ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން މިފަހަރުވެސް ނަޑާލަށް

މުޙައްމަދު ޤާސިމް

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި 12 ވަނަ ފަހަރަށް އުފުލާލައި ގްރޭންޑް ސްލޭމް އެއްމުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު ސްޕެއިނުގެ ރަފައެލް ނަޑާލް ހޯދައިފިއެވެ.

މީގެކުރީން، ގްރޭންޑް ސްލޭމް އެއް މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ހޯދާފައިވަނީ އޮސްޓްރޭލިއަން އޯޕަން 11 ފަހަރު ކާމިޔާބުކުރި މާގްރެޓް ކޯޓް އާއި ނުވަ ފަހަރު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާޓިނާ ނަވްރަޓިލޯވާ އެވެ.

މި ފަހަރުގެ ތަށްޓާއެކު ނަޑާލް ވަނީ 18 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ. މިހާތަނަށް ގްރޭންޑް ސްލޭމް އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށްފައިވަނީ ސެމީ ފައިނަލްގައި ނަޑާލް އަތުން ބަލިވި ކުރީގެ އެއްވަނަ ކުޅުންތެރިޔާ ރޮޖާ ފެޑެރާ އެވެ. އޭނާ ވަނީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން 20 ފަހަރު ހޯދައިފައެވެ.

އުމުރުން 33 އަހަރުގެ ނަޑާލް މިފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލުގައި އޮސްޓްރިއާގެ ޑޮމިނިކް ތިއެމްއާ ދެކޮޅަށް ތިން ގަޑިއިރާއި ހަތަރު މިނެޓަށް ދިގުދެމިގެންދިޔަ މެޗުގައި ހަތަރު ސެޓް ކުޅެގެން 6-3، 5-7، 6-1 އަދި 6-1 އިން ކުރިހޯދައިގެންނެވެ. މިއީ މި މުބާރާތުގެ ފައިނަލްގައި މި ދެ ކުޅުންތެރިން ވިދިވިދިގެން ވާދަކުރި ދެވަނަ ފަހަރެވެ. މީގެކުރީން، މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލްގައިވެސް ނަޑާލް އަތުން ބަލިވި ތިއެމް ވަނީ ގްރޭންޑް ސްލޭމް މުބާރާތުގެ ފައިނަލްގައި ވާދަކުރި ދެ ފަހަރުވެސް ނާކާމިޔާބާއި ކުރިމަތިލާންޖެހިފައެވެ.

ދުނިޔޭގެ ހަތަރުވަނަ އަށް ރޭންކް ކުރެވިފައިވާ ތިއެމް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗްއާ ދެކޮޅަށް ފަސް ސެޓް ކުޅެގެން 6-2، 3-6، 7-5، 5-7 އަދި 7-5 އިން ކުރި ހޯދައިގެންނެވެ. މި މެޗުން ބަލިވުމާއެކު ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ޖޮކޮވިޗް ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ 26 މެޗުން ވަނީ ތިއެމް ނިމުމަކަށް ގެނެސްފައެވެ.

މި މުބާރާތުގެ ތަށްޓާއެކު، ނަޑާލް މިވަނީ އަނިޔާގެ ސަބަބުން މިއަހަރުގެ ބައެއް މުބާރާތްތަކުގައި ނުކުޅެވުނު ނަމަވެސް ވިދިވިދިގެން ދެވަނަ މުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ މަހު ނިމިދިޔަ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ނަޑާލް ހޯދީ ފައިނަލްގައި ޖޮކޮވިޗް ބަލިކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު