އެމެރިކާ އިން ހަތަރުވަނަ ފަހަރަށް ވިމެންސް ވޯލްޑްކަޕް ކާމިޔާބުކޮށްފި

މުޙައްމަދު ޤާސިމް

ފްރާންސްގައި ކުރިއަށްދިޔަ ފީފާ ވިމެންސް ވޯލްޑްކަޕްގެ ފައިނަލްގައި ޔޫރަޕްގެ ޗެމްޕިއަން ނެދަލޭންޑްސްގެ މައްޗަށް 2-0 އިން ކުރިހޯދައި އެންމެފަހުގެ ޗެމްޕިއަން އެމެރިކާ އިން އެ މުބާރާތް ކާމިޔާބުކޮށްފިއެވެ. މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.

މީގެކުރީން، އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމު ވަނީ 1991 އާއި 1999 އަދި 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. 

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާގެ އަލެކްސް މޯގަން އާއި ސަމަންތާ މިއުވިސް އަދި ޖޫލީ އެރްޓްޒް ފޮނުވާލި ހަމަލާތައް ނެދަލޭންޑްސްގެ ގޯލްކީޕަރު ސަރީ ވެން ވީނެންޑާލް މަތަކުރިއެވެ. 

ފުރަތަމަ ހާފު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު، މެޗުގެ 61 ވަނަ މިނެޓުގައި އެމެރިކާ އަށް ލީޑްނަގައިދިނީ ލިބުނު ޕެނަލްޓީއަކުން މޭގަން ރެޕީނޯ އެވެ. މިއީ އެ ޓީމުގެ އަލެކްސް މޯގަން އަށް ނެދަލޭންޑްސްގެ ސްޓެފަނީ ވެން ގްރަޓް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. 

އޭގެ އަށް މިނެޓުފަހުން، އެ ޓީމުގެ ރޯޒް ލަވެލް ވަނީ 18 ޔާޑު ދުރުން ފޮނުވާލި ހިތްގައިމު ގޯލާއެކު ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، އެމެރިކާގެ ލީޑް ފުޅާކުރުމަށް އަލެކްސް މޯގަން އާއި ކްރިސްޓަލް ޑަންގެ އިތުރުން ކްރިސްޓެން ޕްރެސް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައި މޮޅުކުޅުމެއް ދެއްކި ނެދަލޭންޑްސްގެ ކީޕަރު ވެން ވީނެންޑާލް އެވެ.

ރޭގެ މެޗަށްފަހު, މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިންއިރު، އެޑިޑާސް ގޯލްޑެން ބޯލް އާއި ގޯލްޑެން ބޫޓް ވެސް ހޯދީ ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާ އެމެރިކާގެ މޭގަން ރެޕީނޯ އެވެ. އުމުރުން 34 އަހަރުގެ ރެޕީނޯ ވަނީ މި މުބާރާތުގައި ހަ ގޯލް ކާމިޔާބުކޮށް، އިތުރު ތިން ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އޭނާއާ އެއްވަރަށް އެމެރިކާގެ އަލެކްސް މޯގަން އާއި އިންގްލެންޑްގެ އެލެން ވައިޓް ގޯލްޖެހިނަމަވެސް، ރެޕީނޯ އަށް ރަންބޫޓް ކަށަވަރުވީ މަދުވަގުތު ކުޅެގެން ގިނަ ލަނޑުޖެހުމުންނެވެ.

މި ފަހަރުގެ މުބާރާތުގެ ތިންވަނަ ހޯދީ އިންގްލެންޑްގެ މައްޗަށް 2-1 އިން ކުރިހޯދި ސްވިޑެން އެވެ.

ކިޔުންތެރިންގެ ހިޔާލު