ސެނެގޯލް ކުއާޓާ އަށް، ބެނިން އަތުން ބަލިވެ މޮރޮކޯ ކަޓައިފި

މުޙައްމަދު ޤާސިމް
ޔޫގެންޑާ ކޮޅަށް ލަނޑުޖެހުމަށްފަހު ސެނެގޯލްގެ ސަޑިއޯ މާނޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުގައި 1-0 އިން ޔޫގެންޑާ ބަލިކޮށް ސެނެގޯލް ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެފްރިކާގެ ގަދަ ބާރެއް ކަމަށްވާ މޮރޮކޯ ވަނީ ޕެނަލްޓީޖަހައިގެން 4-1 އިން ބެނިން އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

ރޭގެ މެޗުގައި ސެނެގޯލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ޖަހައިދިނީ ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.

ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗުގައި، ޔޫގެންޑާ އަށް ވެސް ލަނޑުޖެހުމަށް ރަނގަޅު ތިން ފުރުޞަތެއް ފުރަތަމަ ހާފުގައި ލިބިގެންގޮސްފައިވެއެވެ. އެކަމަކު، އެ ޓީމުގެ އެމަނުއެލް އޮކްވީ ފޮނުވާލި ތިން ހަމަލާވެސް ސެނެގޯލްގެ ކީޕަރު އަލްފްރެޑް ގޯމިސް މަތަކުރިއެވެ. މި ހާފުގައި ސެނެގޯލްގެ ލީޑް ފުޅާކުރުމަށް ނަޕޯލީ އަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރު ކަލިދޫ ކުލީބަލީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައިވެސް ޔޫގެންޑާގެ އެލަން ކަޓެރެއްގާ އާއި މައިކަލް އަޒިރާ އަދި ޚާލިދު އައޫޗޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ސެނެގޯލްގެ ލީޑް ފުޅާކުރުމަށް މާނޭ އަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. ޔޫގެންޑާގެ ކީޕަރު ޑެނިސް އޮނިއަންގޯ ސެނެގޯލްގެ މާނޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. ގޯލްގެ ކަނާތްފަރާތުން ކަނަށް އަމާޒުކޮށް މާނޭ ފޮނުވާލި ޕެނަލްޓީ ޔޫގެންޑާގެ ކީޕަރު އޮނިއަންގޯ މަތަކުރިއެވެ. ސެނެގޯލް އެންމެފަހުން ކުޅުނު މެޗުގައިވެސް މާނޭ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފައެވެ.

މެޗަށްފަހު ސެނެގޯލްގެ ކޯޗު އަލިއޫ ސިސޭ ބުނީ، އެ ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން މާނޭގެ ޒިންމާތައް ބޮޑުކަމަށާއި އެކަމަކު، ޕެނަލްޓީ ކާމިޔާބުނުކުރެވުނު ނަމަވެސް އެ ޒިންމާ އޭނާގެ އަތުން ނުނަގާނެކަމަށެވެ. މާނޭ އަށް ޓީމުގެ އެންމެންގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށްވެސް ސިސޭ ވަނީ ބުނެފައެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅެވުނު އަނެއް މެޗުގައި، ބެނިން ވަނީ ޕެނަލްޓީ ޖަހައިގެން ވަރުގަދަ މޮރޮކޯ އަތުން މޮޅުވެފައެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ބެނިން ކުރި ހޯދީ 4-1 އިންނެވެ.

މި މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީވެސް ބެނިން އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުގެ ލަނޑުޖަހައިދިނީ ޑިފެންޑަރު މޮއިސް އަޑިލޭހޫ އެވެ. މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ޔޫސުފް އެންނަސްރީ ކާމިޔާބުކުރި ގޯލުން މޮރޮކޯ އިން އެއްވަރުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ފަހު ހާފުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ހަކީމް ޒިޔެކް އަށް ކާމިޔާބުނުކުރެވުނެވެ.

މެޗުގެ އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ޚާލިދު އަދެނޮން އަށް ދެއްކި ރަތްކާޑުގެ ސަބަބުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބެނިން އިން ޕެނަލްޓީ ޝޫޓްއައުޓްގައި ފޮނުވާލި ހަަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެކަމަކު، މޮރޮކޯ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ވައްދާލެވުނީ އެންމެ ޕެނަލްޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު