ޕީއެސްޖީގެ ކޯޗުގެ މަގާމަށް ޕޮޗެޓީނޯ އައްޔަނުކޮށްފި
ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކޯޗުގެ މަގާމަށް ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އައްޔަނުކޮށްފިއެވެ.
އޭނާ މި މަގާމަށް އައްޔަނުކޮށްފައިވަނީ މީގެ ކުރިން އެމަގާމުގައި ހުރި ތޯމަސް ޓުޗެލް ވަކިކުރުމަށްފަހުއެވެ. އުމުރުން 48 އަހަރުގެ ޕޮޗެޓީނޯ ވަނީ އެކްލަބާއެކު 2022 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޭނާ އެހެން އެއްވެސް ކްލަބަކަށް އިރުޝާދު ދީފައިނުވާއިރު 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމަޔަށް އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ޕީއެސްޖީއަށް ކުޅެފައެވެ.
ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުގެ މަގާމާއި ހަވާލުވިއިރު އެޓީމު އޮތީ ފްރާންސް ލީގުގެ ތިންވަނާގައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ބާސެލޯނާއާ އެ ކްލަބް ވާދަކުރަން ޖެހެއެވެ.
ޕީއެސްޖީގެ ކޯޗުގެ މަގާމާގައި ޕޮޗެޓީނޯ ހަވާލުވިއިރު އޭނާގެ އިރުޝާދުގެ ދަށުން އެޓީމުގެ ފުރަތަމަ ފަރިތަކުރުންތައް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާގެ އިރުޝާދުގެ ދަށުން ޓޮޓެންހަމްއަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު ޑެލޭ އަލީ ހޯދުމަށް ޖެނުއަރީ ޓްރާންސްފަރ މާކެޓުގައި ޕީއެސްޖީއިން މަސައްކަތްކުރާނެއެވެ.