އިންގްލެންޑް ދޫކޮށްލުމަށްފަހު ކްލަބަކަށް ކޯޗުކޮށްދިނުމުގެ ވިސްނުމެއް އަދި ނެތް: ސައުތުގޭޓް

މުޙައްމަދު ޤާސިމް

އިންގްލެންޑް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއްނެތްކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފިއެވެ.

ސައުތުގޭޓްގެ އިތުރުން އިންގްލެންޑްގެ އެސިސްޓެންޓް ކޯޗު ސްޓީވް ހޮލަންޑްވެސް އެ ޓީމު ދޫކޮށް ޗެލްސީއަށް ބަދަލުވެދާނެކަމުގެ ވާހަކަތައް މީޑިއާގައި ދެކެވުމުންދާ މި ދަނޑިވަޅުގައި ގައުމީ ޓީމު ދޫކޮށްނުލާނެކަމަށް ސައުތުގޭޓް ވަނީ ބުނެފައެވެ.

"އަހަރެންގެ ވިސްނުމުގައި އޮތީ އަންނަ އަހަރުގައި އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕް. އޭރަށް ޓީމުގެ ހާލަތު މިހާރަށްވުރެ ރަނގަޅު ވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ. އެ މުބާރާތަށް ދާން ބޭނުންވަނީ އެންމެ ވަރުގަދަ ޓީމު ގޮވައިގެން." އޭނާ ބުންޏެވެ.

"ޕޯޗުގަލް އަށް އަހަރެމެން ވިހި ހާހަށް ވުރެ ސަޕޯޓަރުން ގެނައީމު. މި ކަމުން ދޭހަކޮށްދެނީ ގައުމީ ޓީމާއި ސަޕޯޓަރުންގެ ދެމެދު އޮތް ގުޅުން."

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ އެންމެފަހުގެ ވޯލްޑްކަޕްގެ ހަތަރުވަނަ މަގާމް ހޯދައިފައެވެ. މީގެއިތުރުން، ފަހަކަށް އައިސް އިންގްލެންޑްގެ ކުޅުމުގެ ސްޓައިލް ބަދަލުވެ އެހެން ޓީމުތަކުން ޖެހިލުންވާވަރުގެ ޓީމަކަށް ވަނީ ހަދާފައެވެ.

ގައުމީ ފުޓްބޯޅައިގެ ތެރެއިން ނިކުތުމުގެ ވިސްނުމެއް ނެތްކަމަށާއި މިހާރު ލިބިފައިވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަކީ އޭނާ އެންމެ ބޭނުންގޮތްކަމަށް ބުންޏެވެ. އެހެންނަމަވެސް، ޔޫރޯ އަށް ފަހު ވާނެގޮތެއް ބުނަން ނޭނގޭކަމަށް ބުންޏެވެ.

"ޔޫރޯގައި ޓީމުގެ ފަރާތުން ފެނިގެންދާ ކުޅުމަށްފަހު އިތުރަށް މަޑުކުރާނެކަން ޔަގީންވާނީ. އެ ނިންމުމަކީ އަހަރެންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން. މީގެކުރީން ވެސް އަހަރެމެން ދެ މުބާރާތެއްގެ ސެމީގައި ކުޅެފީމު. އެ ޓާގެޓަށް ވާސިލްނުވެވިއްޖެނަމަ ނުވަތަ އެއަށްވުރެ ދުރަށް ދެވުނު ނަމަވެސް، ފަހުން ވާނެ ގޮތެއް ބުނަން ނޭނގޭ." ސައުތުގޭޓް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު