އިންގްލެންޑް ބަލިކޮށް ނެދަލޭންޑްސް ފައިނަލަށް

މުޙައްމަދު ޤާސިމް
އިންގްލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލޭންޑްސްގެ ކުއިންސީ ޕްރޯމެސް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގެ އިތުރުވަގުތުގެ ދެ ހާފުގައި ކާމިޔާބުކުރި ގޯލްތަކުން އިންގްލެންޑް ބަލިކޮށް ނެދަލެންޑްސް މި މުބާރާތުގެ ފައިނަލުން ފުރުޞަތު ހޯދައިފިއެވެ. މި މެޗުން ނެދަލޭންޑްސް މޮޅުވީ 3-1 އިންނެވެ.

މިއީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ފީފާ ވޯލްޑްކަޕަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލުން ނެދަލޭންޑްސް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އެފަހަރު ފައިނަލްގައި ސްޕެއިން އަތުން އެ ޓީމު ބަލިވީ އިތުރުވަގުތުގައި އަންދްރެއަސް އިނިއެސްޓާ ކާމިޔާބުކުރި ގޯލާއެކު 1-0 އިންނެވެ.

ޔުއެފާ އިން މިދިޔަ އަހަރު މުޅިން އަލަށް ފެށި މި މުބާރާތުގެ ފައިނަލްގައި ނެދަލޭންޑްސް ނިކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެވެ.

ބްރާގާގެ އެސްޓާޑިއޯ ޑ. އަފޮންސޯ އެންރީކޭސް ގައި ރޭ ކުޅުނު މި މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުރީން ލީޑްނެގީ އިންގްލެންޑުންނެވެ. މިއީ އެ ޓީމުގެ މާކަސް ރަޝްފޯޑަށް ނެދަލޭންޑްސްގެ ޒުވާން ޑިފެންޑަރު މަތައިސް ޑި ލިޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯލަށް ވައްދާލީ ވެސް ރަޝްފޯޑެވެ.

މި ހާފުގައި ނެދަލޭންޑްސްގެ ރަޔާން ބަބެލް އާއި ވާޖިލް ވެން ޑައިކްގެ އިތުރުން މެމްފިސް ޑިޕާއީ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ބަބެލް އާއި ޑިޕާއީ ފޮނުވާލި ހަމަލާތައް އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއިރު ޕެނަލްޓީއޭރިޔާބޭރުން ވެން ޑައިކް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ނެދަލޭންޑްސްގެ ޑި ލިޓް ބޮލުން ފޮނުވާލި ބޯޅަ ވެސް ގޯލަށް ނުވަނީ ހަމަކިރިޔާއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައިއޮވެގެންނެވެ.

އިންގްލެންޑުން ދެވަނަ ހާފަށް ނިކުތީ ބަދަލަކާއެކުގައެވެ. އެގޮތުން، ރަޝްފޯޑަށް އަނިޔާވުމުން ބަދަލުގައި ހެރީ ކޭން ވަނީ ކުޅެން ނެރެފައެވެ. މިހާފުގެ ކުރީކޮޅު އިންގްލެންޑްގެ ލީޑް ފުޅާކުރުމަށް ޖޭޑަން ސަންޗޯ އަށް ލިބުނު ފުރުޞަތު ބޭކާރުވިއިރު، ފުލުފުލުގައި ނެދަލޭންޑްސްގެ ޑީޕާއީ އާއި މާޓެން ޑެ ރޫން ފޮނުވާލި ހަމަލާތައް އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރިއެވެ.

ނެދަލޭންޑްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ، މެޗުގެ 73 ވަނަ މިނެޓުގައި ޑިޕާއީ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ޑި ލިޓް އެވެ.

މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިންގްލެންޑްގެ ޖެސޭ ލިންގާޑް ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު މެޗުގެ ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.


މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ނެދަލޭންޑްސް އިން ފުރަތަމަ ފަހަރަށް ލީޑް ނެގީ އިންގްލެންޑްގެ ކައިލް ވޯކާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ ޓީމުގެ ޑިފެންޑަރު ޖޯން ސްޓޯންސް އަަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޑިޕާއީ ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑްގެ އަތުގައި ޖެހިފައި ނިކުތް ވަގުތު ނެދަލޭންޑްސްގެ ކުއިންސީ ޕްރޯމެސް ފޮނުވާލުމުން އެ ބޯޅަ ގޯލްގެ ތެރެއަށް ވަނީ އިންގްލެންޑްގެ ފުލްބެކް ވޯކާގެ ފައިގައި ޖެހިފައެވެ.

މެޗުގެ އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ހަމަވާން ހަ މިނެޓަށްވެފައިވަނިކޮށް، ނެދަލޭންޑްސްގެ ޕްރޯމެސް ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ވަނީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ. ނެދަލޭންޑްސްގެ މި ގޯލަކީވެސް އިންގްލެންޑްގެ ކުޅުންތެރިންނަށް ހެދުނު ގޯހަކުން ކާމިޔާބުކުރި ގޯލެކެވެ. އެ ޓީމުގެ މިޑްފީލްޑަރު ރޮސް ބާކްލޭ ފަހަތަށް ޖައްސާލި ބޯޅަ އޭރިޔާތެރޭގައި ހުރި ޑިޕާއީ އަށް ލިބުމުން އެ ބޯޅަ ހުހަށްހުރި ޕްރޯމެސް އަށް ހުރަސްކޮށްލުމުން ވަނީ ވަރަށް ހަމަޖެހިލާފައި ހުސްކޮށް އޮތް ގޯލްގެތެރެއަށް ފޮނުވާލައިފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މި މަހުގެ 9 ވަނަ ދުވަހުގައެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން 23:45 ގައެވެ. ހަމައެދުވަހު ކުޅެވޭ ތިންވަނަ ހޮވާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 18:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު