ރޮނާލްޑޯގެ ހެޓްރިކުން ޕޯޗުގަލް ފައިނަލަށް

މުޙައްމަދު ޤާސިމް
ސްވިޓްޒަލޭންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ދުވަސްތަކަކަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ހިތްގައިމު ހެޓްރިކާއެކު ސްވިޓްޒަލޭންޑް އަތުން 3-1 އިން މޮޅުވެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފިއެވެ.

ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރަގާއޯ ގައި ރޭ ކުޅުނު މި މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ޕޯޗުގަލް އަށް ލީޑް ނަގައިދިނީ ކެޕްޓަން ރޮނާލްޑޯ އެވެ. މިއީ އެންމެފަހުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ސްޕެއިންއާ ދެކޮޅަށް ކުޅެ 3-3 އިން ޕޯޗުގަލް އެއްވަރުވީ މެޗުގައި ކާމިޔާބުކުރި ގޯލަށްފަހު ރޮނާލްޑޯގެ ފަރާތުން ހިލޭޖެހުމަކުން ގޯލެއް ފެނުނު ފުރަތަމަ ފަހަރެވެ.

މި ހާފުގައި ގޯލެއް ޖެހުމަށް ސްވިޓްޒަލޭންޑްގެ ޒެރްދާން ޝަކީރީ އާއި ހާރިސް ސެފަރޮވިޗް އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. އެގޮތުން، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ ސެފަރޮވިޗް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. މި ހާފު ނިމުނީ 1-0 އިން ޕޯޗުގަލް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ސްވިޓްޒަލޭންޑުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑުޖަހައިދިނީ އޭސީ މިލާނަށް ކުޅެމުން އަންނަ ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް އެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހި 25 ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރި 22 ވަނަ ޕެނަލްޓީއެވެ.

މި ޕެނަލްޓީއަކީ ވީއޭއާރްގެ އެހީތެރިކަމާއެކު ސްވިޓްޒަލޭންޑަށް ލިބުނު ޕެނަލްޓީއެކެވެ. މިގޮތުން ޕޯޗުގަލް އޭރިއާ ތެރެއިން ސްވިޓްޒަލޭންޑްގެ ސްޓީވެން ޒޫބާ އަށް ނެލްސަން ސެމޭޑޯ ކުރި ފައުލެއް ޕްލޭ އޮންއަށް ދޫކޮށްލުމަށްފަހު ވީއޭއާރް ރެފްރީން އެ ފައުލް ބަލަމުންދަނިކޮށް ސްވިޓްޒަލޭންޑް ކުޅުންތެރިން އެޓީމުގެ އޭރިއާ ތެރޭގައި ޕޯޗުގަލްގެ ބެނާޑޯ ސިލްވާ އަށް ވަނީ ފައުލްކޮށްފައެވެ. 

އަދި މިފައުލް އާއި ގުޅިގެން ރެފްރީ ވަނީ ޕޯޗުގަލްއަށް ޕެނަލްޓީއެއް ދީފައެވެ. އެހެންނަމަވެސް، ކުޅުން ހުއްޓުމާއެކު ވީއޭއާރް އިން ފުރަތަމަ ޗެކްކުރީ ޕޯޗުގަލް އޭރިއާ ތެރޭގައި ކުރި ފައުލްއެވެ. އަދި ވީއޭއާރް އިން ބެލުމަށްފަހު ސެމޭޑޯ ކުރި ފައުލަށް، ރެފްރީ، ސްވިޓްޒަލޭންޑަށް ޕެނަލްޓީ ދިނީ ޕޯޗުގަލް އަށް ކުރީން ދެއްކި ޕެނަލްޓީ ކެންސަލް ކުރުމަށްފަހުގައެވެ. 

އޭގެފަހުން، ސްވިޓްޒަލޭންޑްގެ ސެފަރޮވިޗް އަށް ވަނީ އެ ޓީމު މޮޅުކޮށްދިނުމަށް އިތުރު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެ، އިތުރުވަގުތުގެ ދެ ހާފުގެ ކުޅުމަށް ދަނިކޮށް، މެޗުގެ 88 ވަނަ މިނެޓުގައި ޕޯޗުގަލްއަށް މި މެޗުގައި ދެވަނަ ފަހަރަށް ލީޑްނަގައިދިނީ ވެސް ރޮނާލްޑޯ އެވެ. މިއީ އެ ޓީމުގެ ބެނާޑޯ ސިލްވާ ނަގައިދިން ހުރަހަކުން ރޮނާލްޑޯ ކާމިޔާބުކުރި ރީތި ލަނޑެކެވެ.


އަދި އޭގެ ދެ މިނެޓް ފަހުން، މެޗުގެ އެންމެފަހު މިނެޓުގައި ރޮނާލްޑޯ ވަނީ
ކައުންޓަރ އެޓޭކްގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފާ ކާމިޔާބުކުރި ރީތި ސޯލޯ
ގޯލާއެކު، ޕޯޗުގަލް އަށް ފައިނަލްގެ ޖާގައެއް ޔަގީންކޮށްދީ އޭނާގެ ހެޓްރިކްވެސް
ފުރިހަމަކޮށްފައެވެ.

މެޗަށްފަހު ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ރޮނާލްޑޯ އަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. އެގޮތުން، އޭނާ ވަނި ރޮނާލްޑޯ އަކީ ފުޓްބޯޅައިގެ ޖީނިއަސްއެއް ކަމަށް ސިފަކޮށްފައެވެ.

"ރޮނާލްޑޯ ސިފަކުރުމަށް ބޭނުންކުރާނެ ބަހެއް އަދި ޖުމްލައެއްވެސް ނެތް. ބުނެލާނީ، އެއީ ފުޓްބޯޅައިގެ ޖީނިއަސްއެކޭ." ސަންޓޯސް ބުންޏެވެ.

މި މުބާރާތުގެ ފައިނަލްގައި ޕޯޗުގަލްއާ ނިކުންނާނީ މިރޭ ނެދަލޭންޑްސްއާ އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން 23:45 ގައެވެ.

ކިޔުންތެރިންގެ ހިޔާލު