ސްވިޑެން ބަލިކޮށް ސްޕެއިން ހަމަޖެހިލައިފި

މުޙައްމަދު ޤާސިމް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ސްވިޑެން އަތުން 3-0 އިން މޮޅުވެ ސްޕެއިން، ގްރޫޕް އެފްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ރޭގެ ނަތީޖާއާއެކު، ސްޕެއިނުން ވަނީ ސަތޭކަ ޕަސެންޓްގެ ރެކޯޑާއެކު ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށްފައެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރި ސްވިޑެން ވަނީ ރޭގެ މެޗުން ބަލިވުމާއެކު ފަސް ޕޮއިންޓް ފަހަތުގައެވެ.

މެޑްރިޑްގެ ސަންޓިއާގޯ ބާނެބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެންގޮސްފައިނުވީނަމަވެސް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއް ސްޕެއިނަށް ވަނީ ލިބި ބޭކާރުވެފައެވެ. އެގޮތުން، އެ ޓީމުގެ ފަބިއަން ރުއިޒް އާއި ޑެނިއަލް ޕަރޭހޯ އަދި ކެޕްޓަން ސާޖިއޯ ރާމޯސްގެ އިތުރުން އިސްކޯ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޯލްސެން މަތަކުރިއެވެ. 

މީގެއިތުރުން، މި ހާފުގައި ސްޕެއިނުގެ ރޮޑްރީގޯ ގޯލެއް ކާމިޔާބުކުރިނަމަވެސް، ރެފްރީ ވަނީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. ކޮލިފައިންގައި ވީއޭއާރް ޓެކްނޮލޮޖީ ބޭނުންނުކުރާތީވެ، މި ނިންމުން އަލުން ބަދަލުކުރުމުގެ ފުރުޞަތެއްނުލިބެއެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، 64 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ރާމޯސް އެވެ. މިއީ ސްވިޑެންގެ އޭރިޔާތެރޭގައި ސެބާސްޓިއަން ލާސަން ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، މެޗުގެ 85 ވަނަ މިނެޓުގައި ސްޕެއިންގެ ދެވަނަ ލަނޑުޖަހައިދިނީވެސް ޕެނަލްޓީއަކުންނެވެ. މިއީ އެ ޓީމުގެ އަލްވާރޯ މޮރާޓާ އަށް ސްވިޑެންގެ ފިލިޕް ހެލަންޑާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ މޮރާޓާ އެވެ.

ސްޕެއިންގެ ތިންވަނަ ލަނޑު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ރުއިޒް ތަނަވަސްކުރި ފުރުޞަތަކުން މިލަނޑުޖަހައިދިނީ މިކޭލް އޮޔަޒަބާލް އެވެ.

މި ގްރޫޕުގައި ހިމެނޭ ރޫމޭނިއާ ވަނީ ރަށުން ބޭރުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މޯލްޓާ އަތުން މޮޅުވެފައެވެ. ފެރޯ އައިލެންޑްސް ވަނީ ނޯވޭ އަތުން 2-0 އިން އަމިއްލަ ދަނޑުގައި ބަލިވެފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރޯމަން ޔަރެމްޗުކް ކާމިޔާބުކުރި ގޯލާއެކު ޔޫކްރެއިނުން ލަގްޒެމްބޯގް ބަލިކުރިއިރު ޑެންމާކް ވަނީ 5-1 އިން ޖޯޖިއާ ބަލިކޮށްފައެވެ. ލިތުއޭނިއާ އަތުން 4-1 އިން ސާބިއާ މޮޅުވިއިރު ޕޯލެންޑުން ވަނީ ރަނގަޅު ފޯމެއްގައި އޮތް އިޒްރޭލް 4-0 އިން ބަލިކޮށްފައެވެ. މީގެއިތުރުން، ބަލްގޭރިއާ އަތުން ރަށުން ބޭރުގައި 3-2 އިން މޮޅުވެ ކޮސޮވޯ އިން ދުނިޔެ ހައިރާންކޮށްލިއިރު ރިޕަބްލިކް އޮފް އަޔާލެންޑް ވަނީ ޖިބްރާލްޓާ އަތުން 2-0 އިން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު