ކުޅުންތެރިން ގަތުމުގެ ހުއްދަ ޗެލްސީއަށް ނުދޭން ފީފާއިން ނިންމައިފި

ޢަލީ ޔާމީން

ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓުގައި ވެސް ކުޅުންތެރިން ގަތުމުގެ ފުރުސަތު ޗެލްސީއަށް ނުދޭން ފީފާއިން އަނެއްކާ ވެސް ނިންމައިފިއެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ ޖަމިއްޔާ، ފީފާއިން މި ގޮތަށް ނިންމީ 18 އަހަރުން ދަށުގެ ކުޅުންތެރިން ލައްވައި ގަވައިދާ ހިލާފަށް ސޮއިކުރުވި ކަމަށް ބުނެ ޗެލްސީއަށް ކުޅުންތެރިން ގަތުން މަނާކުރުމަށް ފީފާ އިން ނިންމުމުން، އެ މައްސަލަ ޗެލްސީގެ ފަރާތުން ފީފާގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމުންނެވެ.

ޗެލްސީއިން ވަނީ އެ ކުލަބަށް ކުޅުންތެރިން ގަތުން، ފީފާއިން މަނާކުރުމުން އެ މައްސަަލަ، ކުޅިވަރުގެ މައްސަލަތައް ނިންމާ އެންމެ މަތީ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅުމަށްވެސް ނިންމާފައެވެ.

ފީފާއިން ދިން އަދަބާއެކު ޗެލްސީއަށް މިއަހަރުގެ ޖުލައި އެއް ވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ މާކެޓާއި އަދި އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ މާކެޓުގައި އެއްވެސް ކުޅުންތެރިއަކު ނުގެނެވޭނެއެވެ.

މި އަދަބުގެ އިތުރުން ފީފާ އިން ވަނީ 460،000 ޕައުންޑުން ޗެލްސީ ޖޫރިމަނާ ވެސް ކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު