ކޮވިޑްގެ ކޭސްތައް ޖަޕާންގައި އިތުރުވިނަމަވެސް އޮލިމްޕިކް ގޭމްސް ކުރިޔަށް ގެންދިޔުމަށް ނިންމައިފި

ޖަޕާންގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދިޔަ ނަމަވެސް އޮލިމްޕިކް ގޭމްސް އެގައުމުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ ވިދާޅުވެއްޖެއެވެ. 

މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް އޮލިމްޕިކް ގޭމްސް މިއަހަރަށް ފަސްކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ހަލުވިކަމާއެކު ފެތުރެން ފެށި ކޮވިޑް 19 ގެ ސަބަބުންނެވެ. ދުނިޔޭގެ އެންމެ ބޮޑު މަލްޓި-ސްޕޯޓިން އިވެންޓް އިތުރަށް ލަސްކުރުމަށް ޖަޕާނުން ނިންމާފައިނުވާއިރު އަނެއްކާ ވެސް އެގައުމުން ކޮވިޑް 19 ގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ވެރިރަށް ޓޯކިޔޯއިން 1000 ކޭސްއަށްވުރެ އިތުރަށް ރިޕޯޓްކުރަމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. މިއީ ޓޯކިޔޯއިން މިއަދަދަށް ކޭސްތައް ރިޕޯޓްކުރާ ފުރަތަމަ ފަހަރެވެ.

އެހެން ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ސޫގާ ވަނީ ހޫނު މޫސުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮލިމްޕިކް ގޭމްސް ކުރިޔަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލާއި ޖަޕާންގެ ސަރުކާރުން ވަނީ އޮލިމްޕިކް ގޭމްސް މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މީގެކުރިން ހާމަކޮށްފައެވެ. އަދި އޭގެ އެއް މަސް ދުވަސް ފަހުން އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ޕެރަލިމްޕިކް ގޭމްސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓް ޖަޕާނުން ވެސް ފެނިފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި ކޭސްތަކުގެ އަދަދުތައް އިންތިހާއަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ ޓޯކިޔޯގެ ގަވަރުނަރު ވަނީ އިންޒާރު ދެއްވާފައެވެ. އެގައުމުގެ ގައުމީ ޓީވީއިން ކުރިޔަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން އެގައުމުގެ ގިނަ ރައްޔިތުން ބޭނުންވަނީ އިތުރަށް ގޭމްސް ލަސްކޮށް ނުވަތަ ގޭމްސް އެއްކޮށް ކެންސަލް ކުރުމަށެވެ. 

ކޮވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި ގުޅިގެން ގޭމްސް ބޭއްވުމުގެ ޚަރަދު ވަނީ 2.8 ބިލިއަން ޑޮލަރުން އިތުރުވެފައެވެ. ޖަޕާންގައި ގޭމްސް ކުރިޔަށް ގެންގޮސްފިނަމަ ތާރީހުގައި ބާއްވާ އެންމެ އަގުބޮޑު އޮލިމްޕިކް ގޭމްސްއަށް ވުމުގެ ފުރުސަތު ބޮޑެވެ. 


ކިޔުންތެރިންގެ ހިޔާލު