ޖެނުއަރީގައި އޮޒިލް އާސެނަލް ދޫކޮށްލަނީ

މި ހިނގަމުންދާ ޓްރާންސްފަރ މާކެޓުގައި ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް އާސެނަލް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އޭނާގެ އޭޖެންޓް ދީފިއެވެ. 

މިދިޔަ މާޗް މަހުގެ ފަހުން އޮޒިލް އާސެނަލްއަށް މެޗެއް ކުޅެފައިނުވާއިރު ޕްރިމިއަރ ލީގުގެ ސީޒަނުގެ ފުރަތަމަ ބައިގައި އާސެނަލްއިން ނެގި 25 ކުޅުންތެރިންގެ ސްކޮޑްގައި ވެސް އޭނާ ހިމަނާފައެއް ނުވެއެވެ. އޮޒިލް ތުރުކީގެ ފެނަބާޗޭއަށް ބަދަލުވާން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ވަނީ ބުނެފައެވެ. ހަމައެހެންމެ އެމެރިކާގެ މޭޖަރ ލީގު ސޮކަރގައި ވާދަކުރާ ޑީސީ ޔުނައިޓެޑުން ވެސް އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އީއެސްޕީއެންއާ ވާހަކަ ދައްކަމުން އޮޒިލްގެ އޭޖެންޓް ބުނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް އެއްވެސް ކްލަބަކާއި ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާގެ ކޮންޓްރެކްޓުން ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އައިސްފައިވާ ހުށަހެޅުންތައް ބަލަމުން އަންނަ ކަމަށާއި ހުށަހެޅުންތަކުގެ ތަފްސީލްތައް މިހާރު ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ހުށަހެޅުންތައް ލިބިފައިވަނީ ކޮން ކްލަބްތަކަކުން ކަން ހާމަކުރެވެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. 

ސީޒަން ނިމިގެންދާއިރު އޮޒިލް އާސެނަލްގައި މަޑުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ޖެނުއަރީ ޓްރާންސްފަރ އަދި ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓަށް ވެސް ތައްޔާރުވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

އާސެނަލް ދޫކޮށްލަން އޮޒިލް ބޭނުންނުވާއިރު އޭނާއަށް ކޮންޓްރެކްޓްގެ ދަށުން މަހަކު 350،000 ޕައުންޑް ލިބެއެވެ. އޭނާ ވިއްކާލުމަށް އާސެނަލްއިން މަސައްކަތްކުރި ނަމަވެސް އެދެވޭ އަގެއް ކްލަބަކުން ހުށަނާޅާތީ އޭނާ ވިއްކާލެވޭ ގޮތް އެ ކްލަބަށް ވެފައެއް ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު