ނޭޝަންސް ލީގުގެ ތިންވަނަ އިންގްލެންޑަށް

މުޙައްމަދު ޤާސިމް

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅުނު މެޗުގައި ޕެނަލްޓީޖަހައިގެން 6-5 ގެ ނަތީޖާއަކުން ސްވިޓްޒަލޭންޑް އަތުން އިންގްލެންޑް މޮޅުވެ މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ. މި މެޗުން އިންގްލެންޑް މޮޅުވިއިރު އެ ޓީމުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް ސްވިޓްޒަލޭންޑްގެ ކުޅުންތެރިއަކު ފޮނުވާލި ޕެނަލްޓީއެއްވެސް މަތަކޮށްފައެވެ.

ގުއިމަރޭސްގެ އެސްޓާޑިއޯ ޑ. އަފޮންސޯ އެންރީކޭސްގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ އިންގްލެންޑުންނެވެ. އެގޮތުން، އެ ޓީމުގެ ހެރީ ކޭން އާއި ރަހީމް ސްޓާލިން ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު ސްވިޓްޒަލޭންޑްގެ ރޭމޯ ފްރޮއިލާ އާއި ގްރޭނިޓް ޒާކާ ފޮނުވާލި ހަމަލާތައް އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރިއެވެ. 

މި މެޗުގެ ދެވަނަ ހާފުގެ ފަހުވަގުތުކޮޅުގައި، އިންގްލެންޑްގެ ކެލުމް ވިލްސަން ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ގޯލް ޖެހުމުގެ ކުރީން އިންގްލެންޑުން ފައުލްކުރުމުން ގޯލެއް ނޫންކަމަށް ނިންމާފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން، ކުޅެވުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް އިންގްލެންޑުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ޓީމުގެ ސްޓާލިން އާއި ޑެލޭ އަލީ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސްވިޓްޒަލޭންޑްގެ ކީޕަރު ޔަން ސޮމާ އެވެ.

މެޗުގައި އިތުރުވަގުތުގެ ދެ ހާފު ކުޅެގެންވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑްގެ ހެރީ މެގުއަޔާ، ރޮސް ބާކްލޭ، ޖޭޑަން ސަންޗޯ އާއި ސްޓާލިން އަދި ކީޕަރު ޕިކްފޯޑްގެ އިތުރުން އެރިކް ޑަޔާ ޕެނަލްޓީތައް ކާމިޔާބުކުރިއިރު ސްވިޓްޒަލޭންޑުން ފުރަތަމަ ޖެހި ފަސް ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް އެ ޓީމުގެ ހަވަނަ ޕެނަލްޓީ ޖޮސިޕް ޑާމިޗް ފޮނުވާލުމުން އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރިއެވެ. 

ސްވިޓްޒަލޭންޑްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ސްޓީވެން ޒޫބާ އާއި ޒާކާ އަދި މެނުއެލް އަކާންޖީގެ އިތުރުން ކެވިން އެމްބާބޫ އަދި ފަބިއެން ޝާރ އެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ދެއްކި މޮޅުކުޅުމާއެކު ޕިކްފޯޑް ވަނީ އިންގްލެންޑްގެ ތާރީޚުގައި ވާދަވެރި މެޗެއްގައި ޕެނަލްޓީ ކާމިޔާބުކުރި ފުރަތަމަ ގޯލްކީޕަރުގެ މަގާމު ހޯދައިފައެވެ.

މިއީ 1968 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އިންގްލެންޑުން ތިންވަނަ ހޯދި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ފައިނަލްގައި މިރޭ ރާއްޖޭގަޑިން 23:45 ގައި ބައްދަލުކުރާނީ ޕޯޗުގަލްއާ ނެދަލޭންޑްސް އެވެ.

ކިޔުންތެރިންގެ ހިޔާލު