ޑި ލިޓް ގެނައުމުގެ އުއްމީދު ބާސެލޯނާ އަށް އަދި އެބައޮތް!

މުޙައްމަދު ޤާސިމް

ޔޫރަޕްގެ ގިނަ ކްލަބުތަކުން ފާރަލަމުން އަންނަ އަޔެކްސް އެމްސްޓެޑަމްގެ އުުއްމީދީ ޑިފެންޑަރު މަތައިސް ޑި ލިޓް ގެނައުމުގެ އުއްމީދު ބާސެލޯނާ އަށް އަދި އެބައޮތްކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ޔުވެންޓަސް އިން ޑި ލިޓްއާއެކު އެއްބަސްވުމަކަށްް އައިސްފައިވީނަމަވެސް، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އަޔެކްސް އިން އޭނާ ވިއްކުމަަށް ކިޔާ އަގަށްވުރެ ކުޑަ އަގެއް ޔުވެންޓަސް އިން ހުށަހެޅުމުންނެވެ. އަދި މިހާތަނަށް އައިއިރު ވިއްކާނެ އަގަކާއި މެދު ދެ ޓީމަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީވެ، ޑި ލިޓް ގެންދިއުމަށް ކުރީން މަސައްކަތްކުރި ސްޕެއިނުގެ ޗެމްޕިއަން ބާސެލޯނާ އަށް އަދި އޭނާ ގެންދިއުމުގެ ފުރުޞަތު އެބައޮތެވެ.

މީގެކުރީން، ބާސެލޯނާ އިން އަޔެކްސްއާއެކު ވަނީ 75 މިލިއަން ޔޫރޯ އަށް ޑި ލިޓް ގަތުމަށް އެއްބަސްވެފައެވެ. އެކަމަކު، ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ޑި ލިޓްގެ އޭޖެންޓް މިނޯ ރައިއޯލާ އާއެކު ބޭއްވި މަޝްވަރާތަކަށް ފަހު އެ ޑީލް ހުއްޓުނީ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ޔުވެންޓަސް އިން ޑި ލިޓްގެ ފީ އަކަށް ހުށަހަޅާފައިވަނީ 65 މިލިއަން ޔޫރޯގެ އިތުރުން ބޯނަސްގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯ އެވެ. މިއީ އަޔެކްސް އިން ޑި ލިޓް ވިއްކުމަށް ކިޔާ އަގަށްވުރެ ކުޑަ އަގެކެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ނެދަލޭންޑްސް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރި އުމުރުން 19 އަހަރުގެ ޑި ލިޓް ވަނީ އިންގްލެންޑްގެ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް، ޖަރުމަނުގެ ބަޔާން މިއުނިކް އަދި ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީއާ ވެސް މަޝްވަރާކޮށްފައެވެ.

ގައުމީ ޓީމާއެކު ކުޅުނު ނޭޝަންސް ލީގުގެ ފައިނަލްގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާއާ އެއް ކްލަބަކަށް ކުޅެން ޔުވެންޓަސް އަށް އައުމަށް ޑި ލިޓަށް ދައުވަތުވެސް ދީފައެވެ. 

ޔުވެންޓަސް އިން ޑި ލިޓް ބޭނުންވަނީ އެ ޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީގެ މަގާމަށް އެންމެ އެކަށީގެންވާ ކުޅުންތެރިއަކީ އޭނާ ކަމަށް ދެކޭތީވެއެވެ. ނިމިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް ކަޓުވާލީވެސް ޑި ލިޓްގެ ކެޕްޓަންކަމުގައި ކުޅުނު އަޔެކްސް އެވެ. އޭނާ ވަނީ ޔުވެންޓަސް ކޮޅަށް ލަނޑު ވެސް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު