ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ ބޭނުންވޭ: އޭޖެންޓް

މުޙައްމަދު ޤާސިމް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ މިހާރު އެ ކްލަބު ދޫކޮށްލުމަށްފަހު އެހެން ކްލަބަކަށް ބަދަލުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.

ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވި އެވެ. އޭގެފަހުން، ޔުނައިޓެޑުން އޭނާ އަލުން ގެނައީ 2016 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 89.3 މިލިއަން ޕައުންޑް އަށެވެ. ނަމަވެސް، މިހާތަނަށް އައިއިރު ޔުނައިޓެޑްގައި މެދުނުކެނޑި ރަނގަޅު ކުޅުމެއް ޕޮގްބާ އަށް ދެއްކިފައެއްނުވެއެވެ. އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 142 މެޗުގައި 31 ލަނޑުޖަހާފައެވެ.

ޕޮގްބާގެ މުސްތަގްބަލާއި ގުޅޭގޮތުން، ރައިއޯލާ ބުނެފައިވަނީ ޔުނައިޓެޑާ ގުޅުންހުރި އެންމެހާ އިސްފަރާތްތަކަށްވެސް ޕޮގްބާ އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން އެނގޭނެކަމަށެވެ.

"މި ކްލަބުގެ މެނޭޖަރުން ފެށިގެން ވެރިޔާ އަށް ވެސް އެނގޭ ޕޮގްބާ ބޭނުންވާގޮތް." ރައިއޯލާ ބުންޏެވެ.

އުމުރުން 26 އަހަރުގެ ޕޮގްބާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިވަނީ ރެއާލް މެޑްރިޑުންނެވެ. ޒައިނުއްދީން ޒިދާން އަލުން ހަވާލުވެ މެޑްރިޑް ބިނާކުރަން ކުރާ މަސައްކަތުގައި އޭނާ ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ޕޮގްބާ ކަމަށްވެއެވެ. އެކަމަކު، ކުރީގެ ކްލަބް ޔުވެންޓަސް އަށް ބަދަލުވުމަކީ ވެސް އޮތް ފުރުޞަތެކެވެ.

މީގެކުރީން، ޖަޕާނުގެ ޓޯކިޔޯއަށް ކުރި ދަތުރެއްގައި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެމުން ޕޮގްބާ ވަނީ މިއީ ކެރިއަރުގައި އާ ޗެލެންޖަކާ ދިމާލަށް މިސްރާބު ޖަހަން ރަނގަޅު ވަގުތެއް ކަމަށް ބުނެފައެވެ.

ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ޕޮގްބާ ބުނުމުން އޭނާގެ މުސާރަ ބޮޑުކޮށް, ވައިސް ކެޕްޓަންކަމުގެ ޒިންމާ ދީގެންވެސް ޓީމުގައި މަޑުކުރުވަން ޔުނައިޓެޑުން މަސައްކަތްކޮށްފައިވާކަމަށް ބައެއް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، ޔުނައިޓެޑުން މިހާރު ކުރަމުންދާ މަސައްކަތަކީ ޕޮގްބާ މަޑުކުރުވުމަށްޓަކައި ކުރިއަށް އޮތް ސީޒަނަށް އާ ކުޅުންތެރިން ގެނެސް ޓީމު އިތުރަށް ވަރުގަދަކުރުމެވެ. އެގޮތުން، މިހާތަނަށް އައިއިރު ޔުނައިޓެޑުން ވަނީ ސްވަންސީ ސިޓީން ވޭލްސްގެ ޒުވާން މިޑްފީލްޑަރު ޑެނިއަލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އިނގިރޭސި ފުލްބެކް އާރޮން ވަން-ބިސާކާ ވެސް ގެނެސްފައެވެ. 

ޔުނައިޓެޑުން މިހާރު ގެނައުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި، ލެސްޓާ ސިޓީގެ ޑިފެންޑަރު ހެރީ މެގުއަޔާ އާއި އަޔެކްސް އެމްސްޓެޑަމްގެ މަތައިސް ޑި ލިޓްގެ އިތުރުން ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ހިމެނޭކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު