަޔާނުން އިއުތިރާފްވެފައިވެއެވެ. އެހެން އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން މި ކަމުގައި ނުވާ ކަމަށް އެ މުވައްޒަފު އޮޑިޓަށް މަޢުލޫމާތު ދީފައިވެއެވެ. އޭނާ އިއުތިރާފްވެފައިވީ ނަމަވެސް، އޭނާގެ މަސައްކަތް މޮނިޓާކޮށް ބަލަހައްޓާ މުވައްޒަފު އޮޑިޓަށް ދީފައިވާ ބަޔާނުން އެނގޭގޮތުގައި މިކަމަށް އިއުތިރާފްވެފައިވާ މުވައްޒަފަކީ ފޮޓޯކޮޕީ މެޝިން ބޭނުންކޮށްގެން ފޮޓޯކޮޕީ ނަގަން ދަންނަ ފަރާތެއް ނޫނެވެ. އަދި، އެފަދަ މަންޒަރެއް ދުވަހަކުވެސް ނުދެކޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މި މުއާމަލާތާއި ގުޅިގެން އޮޑިޓަށް ދީފައިވާ މައުލޫމާތުތަކުންނާއި ދީފައިވާ ބަޔާންތަކުގައި ވަރަށް ބޮޑެތި ފުށުއެރުންތަކެއް ހުރުމާއެކު ތެލަށް އެދި ކޮށްފައިވާ ރިކުއެސްޓް ފޯމުތަކުގައި ސޮއިކޮށްފައިވާ މުވައްޒަފު އެކަނި ކޮށްފައިވާ މަސައްކަތެއް ނޫންކަން ޔަގީންކުރެވޭ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މި މުއާމަލާތް ހިންގަނީ އެފްއެސްއެމްގެ ތެޔޮ ސަޕްލައިކުރާ މައުޒަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކާއި ގުޅިގެން ކަމަށް ވެސް ރިކުއެސްޓް ފޯމުގައި ސޮއިކޮށްފައިވާ މުވައްޒަފު އޮޑިޓަށް މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 

މައްސަލަ ތަހުގީގީ އިދާރާތަކަށް!

އެމްޕީއެލްގެ އެތެރޭގެ އޮޑިޓް ރިޕޯޓުން ވެސް މީގައި ބޮޑެތި ގޯސްތަކާއި ރޭވުންތައް ފާހަގަ ކުރެވޭތީ، އެއީ އިތުރަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަދަ ބޮޑު ކަމެއްގެ ގޮތުގައި އެމްޕީއެލްގެ އޮޑިޓް ކޮމިޓީއިން ވަނީ ފާހަގަކޮށްފައެވެ. އެ ކޮމިޓީއިން މި މަހުގެ 22 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ހިޔާނާތް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީ އަދި އޮޑިޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅަން ބޯޑަށް ލަފާދިނުމަށެވެ. އަދި މި މުއާމަލާތަކީ އެފްއެސްއެމްގެ ތެޔޮ ސަޕްލައިކުރާ މައުޒަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކާއި ގުޅިގެން ހިންގާފައިވާ ހިޔާނާތަކަށް އޮޑިޓަށް ދީފައިވާ މައުލޫމާތުން އެނގެން އޮތުމުން މި މައްސަލަ އެފްއެސްއެމްގެ ސަމާލުކަމަށްވެސް ގެނައުމަށެވެ. 

ކޮމިޓީގެ އެ ހުށަހެޅުމާ ގުޅޭ ގޮތުން އެމްޕީއެމްގެ ބޯޑް ބައްދަލުވުމެއް 24 ވަނަ ދުވަހު ބޭއްވިއެވެ. މި ބޯޑުގެ ބައްދަލުވުމުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުންގެ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ބޯޑަށް އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ހެޑް ބްރީފްކޮށްދިނުމަށްފަހު ރިޕޯޓާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހެޑް ބޯޑު ބައްދަލުވުމަށް ހާޒިރުކުރިއެވެ. ދެން އޭގެ ފަހުން އެ ބައްދަލުވުމުގައި ކަންތައް ހިނގައިދިޔަ ގޮތް އެމްޕީއެލްގެ ޗީޕް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ޝާހިދު އަލީ ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑްގެ ނައިބު ރައީސް އާސިމް މުހައްމަދަށް ފޮނުއްވި ސިޓީއެއްގައި ތަފްސީލްކޮށް ކިޔައިދެއްވާފައެވެ. އެ ސިޓީގެ ކޮޕީއެއް ވެސް ޖަޒީރާއަށް ވަނީ ލިބިފައެވެ. 

ޗެއާމަން އާއި ސީއީއޯގެ އަރާރުންވުމެއް! 

"ކުންފުނީގެ ބޯޑުގެ ޗެއާމަން ކުރެއްވި ސުވާލުތަކަށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހެޑް ޖަވާބުދާރީވުމުން، ބޭއަދަބީ ބަހުން އެފަރާތާއި މުހާތަބުކޮށް ކުންފުނީގެ ބޯޑުގެ ޗެއާމަންގެ ހައިސިއްޔަތުން ދައްކަންނުވާފަދަ ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވޭ، އަދި މިބައްދަލުވުމުގައި، ބައިވެރިވި ޑިރެކްޓަރުންނަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެކަށީގެންވާ ވަގުތު ނުދެއްވައި، ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހެޑްގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށް، ވަކި މުއްދަތެއް ބަޔާންނުކޮށް ސަސްޕެންޑްކުރުމަށް ޗެއާމަން އަމިއްލަފުޅަށް ހުށަހަޅުއްވައި ވޯޓަށް އެއްސެވި، އަދި އޮޑިޓް ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމާއި ދެއްވާފައިވާ ލަފާ ހުށަހަޅައި މަޝްވަރާކުރުމަށްވެސް ވަގުތު ދީފައިނުވާކަން ފާހަގަކުރަން،" ޝާހިދުގެ ސިޓީގައިވެއެވެ. 

ސިޓީގައި ޝާހިދު ލިޔުއްވި ގޮތުގައި ކުންފުނީގެ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅާއި އެ ނޫންވެސް ފިޔަވަޅުތައް އެޅުމަށް ޕޮލިސީތައް ކަނޑައެޅިފައިވާއިރު އެފަދަ ކަންކަމަކީ ކުންފުނި ހިންގެވުމާއި ހަވާލުވެފައިވާ ފަރާތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކަށް ވީއިރު، ކުންފުނީގެ ޗެއާމަންގެ ހައިސިއްޔަތު މިފަދަ ޕޮލިސީތަކަށް ބެއްލެވުމެއްނެތި، މަޝްވަރާކުރުމަށް ފުރުސަތުނުދެއްވައި، އަމިއްލަ ހައިސިއްޔަތުން ކުންފުނީގެ މިފަދަ ނިންމުންތައް ނިންމެވުމަކީ މިނިސްޓްރީ އޮފް ފިނޭންސް އަދި ޕްރައިވެޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ކޯޕަރޭޓް ގަވަނެންސް ކޯޑުގެ ތިން ވަނަ މާއްދާގައި ބަޔާންކުރާ ޗެއާމަންގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ބޭރުން ނިންމާފައިވާ ނިންމުމެކެވެ. 

އެމްޕީއެލްގެ ތެރޭގައި މި ބޮޑު ކަންތައްގަނޑެއް ހިނގައިގެން އުޅޭކަން މީޑިއާ ހަމައަށް ތިލަވީ އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ)ގެ ޓްވީޓުންނެވެ. ޓްވީޓްގައި ޒަކީ ތުހުމަތުކޮށްފައިވަނީ އަށް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާއަށް މި ތެލުގެ ވައްކަމުގެ ތެރެއިން ހިޔާނާތްތެރިވެފައިވާ ކަމެވެ. އަދި ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތައް ސަސްޕެންޑް ނުކުރެވުނީ ޑިރެކްޓަރުންގެ ބޯޑުގެ އަގުލަބިއްޔަތު ނުލިބިގެން ކަމަށެވެ. އަދި ބޯޑުގައި މެމްބަރުން ވޯޓުދެއްވިގޮތް ވެސް އެ ޓްވީޓުގައި ބަޔާންކޮށްފައިވެއެވެ. 

ޝާހިދު ވިދާޅުވި ގޮތުގައި، ޑިރެކްޓަރުންގެ ބޯޑުގައި ނެގޭ ވޯޓަކީ ސިއްރު ކަންކަމަށް ވެފައި، ބޯޑުގެ ބައްދަލުވުމުގެ ކަންކަން ހިނގާފައިވާ ގޮތް، ހަގީގަތް އޮޅޭ ފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ސަބަބުން ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ހިމެނޭ ގޮތަށް މުޅި ކުންފުނި ބަދުނާމުގެ ކުންފުނީގެ އަގު ވަނީ ވެއްޓިފައެވެ. އަދި، ތަހުގީގީ މަރުހަލާ ނިމިފައިނުވާ މައްސަލައަކާ ގުޅޭގޮތުން، އެފަދަ މޭރުމަކުން ކުރެއްވި ޓްވީޓުން ޗެއާމަން ހާމަކޮށްފައިވާ މައުލޫމާތުން އެމްޕީއެލްގެ މި މައްސަލައާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ދޭހަވާފަދަގޮތަކަށް ޓްވީޓްގައި ބަޔާން ކުރުމުން ވެސް ޝާހިދު ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ. ސިޓީގައި ޝާހިދު ވިދާޅުވި ގޮތުގައި މައްސަލަ ތަހުގީގީ އިދާރާތަކަށް ފޮނުވުމުގެ އިތުރުން، މައްސަލައާ ގުޅިގެން މި ކަމުގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ މުވައްޒަފުން މެނޭޖްމެންޓްގެ ސަމާލުކަމަށް ގެނެވި، އޮޑިޓް ފެށުމުގެ ކުރިން ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ސިޓީގައި ޝާހިދު އެދިވަޑައިގެންފައިވަނީ ޗެއާމަންގެ އަމަލުތައް ބަލައިދިނުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު