ދިގު އިންތިޒާރެއްގެ ނިމުން، ވެލި ޓްރެކަކުން ސިންތެޓިކް ޓްރެކަކަށް

ކުޅިވަރު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. 

ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ވެލި ޓްރެކަކުން ސިންތެޓިކް ޓްރެކަކަށް މިހާރު އެތަން ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެތުލީޓުންނާއި މުޖުތަމައުގެ މި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެދެއްވި އެހީތެރިކަމަށް މަހްލޫފް ވަނީ ޝުކުރު އަދާކޮށް ތަހުނިޔާ ފޮނުއްވާފައެވެ. 

މަހްލޫފް ވަނީ ޓްރެކްގެ ސަބް ބޭސް މަސައްކަތް ސީއެސްއާރުގެ ދަށުން ކުރެއްވި އާރުކޭއެލް ގްރޫޕަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ޔޫތު މިނިސްޓްރީގެ ލޭބަރުންނާއި ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. 

މި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއެވެ. މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. 

1996 ވަނަ އަހަރު ގާއިމްކުރެވުނު ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ. ސިންތެޓިކް އެޅުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް ކުރެވުނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. ޖުމްލަ 12،543،231.75 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގައި 9،200 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ސިންތެޓިކް ޓްރެކް އަޅާފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު