އެމްބީއޭގެ ރައީސަކަށް އަޙްމަދު އާދަމް

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްގެ މަގާމަށް އަހްމަދު އާދަމް އިންތިހާބުކޮށްފިއެވެ. 

އޭނާ އެ މަގާމަށް އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބުގައެވެ. ސޮލައިޓް ރެސްޓޯރަންޓްގައި މިއަދު ވަނީ އެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ ވެސް ބާއްވާފައެވެ. މިއަދު ބޭއްވުނު އިންތިހާބުގައި އެ އެސޯސިއޭޝަންގެ މެމްބަރު 23 ކްލަބަކަށް ވޯޓު ދިނުމުގެ ހައްގު ލިބުނުއިރު އިންތިހާބުގައި ވޯޓު ދީފައިވަނީ 21 ކްލަބަކުންނެވެ. ހިންގާ ކޮމިޓީގެ ކޮންމެ މަގާމަކަށް ވެސް އެންމެ މީހަކު ކުރިމަތިލުމާއި ވިދިގެން ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. 

އެމްބީއޭގެ ރައީސްގެ މަގާމަށް އަހްމަދު އާދަމް އިންތިހާބުވިއިރު ނައިބް ރައީސްއަކަށް އިންތިހާބުވީ ހުސައިން ޝުހައިލްއެވެ. ހާޒާންދާރުގެ މަގާމަށް އިސްމާއީލް ނުޖެއިމީ މުސްތަފާ އިންތިހާބުކުރިއިރު އަމިއްލަ މެމްބަރުގެ މަގާމަށް ހޮވާފައިވަނީ އަހްމަދު ރާސިމްއެވެ. ފުރިހަމަ ފަސް މެމްބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ އަހްމަދު ނަސީރު އިބްރާހީމާއި، ހުސައިން ފަޒީލާއި، ހުސައިން އަމީނާއި، އަހްމަދު ޝާހިލްގެ އިތުރުން ދިޔާނާ އަފީފްއެވެ. 

މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވަނީ އެ އެސޯސިއޭޝަންގެ އަންނަ އަހަރުގެ ބަޖެޓް ހުރިހާ ކްލަބެއްގެ ފުރިހަމަ ތާއިދާއެކު ފާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު