ޤައުމީ އެތުލެޓިކްސް ޓީމުތަކާއެކު ސްޕޯޓްސް މިނިސްޓަރ އެކުވެނި ސިންތެޓިކް ޓްރެކަށް

ސީނިއަރ ގައުމީ އެތުލެޓިކްސް ޓީމް އަދި ޖޫނިއަރ ގައުމީ އެތުލެޓިކްސް ޓީމާއެކު މާލޭގައި ތަރައްގީކޮށްފައިވާ އެކުވެނި ސިންތެޓިކް ޓްރެކްގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ފަރިތަކުރައްވައިފިއެވެ. 

މި ފަރިތަކުރުންތަކުގައި މަހްލޫފް ބައިވެރިވެވަޑައިގަތީ މިއަދު ހެނދުނުއެވެ. އެއަށްފަހު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވަނީ ހުރިހާ އެންމެން ވެސް ބޫޓުތަކުގެ ނާޑުވާ ބާރުކޮށްގެން ތިއްބެވުމަށް ދަންނަވާފައެވެ. އަދި ވަރަށް އަވަހަށް ޓްރެކްގެ މަސައްކަތްތައް އެއްކޮށް ނިންމައި ޓްރެކް ހުޅުވިގެންދާނެ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ. 



އެކުވެނި ޓްރެކްގައި ސިންތެޓިކް އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމިފައިވާއިރު މިހާރު ވަމުން އަންނަނީ އެތަން ހުޅުވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ވަރަށް އަވަހަށް ޓްރެކް ހުޅުވާލާއިރު އުސޫލުތަކެއް އާއްމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެއީ މިއީ އެތުލެޓިކްސް އެެސޯސިއޭޝަނާއި ކްރިކެޓް ބޯޑުން ވެސް ފަރިތަކުރުންތައް ކުރިޔަށްގެންދާ ބިން ކަމަށް ވެފައި އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށް ވުމުންނެވެ. އެހެން ނަމަވެސް ކުރިޔެކޭ ވެސް އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި އާއްމުންނަށް އެތަން ބޭނުންކުރެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓްރީއިން މައުލޫމާތުދެއެވެ. 

މި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއެވެ. މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

1996 ވަނަ އަހަރު ގާއިމްކުރެވުނު ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ. ސިންތެޓިކް އެޅުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް ކުރެވުނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. ޖުމްލަ 12،543،231.75 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގައި 9،200 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ސިންތެޓިކް ޓްރެކް އަޅާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު