އެމްބާޕޭގެ ކެރިއަރުގެ 100 ވަނަ ގޯލާއެކު ފްރާންސަށް މޮޅެއް

މުޙައްމަދު ޤާސިމް
ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭގެ ކެރިއަރުގައި ކާމިޔާބުކުރި 100 ވަނަ ގޯލާއެކު އެންޑޯރާ އަތުން 4-0 އިން ފްރާންސް މޮޅުވިއިރު އެސްޓޯނިއާ ކޮޅަށް ޖަރުމަނުން ލަނޑުގޯންޏެއް އޮއްސާލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ފްރާންސް ވަނީ އައިސްލޭންޑް އަތުން 2-1 އިން ތުރުކީ ބަލިވުމުން، އަލުން ގްރޫޕް އެޗްގެ ޕޮއިންޓް ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. ފްރާންސާއި ތުރުކީ އަދި އައިސްލޭންޑަށްވެސް ހަތަރު މެޗަށްފަހު ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ފްރާންސަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ފްރާންސުން ރޭގެ މެޗަށް ނިކުތީ، އެންމެފަހުން ތުރުކީއާ ދެކޮޅަށް ކުޅެ 2-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކްލެމެންޓް ލެންގްލޭ އާއި ކާޓް ޒޫމާ އަދި ފާލަންޑް މެންޑީ ހިމަނާފައިވާއިރު އާއްމުކޮށް ފުރަތަމަ އެގާރައިން ނުފެންނަ ކުޅުންތެރިންކަމަށްވާ ވިސާމް ބެން ޔެޑާގެ އިތުރުން ލިއޯ ޑުބޮއިސް އަށް ފުރުޞަތުދީފައިވެއެވެ.

އެންޑޯރާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން 11 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކޮށްދިންއިރު މި ހާފު ނިމުމުގެކުރީން އެ ޓީމުން ވަނީ އިތުރު ދެލަނޑުޖަހައި 3-0 ގެ ލީޑެއް ނަގައިފައެވެ. އެގޮތުން، މެޗުގެ 30 ވަނަ މިނެޓުގައި ފްލޮރިއަން ތޯވާން ތަނަވަސްކުރި ފުރުޞަތަކުން ސެވިއްޔާގެ ފޯވާޑް ބެން ޔެޑާ ވަނީ ފްރާންސަށް އޭނާގެ ފުރަތަމަ ލަނޑުޖަހައިދީފައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ފްރާންސްގެ ތިންވަނަ ލަނޑުޖަހައިދިނީ ތޯވާން އެވެ. މިއީ ގައުމީ ޓީމަށް އޭނާ ކުޅެދިން 10 މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 15 ވަރަކަށް މިނެޓުގެ ތެރޭގައި ފްރާންސްގެ ފަހުލަނޑު، ޖަހައިދިނީ އެވަޓަންގެ ޑިފެންޑަރު ކާޓް ޒޫމާ އެވެ. މިއީ އޭނާ ވެސް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އޭގެފަހުން، ފްރާންސްގެ ލީޑް އިތުރަށް ފުޅާކުރުމަށް، ގްރީޒްމަން އާއި އޮލިވިއޭ ޖިރޫ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.

މި މެޗުގައި ކާމިޔާބުކުރި ގޯލާއެކު އުމުރުން 20 އަހަރުގެ އެމްބާޕޭ ވަނީ ކެރިއަރުގައި ކުޅުނު 180 މެޗަށްފަހު 100 ލަނޑުހަމަކޮށްފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ކެރިއަރުގައި 100 ލަނޑުހަމަކުރީ އުމުރުން 22 އަހަރުވުމަށްފަހުގައެވެ.

 

މި މުބާރާތުގައި ރޭ ޖަރުމަން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެސްޓޯނިއާ ބަލިކޮށްފައެވެ. އެގޮތުން، ރޭގެ މެޗުގެ ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ 5-0 ގެ ލީޑެއްގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ޖަރުމަނުން ވަނީ އިތުރު ތިން ލަނޑު ޖަހާފައެވެ. މި މެޗުގައި ޖަރުމަންގެ ގޯލްތައް ޖަހައިދިނީ މާކޯ ރޮއިސް އާއި ސާޖް ނެބްރީ އަދި ލެއޮން ގޮރެޓްޒްކާ އާއި އިލްކާއި ގުންޑޮގަންގެ އިތުރުން ޓިމޯ ވާނާ އަދި ލެރޯއީ ސާނޭ އެވެ. ރޮއިސް އާއި ނެބްރީ ކުރެން ކޮންމެ ކުޅުންތެރިއެއް ދެލަނޑުޖެހިއެވެ. 

ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އިތުރު މެޗުތަކަށް ބަލާއިރު، ރޮމެލޫ ލުކާކޫ ކާމިޔާބުކުރި ދެލަނޑާއެކު ބެލްޖިއަމް ވަނީ 3-0 އިން ސްކޮޓްލެންޑް ބަލިކޮށްފައެވެ. ބެލްޖިއަމްގެ އަނެއް ގޯލް ޖަހައިދިނީ މެންޗެސްޓާ ސިޓީގެ އިތުބާރު މިޑްފީލްޑަރު ކެވިން ޑި ބްރައިނާ އެވެ. ވޭލްސް އަތުން ހަންގޭރީ 1-0 އިން މޮޅުވިއިރު އިޓަލީ ވަނީ ފަހަތުން އަރައި 2-1 އިން ބޮސްނިއާ އެންޑް ހާޒެގޮވިނާ ބަލިކޮށްފައެވެ. މި މެޗުގައި އެޑެން ޖެކޯ ކާމިޔާބުކުރި ގޯލުން ބޮސްނިއާ ލީޑްނަގައިފައިވަނިކޮށް އިޓަލީ މޮޅުކޮށްދިނީ ލޮރެންޒޯ އިންސީނިއޭ އާއި މާކޯ ވެރާޓީ ޖަހައިދިން ލަނޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު