އިންޑިއާ އިން އޮސްޓްރޭލިއާ ބަލިކޮށްފި

މުޙައްމަދު ޤާސިމް

މިހާރު އިންގްލެންޑް އަދި ވޭލްސްގައި ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ އޮސްޓްރޭލިއާ އަތުން މޮޅުވެ އިންޑިއާ އިން އެންމެފަހުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ބަލިވުމުގެ ހަނދާންތައް ފިލުވާލައިފިއެވެ. އިންޑިއާ އިން އިއްޔެގެ މެޗު ކާމިޔާބުކުރީ 36 ލަނޑުންނެވެ.

ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު މި މެޗުގައި އިންޑިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. ކްރިކެޓްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ އޮސްޓްރޭލިއާ ވަނީ އެންމެފަހުން ބޭއްވުނު ފަސް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީވެސް އޮސްޓްރޭލިއާ އެވެ. އިންޑިއާ އިން މި މުބާރާތުގެ ޗެމްޕިއަންކަން އެންމެފަހުން ހޯދީ 2011 ވަނަ އަހަރުގައެވެ.

މި މޮޅާ އެކު އިންޑިއާ ވަނީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ތިންވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތީ ތިން މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު ނިއު ޒީލެންޑެވެ. ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަތަރު ޕޮއިންޓާ އެކު، ނެޓް ރަން ރޭޓުގެ ތަފާތުން އިންގްލެންޑެވެ. ހަތަރުވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ.

ލަންޑަންގެ ލޯޑްސްގައި އިއްޔެ ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ބެޓް ކުރުމަށެވެ. އެގޮތުން، އެ ޓީމުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 352 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު 117 ލަނޑުހެދި ޝިކަރް ދަވަން އެވެ. 77 ބޯޅައިން 82 ލަނޑުހެދި ކެޕްޓަން ވިރާތު ކޯލީ އާއި 57 ލަނޑުހެދި ރޯހިތު ޝަރްމާގެ ކުޅުން ފާހަގަކޮށްލެވެއެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ މާކަސް ސްޓޮއިނިސް ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެެގެން ހެދުނީ 316 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 35 ބޯޅައިން 55 ލަނޑު ހެދި އަލެކްސް ކެރީ އާއި 69 ލަނޑުހެދި ސްޓީވެން ސްމިތެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކި ޖަސްޕްރީތު ބުމްރާ އާއި ބުވަނޭޝްވަރު ކުމާރު ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއިރު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުޒްވެންދަރް ޗަހާލް ދެ ވިކެޓްނެގިއެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ފުލުން ދެވަނައިގައި އުޅޭ ދެކުނު އެފްރިކާއާ ދެކޮޅަށް ވެސްޓް އިންޑީޒް ނިކުންނައިރު، އިންޑިއާ އަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހު ނިއު ޒީލެންޑްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސްކުރީން، އޮސްޓްރޭލިއާ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ކްރިކެޓް ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަންގެ ލޯޑްސްގައި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު