އެލް ކްލެސިކޯގެ ފުރަތަމަ މެޗު އޮކްޓޯބަރުގައި

މުޙައްމަދު ޤާސިމް
މިދިޔަ ސީޒަނުގައި ކުޅެވުނު އެލް ކްލެސިކޯ މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް މިދިޔަ ސީޒަނުގައި ކުޅެވުނު އެލް ކްލެސިކޯ މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގެ ކުރިއަށް އޮތް ސީޒަނުގައި އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއާ ރެއާލް މެޑްރިޑް ބައްދަލުކުރާ ފުރަތަމަ އެލް ކްލެސިކޯ މެޗު ކުޅޭނީ އަންނަ އޮކްޓޯބަރު މަހުގައެވެ.

ލަލީގާގެ އާ ސީޒަނުގެ މެޗް ޝެޑިއުލް އިއްޔެ ނެރުނުއިރު ދުނިޔޭގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެލް ކްލެސިކޯގެ ފުރަތަމަ މެޗު ކުޅެވޭނީ އަންނަ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހު ބާސެލޯނާގެ ކޭމްޕް ނޯ ގައެވެ.

ރެއާލް އަދި ބާސެލޯނާ ބައްދަލުކުރާ އެލްކްލެސިކޯގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ އެއްވަނަ ދުވަހު ރެއާލްގެ ސެންޓިއާގޯ ބާނެބެއު ސްޓޭޑިއަމްގައެވެ.

މި ފަހަރުގެ ލަލީގާގެ މެޗުތަކުގެ ގުރުނަގާފައިވަނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާގެ އެހީގައެވެ. އެގޮތުން، މި ފަހަރުގެ މެޗު ޝެޑިއުލްގެ 99 އިންސައްތަ ސޮފްޓްވެއާގެ އެހީގައި ނެގިއިރު، ގުރުއަތުލުމުގެ ބާކީ 1 އިންސައްތަ ނެގީ އާއްމުކޮށް ގުރުނަގާ އުސޫލުންނެވެ. އެއީ، އެއްވަގުތެއްގައި ބޮޑެތި މެޗުތަކެއް ކުޅެން ޖެހުމުގެ ބިރު އޮތުމާއި، ކްލެސިކޯ މެޗު ލީގުގެ ކުރީކޮޅު ނުވަތަ އެންމެފަހު މެޗުތަކުގެ ތެރޭގައި ހިމެނުމުގެ އިތުރުން ކްރިސްމަސްއާ ދިމާކޮށް ހުރިހާ ޓީމެއްވެސް އެ ކްލަބެއް ހިމެނޭ ސަރަހައްދަކާ ވީހާވެސް ކައިރީގައި މެޗުތައް ކުޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

މިފަހަރުގެ ޝެޑިއުލްގައިވާ ގޮތުން، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި އޯގަސްޓްމަހުގެ 18 ވާ އާދީއްތަ ދުވަހު ރަށުންބޭރުގައި ނިކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.


މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މިހާތަނަށް ބޮޑު ހޭދައެއްކޮށްފައިވާ ރެއާލް ކުޅޭ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ސެލްޓާވިގޯއާ ދެކޮޅަށް ނިކުންނައިރު، އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ނިކުންނާނީ ގެޓާފޭއާ ދެކޮޅަށެވެ.

ލަލީގާގެ ފުރަތަމަ ހަފްތާގައި ކުޅޭ އިތުރު މެޗުތަކުގެ ތެރޭގައި، ވެލެންސިއާގެ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ ބައްދަލުކުރާ މެޗާއި އެސްޕަންޔޯލްއާ ދެކޮޅަށް ސެވިއްޔާ ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ސީޒަނުގައި ހުރި ވާދަވެރި ބައެއް މެޗުތަކަށް ބަލާއިރު، ބާސެލޯނާއާ ވެލެންސިއާ ބައްދަލުކުރާ ފުރަތަމަ މެޗު އަންނަ ސެޕްޓެންބަރުމަހުގެ 15 ވަނަ ދުވަހު ކޭމްޕް ނޯގައި ކުޅެވޭއިރު، މި ދެ ޓީމުގެ މެދުގައި ކުޅެވޭ ދެވަނަ މެޗު ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު އޮންނާނީ ވެލެންސިއާގެ ދަނޑުގައެވެ. ބާސެލޯނާއާ އެންމެ ވާދަވެރި އެ ޓީމު ކަމަށްވާ އެތުލެޓިކޯއާ ދެކޮޅަށް ރަށުން ބޭރުގައި ޑިސެންބަރުމަހުގެ ފުރަތަމަ ދުވަހު ނިކުންނައިރު، މި ދެ ޓީމުގެ މެދުގައި ކުޅެވޭ ދެވަނަ މެޗު އޮތީ އަންނަ އަހަރުގެ އޭޕްރީލްމަހުގެ 26 ވަނަ ދުވަހު ބާސެލޯނާގެ ކޭމްޕް ނޯ ގައެވެ.

އެންމެ ފާހަގަކޮށްލެވޭ، މެޑްރިޑް ޑާބީގައި ރެއާލްއާ ދެކޮޅަށް އެތުލެޓިކޯގެ ދަނޑުގައި ފުރަތަމަ މެޗު ސެޕްޓެންބަރު 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮތީ ރެއާލްގެ ދަނޑުގައި އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު