ފްރެންޗް އޯޕަން ފައިނަލްގައި އަނެއްކާވެސް ނަޑާލްއާ ތިއެމް ބައްދަލުކުރަނީ

މުޙައްމަދު ޤާސިމް
މިދިޔަ އަހަރުގެ ފައިނަލްގެ ތެރެއިން. --ފޮޓޯ: ރޮލާންޑް ގަރޮސް
ފްރެންޗް އޯޕަން ފައިނަލްގައި ވިދިވިދިގެން ދެވަނަ އަހަރުގައި ރަފައެލް ނަޑާލްއާ ޑޮމިނިކް ތިއެމް ބައްދަލުކުރާން ޖެހިއްޖެއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން 11 ފަހަރު ހޯދާފައިވާ ނަޑާލް ފައިނަލަށް ދަތުރުކުރީ ހުކުރު ދުވަހު ކުޅެވެނު ފޯރިގަދަ ސެމީ ފައިނަލްގައި ކުރީގެ އެއްވަނަ ކުޅުންތެރިޔާ ރޮޖާ ފެޑެރާ ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުގައެވެ. އެ މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-3، 6-4 އަދި 6-2 އިންނެވެ.

މިވަގުތު ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައި ރޭންކް ކުރެވިފައިވާ ނަޑާލް ވިދިވިދިގެން އަހަރުގެ ދެވަނަ ފައިނަލަށް ދަތުރުކުރިއިރު އެއްވަނައިގައި އުޅޭ ސާބިއާގެ ނޮވަކް ޖޮކޮވިޗަށް ވަނީ އަނެއްކާވެސް ނާކާމިޔާބާ ކުރިމަތިލާންޖެހިފައެވެ. މިދިޔަ މެއި މަހު ނިމުނު އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ނަޑާލް އަތުން ޖޮކޮވިޗް ބަލިވިއިރު ފްރެންޗް އޯޕަންގެ ސެމީން ކަޓައިގެންދިޔައީ ވާރޭގެ ސަބަބުން ލަސްކުރެވިގެންދިޔަ މެޗުގައި މިއަދު ތިއެމް އަތުން ބަލިވުމުންނެވެ.

ތިއެމް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ޖޮކޮވިޗްއާ ދެކޮޅަށް ފަސް ސެޓް ކުޅެގެން 6-2، 3-6، 7-5، 5-7 އަދި 7-5 އިން ކުރި ހޯދައިގެންނެވެ. މި މެޗުން ބަލިވުމާއެކު ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ޖޮކޮވިޗް ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ 26 މެޗުން ވަނީ ނިމުމަކަށް އައިސްފައެވެ.

12 ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރުމަށް އަޒުމްކަނޑައަޅައިގެން ހުރި ނަޑާލްއާ ދެކޮޅަށް ތިއެމް ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު ރާއްޖޭގަޑިން 20:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު